އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންނަށް ޚާއްސަކޮށްގެން ސޮފްޓް ޓޯއީސް ކޯހެއް ހިންގަން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން އޭދަފުށީ މަލްޓި ޕާޕަސްގައި ކުރިއަށް ގެންދާ މިކޯހުގައި ކިޔަވައި ދެއްވަނީ މިކަމުގެ ތަޖްރިބާކާރު އަދި ހުނަރުވެރިޔާ، ގ.ސުތުލިގޭ ޔުމްނާ ރަޝީދު އެވެ.
މި ކޯހުގައި 13 އަންހެނުން ބައިވެރިވާ ކަމަށް އަންހެނުން ކޮމެޓީގެ ރައީސް، ޒީމާ އިބްރާހީމް ވިދާޅުވިއެވެ.
”އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގެ މަގްސަދަކީ އޭދަފުށީގެ އަންހެނުންނަކީ މަސައްކަތްތެރިކަމުގެ ތަފާތު ފަންނު ތަކުގައި ކުރިއަރާފައިވާ ބަޔަކަށް ހެދުން. ހަމައެހެންމެ ސޮފްޓް ޓޯއީސް އަކީ ފަތުރުވެރިންގެ މެދުގައިވެސް މަގްބޫލު އެއްޗަކަށް ވެފައި ދިވެހި މާކެޓްގައިވެސް ޑިމާންޑް ބޮޑު އެއްޗަކަށްވާތީ އާމްދަނީ ހޯދުމަށް މިއީ ހުޅުވިގެންދާ އާ ދޮރެއް“ ޒީމާ ވިދާޅުވިއެވެ.
ޒީމާ ވިދާޅުވީ އުއްމީދު ކުރައްވަނީ ކޯހުގެ ބައިވެރިން، އިތުރު މީހުންނަށް ދަސްކޮށްދިނުމާއެކު މި ފަންނުގައި ކުރިއަރާފައިވާ ބަޔަކު އުފެދިގެން ދިއުން ކަމަށެވެ.
އޭދަފުށީ އަންހެނުންގެ ކޮމެޓީން ވަނީ ދިވެހިން އަންހެނުންގެ އުފެއްދުންތެރި ރީތި މަސައްކަތްތަކުގެ ތެރެއިން އުވެމުންދާ އެއް ފަންނު ކަމުގައިވާ ކަސަބު ވިއުމުގެ ކޯހެއްވެސް މިދިޔަ އަހަރު ފަހުކޮޅު ހިންގާފައެވެ.