އޭދަފުށިން ގޯއްޗަށް އެދުނު މީހުންގެ ފޯމްތައް ބަލައި ނިމިއްޖެ. ލިސްޓް ފައިނަލް ކުރަން ފަށައިފި

viber_image_2020-10-31_10-34-38.jpg

އޭދަފުށިން ގޯތި ދިނުމަށް އެކުލަވާލާފައިވާ ވިލަރެސް ކޮމިޓީ

އޭދަފުށިން ގޯއްޗަށް އެދުނު މީހުންގެ ހުރިހާ ފޯމެއް ޗެކްކޮށް ނިންމައި، ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ވިލަރެސް ކޮމެޓީގެ މަސައްކަތް މެދުނުކެނޑި ވަރަށް ބާރަށް ކުރިޔަށް ގެންދެވުނު ކަމަށާއި، ހުރިހާ ފޯމެއް ޗެކްކޮށް މިދިޔަ ހަފްތާތެރޭގައި ނިންމާލެވިފައިވާ ކަމަށެވެ. ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ޗެކްކޮށް ނިމުނު ފޯމްތައް ދެވަނަ ފަހަރަށް ބެލުމާއި، ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ހެދުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ކުރިޔަށް ދާނެކަމަށެވެ.

“662 ފޯމް ޗެކްކޮށް ޕޮއިންޓް ދީ މިހާރު މިވަނީ ނިމިފައި. އަޅުގަނޑު އުއްމީދު ކުރަނީ ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ރީޗެކް ކޮށް ނިންމާލެވި، ގޯތި ލިބޭ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލެވޭވަރު ވާނޭކަމަށް.” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށީ ހިއްކިބިމުން 1400 އަކަފޫޓްގެ 158 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމެވީ މިދިޔަ އަހަރުއެވެ. ގޯއްޗަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން މިއަހަރު ފެބްރުވަރީގެ ނިޔަލަށް 662 ފޯމް އޭދަފުށީ ކައުންސިލަށް ހުށައަޅާފައިވެ އެވެ. މިފޯމްތައް ބަލައި، ޗެކްކޮށް ޕޮއިންޓް ދިނުމުގެ މަސައްކަތް ވިލަރެސް ކޮމެޓީން ފެށީ މިމަހުގެ މެދުތެރޭގައެވެ. މިމަސައްކަތް މިހާ އަވަސްކޮށް ނިންމާލެވުނީ ވިލަރެސް ކޮމެޓީގެ މެމްބަރުންގެ އިހްލާސްތެރިކަމުން ކަމަށް ތޮލާލު ފާހަގަ ކުރެއްވި އެވެ. އޭނާ ވަނީ ކޮމެޓީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރުވެސް އަދާ ކުރައްވާފައެވެ.

“ހާޒިރީވެސް ވަރަށް ބަރާބަރު. ވަރަށް ފުރިހަމަ. އަނެއްކޮޅުން ވަރަށް އިންސާފުވެރިކަމާއެކު އެބޭފުޅުން މަސައްކަތް ކުރެއްވީ. މެމްބަރެއްގެ މަސްލަހަތު ހިމެނޭ ފޯމެއް ޗެކްކުރާ ގަޑީގައި އެ މެމްބަރަކު ޖަލްސާއިން ނުކުމެވަޑައިގެން މަސައްކަތް ކުރިޔަށް ދިޔައީ. ވަރަށް ބޮޑަށް ޝުކުރު ހައްގު އެބޭފުޅުން އެދެއްވާ އެއްބާރުލުމަށް.” 11 މެމްބަރުންގެ ކޮމެޓީގެ ޗެއާމަން ރައީސް ތޮލާލް ވިދާޅުވިއެވެ.

ބިންފުރި ތޮއްޖެހުމުގެ ސަބަބުން އޭދަފުށިން ގޯތިދޫކުރުން 1989 ވަނަ އަހަރަށްފަހު އޮތީ މެދުކެނޑިފައެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން 2014 ވަނަ އަހަރު އޭދަފުށީ ފަޅުން 25 ހެކްޓަރުގެ ބިންވަނީ ހިއްކައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top