އިސް ރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ހާއްސަ ހަރަކާތްތަކެއް !

DSCN7718.jpg

މިއަހަރުގެ ބައިނަލްއަގްވާމީ އިސްރަށްވެހިންގެ ދުވަސް އޭދަފުށީގައި މާދަމާ ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.

ހުރިހާ މުވައްސަސާތަކެއް ގުޅިގެން އޭދަފުށީގައި މިދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމީ އިސް ރަށްވެހިންނަށް، މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި މުޖުތަމައުގައި އެމީހުންގެ މުއްސަނދި ތަޖްރިބާ އާއި އެ ބޭފުޅުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ކަމަށް ރަށު ކައުންސިލުން ހާމަކުރެއްވި އެވެ.

އޭދަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މިދުވަސް މިއަހަރު ފާހަގަ ކުރަނީ ބ.އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރާއި އޭދަފުށީގައި ހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމިޓީއާއި ކްލަބް ޖަމިއްޔާތަކާ ގުޅިގެންނެވެ.

އިސް ރަށްވެހިންގެ ޝަރަފުގައި ބާއްވާ ހަރަކާތްތައް ފެށިގެން ދާނީ ސްޓޭޖް ސަރަހައްދުން ހަވީރު 4 އިން ފެށިގެންނެވެ. ފުރަތަމަ އިވެންޓަކީ މި ހަރަކާތް އިންތިޒާމު ކުރި ހުރިހާ މުވައްސަސާތަކުގެ ފަރާތުން އިސް ރަށްވެހިންނަށް މަރުހަބާ ދެންނެވުމެވެ. އިތުރު ހަރަކާތްތަކުގެ ތެރޭގައި ރަށުގައި ހުރި ސަރުކާރުގެ މުުވައްސަސާތަކުން ކުރާ މަސައްކަތާއި އެމަސައްކަތްތަކުގެ މައުލާމާތު ދިނުން ހިމެނޭ ކަމަށް މި ދުވަހުގެ އިންތިޒާމު ތަކުގައި އިސްވެ އުޅުއްވާ ކައުންސިލަރު، ނާޒްނީނާ ޔޫސުފު ވިދާޅުވި އެވެ.

އިތުރު އިވެންތްތައް ކިޔައިދެއްވަމުން ނާޒް ވިދާޅުވީ އެބޭފުޅުންގެ ޝަރަފުގައި އޭދަފުށީ އަންހެނުން ކުރިއަރުވާ ކޮމިޓީން ތައްޔާރު ކޮށްފައިވާ ލުއި ކެއުމެއްގެ އިތުރުން އަތޮޅު ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ ސްޓޯލުން ދޭ ޚިދުމަތްތަކާއި މޯލްޑިވްސް ޕޮލިސް ސާވީސްގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފާހަގަ ކުރެއްވިއެވެ.

“ހޮސްޕިޓަލް ސްޓޯލުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އަޅާ ގިނަ މައުލޫމާތުތަކެއް ދިނުމާއި ހަކުރު އަދި ލޭގެ ޕްރެޝަރ ބަލާލުން ފަދަ ޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައި. މި ފުރުސަތުގެ ބޭނުން ކުރެއްވުން ހަމަ ކޮންމެ ބޭފުޅެއްގެވެސް އުފަލަކަށް ހައްދަވާނެކަމަށް އުއްމީދު ކުރަނީ. ” ނާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އިސްރަށްވެހިން އެބޭފުޅުންގެ ހަޔާތުގައި ދިމާވެފައިވާ އެކި ކަހަލަ ހާދިސާ ތަކާއި ވާހަކަތަކާއި ތަޖްރިބާތައް ހިއްސާ ކުރުމުގެ ގޮތުން އެފަރާތްތަކާއެކު ބަސްދީގަތުންވެސް ކުރިއަށް ދާނެ ކަމަށް ނާޒް ވިދާޅުވިއެވެ.

ނާޒް ވިދާޅުވީ އޭދަފުށީގައި ތިއްބެވި އުމުރުން 65 އަހަރުން މަތީގެ ހުރިހާ ބޭފުޅުން ވެސް މި ހަވީރުގައި ބައިވެރިވުމަކީ ރަށު ކައުންސިލުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ. އަދި ވަކިން ލިސްޓު ހަދައިގެން ދައުވަތު ކާޑު ފޮނުވުމުގެކަންތައް ވެސް ކުރިއަށް އެބަގެންދަވާ ކަމަށް ނާޒް ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top