އަގުބޮޑުކޮށް ބޭސް ވިއްކުން ހުއްޓުވުމަށް ބޭސް ވިއްކޭނެ އެންމެމަތީ އަގު ކަނޑައަޅަނީ

unnamed.jpg

ޑޮކްޓަރީ ބޭސް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވުމުގެ ގޮތުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު، އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމަށް ކަމަށާއި ނަމަވެސް މިއީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއް ކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަ ކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށެވެ.

“ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެވޭނެ. މީގެ އިތުރުން ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޯ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރި ކުރުމުގެ ފުރުސަތު ހޯދުމަށް ވެސް މަސައްކަތް ކުރާނަން،” މިނިސްޓަރު ވިދާޅުވިއެވެ.

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އާސަންދަ ސްކީމަށް 731 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top