
ސިވިލް ސާވިސް ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވި ހަރަކާތެއްގައި މުވައްޒަފުންތަކެއް ބައިވެރިވަނީ / ފޮޓޯ: އަތޮޅު ކައުންސިލް
ދިވެހި ސަރުކާރުގެ ސިވިލް ސާވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ އިތުރުކުރުމުގެ މަސްވަރާތައް ކުރެވެމުންދާކަމުގެ އިޝާރާތެއް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މަޖިލިސް މެމްބަރ އަދި މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ކުރައްވައިފިއެވެ.
ސިވިލް ސާވިސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރު އޮތީ ދެ އަތް ފުޅާކޮށް ހުޅުވާލައިގެން ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހަކީ އެކަމުގެ ފެށުން ކަމަށެވެ. ނިހާން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް އެކަމައްޓަކާ ފުރަތަމަ މަޖިލީހަށް ހުށަހަޅާފައިވާ އިގްތިސާދީ ބިލުތައް ފާސްކޮށް އިގްތިސާދު ފަހި ކުރަން ޖެހޭ ކަމަށެވެ. އަދި އެ ބިލްތަކަށް ދެކޮޅު ހަދަމުން ގެންދާތީ އެމްޑީޕީގެ މެންބަރުންނާއި ބައެއް އެހެން މެންބަރުންނަށް ނިހާން ފާޑު ވިދާޅުވިއެވެ.
“ހިންގަވާ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ އިތުރު ކުރުމުގެ ވާހަކަ ދައްކަން. އަޅުގަނޑުމެން މިތިބީ ހަމަ ދެއަތް ފުޅާކޮށްގެން، މިވެރިކަމުގައި، އަޅުގަނޑުމެންގެ ރައީސް ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް މި ވޭތުވެ ދިޔަ
ތަނުގައި ނުލިބޭ ވަރުގެ ކުރިއެރުމާއި، ފާގަތިކަން ﷲ އިރާދަ ކުރެއްވިއްޔާ އަންނާނެ. މައިގަނޑު ފެށިގެން މިދަނީ އަދި ހައެއްކަ ހަތެއްކަ މަސް މިދިޔައީ. އަޅުގަނޑުމެނ މިތައްޔާރުވަނީ އެބޭފުޅުންގެ ޕޭ ސްލިޕް އިރާދަ ކުރެއްވިއްޔާ،” ނިހާން ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއަށާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާ ކުރުމުގެ މަސައްކަތް ކުރެވޭކަމަށް ސަރުކާރު ހިންގާ ޕާޓީން ބުނިއިރު، ޓީޗަރުންގެ މުސާރަ ކުޑަކަމަށްބުނެ މީގެ ދެމަހެއްކުރިން ކަޅުހެދުމުގައި ބައެއް ޓީޗަރުން ކުރި މުޒާހަރާއަށްފަހު ޓީޗަރުންގެ މުސާރަ އޮނިގަނޑު މުރާޖައާކޮށް ނިމުމަކަށް އައިސްފައިވާކަމަށް ނާއިބްރައީސް ޑރ ޖަމީލްވެސް ވަނީ ވިދާޅުވެފައެވެ. އަދި ޑޮކްޓަރުންގެ މުސާރަ އޮނިގަނޑު އިސްލާހްކޮށް މީގެ ދުވަސްކޮޅެއްކުރިންވަނީ އަމަލުވެސްކުރަން ފަށާފައެވެ.