ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް 3,000 ރުފިޔާއަށް ބޮޑުކޮށް، ގިނަ އެލަވަންސް ތަކެއް ތައާރަފު ކުރަން ސަރުކާރުން ނިންމައިފިއެވެ.
ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ ގޮތުގައި މިހާރު ދެމުން އަންނަނީ 12 އަހަރު ކުރިން އެ އެލަވަންސް ދޭން ފެށިއިރު ވެސް ކަނޑައެޅި 2000 ރުފިޔާ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެލެވަންސް ތަކަށް ގެންނަ ބަދަލުތަކުގެ ތަފްސީލުތައް ދެއްވަމުން އާސަންދައިގެ ސީއީއޯ އައްޒާމް ވަޖީހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ އެންމެންނަށް ގާނޫނުގައި މިހާރު ލާޒިމްކޮށްފައިވާ 2،000ރ. އާއި މާލީ އިނާޔާތުގައި ދޭ އިތުރު 1،000ރ. އާއެކު، ޖުމްލަ 3،000ރ. ގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްތައް މި މަހުން ފެށިގެން ބޮޑުކުރާއިރު، އިތުރު ތިން އެލަވަންސެއް ތައާރަފު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަންޖެހޭ ފަރާތްތަކަށް ދޭ ކެއާރާ އެލަވަންސް އާއި ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި — ކޮންސިއުމަބަލްސް ހޯދުމަށް އެހީތެރިވުމަށް ދޭ ސެލްފް ކެއާ އެލަވަންސް އާއި ގޭބިސީ / އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ ގިނަ މީހުން އުޅޭ ނަމަ އެލަވަންސެކެވެ.
މި ތިން އެލަވަންސް ދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 65 އަހަރުން ދަށުގެ މީހުންނަށެވެ.
އިނާޔަތް ބޮޑުކުރުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 15 އިންސައްތަ މީހުންނަށް ކުރިއަށް އޮތް ތަނުގައި 6،000 ރުފިޔާ ލިބޭނެ ކަމަށް އައްޒާމް ވިދާޅުވި އެވެ.