މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ދަށުން ކުޑަ އާބާދީތަކަށް ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަކުރާ އިންސައްތަ އިތުރުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިތުރު 30 ބިލެއް ފޮނުވާއިރު އޭގެ ތެރެއިން ލާމަރުކަޒި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި 2000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، 2000 މީހުންނަށް ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން ހިމެނޭނެ ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަދަދު ވެސް އެފަދައިން ކަނޑައެޅުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއް ކަމުގައި ކަނޑައެޅުމާއި ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުން ވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”ނިޒާމު ބޮޑުވީމައި އަޅުގަނޑުމެންނަށް މި ފެންނަނީ، މިހާރު މިސާލަކަށް ރަށެއްގެ ނަން ނުކިޔެއް ކަމަކު ސްކޫލެއް ނެތް ރަށެއް، ވިއްސަކަށް މީހުން ދިރިއުޅޭ ރަށެއް، ފަސް ކައުންސިލަރުން އެބަތިބި،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮތީ އެންމެ އެދެވޭ ގޮތަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބްލޮކް ގްރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ޒިންމާތައް އަދާކުރުމަށް އެކަނިކަން ކަށަވަރުކުރުމުގެ އިޚްތިޔާރާއި ބާރު ފިނޭންސް މިނިސްޓްރީއަށް ލިިބިދޭ މާއްދާއެއް ގާނޫނަށް އިތުރުކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ވާގޮތަކީ ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ތަޖުރިބާ ދަތުރުތަކުގައި ބޭންކޮކްގައާއި ތަންތަނުގައި އުޅޭ ތަންކަމަށާއި ،ގާނޫނު އޮތް ގޮތުން ފިނޭންސް މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ބުނެވޭނެ އެއްޗެއް ވެސް ނޯންނަ ކަމަށެވެ.
”ބްލޮކް ގްރާންޓް މިދެނީ، ބޭނުން ކަމެއް ކުރެވޭ ނުހުއްޓުވޭ، އެކަމަކު ރަށުގައި ކުރަން ޖެހޭ ކަންތައްތައް އެބަހުއްޓޭ ނުކޮށް.“ރައީސް ވިދާޅުވިއެވެ.
މީގެ އިތުުރުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށްޓަކައި، އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަންނަ ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމުން ނަގާ ޓެކްސް (ޓީޖީއެސްޓީ)ގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމުގެ ނިޒާމަށް އަމަލުކުރަން ފަށާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރު ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި 2.15 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ގްރާންޓް ފައިސާގެ ތެރެއިން، މިދިޔަ މަހުގެ 24ގެ ނިޔަލަށް ޚަރަދުކޮށްފައިވަނީ 717 މިލިއަން ރުފިޔާއެވެ.