އޭދަފުށީގެފެން ތަޣައްޔަރުވަމުން ދާކަން އެނގޭތަ؟

ފެނަކަ އޭދަފުށީ ބްރާންޗްގެ މުވައްޒަފުން ޖަންކްޝަންސާފު ކުރުމުގައި.

ފެނަކަ އޭދަފުށީ ބްރާންޗްގެ މުވައްޒަފުން ޖަންކްޝަންސާފު ކުރުމުގައި.

ދާދިފަހުން ހޮސްޕިޓަލްކައިރީގައި ހުރި ބައެއްގޭގެ ފާޚާނާތައް ފުރިގެން މުޅި ފާޚާނާތެރެއަށް ނަޖިސް ފެންތައް އައުމާއެކު އެހިސާބުގަނޑުގެ ފެނަށް އޭގެ ސަބަބުންވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ބައެއް ގޭގެ ފެނުގައި ނުބައިވަސްދުވުމާ ފާޑެއްގެ ރަހައެއްވެސް ހުރުމުގެ ސަބަބުން ފެނަށް މިއައި ބަދަލުން ތިބީވަރަށް ކަންބޮޑުވެފައެވެ. އެއްބަޔަކު ވަޅުގެ މައްސަލައެއްކަމަށްހީކޮށް އާވަޅުވެސް ވަނީ ބަހައްޓާފައެވެ. އަނެއްބަޔަކު ތިބީ ދުވަސް ކޮޅަކުން ރަނގަޅުވެދާނެކަމަށް ހީކޮށްގެންނެވެ.

މިކަން ހިނގަން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ ފެނަކަ/އޭދަފުށީ ބްރާންޗްގެ މުވައްޒަފުން ޖަންކްޝަންތަކުގެ މަތިނަގައިގެން ސާފުކުރުމުގެ މަސައްކަތް ކުރާތަން މިހާރަކަށް އައިސް ވަރަށް ގިނައިން ފެނެއެވެ. ކީއްވެގެން ހެއްޔެވެ ؟

ފެނާއި ނަރުދަމާގެ ނިޒާމު ބެލެހެއްޓުމާ ހަވާލުވެފައިވާ އޭދަފުށީ ފެނަކަ ކޯޕަރޭޝަނުން ބުނީ ހޮސްޕިޓަލް ކައިރީގައި ހުރިޖަންކްޝަން މި ދޭތެރެއަކުން ފުރިގެން ސާފުކުރަންޖެހުނުކަމާއި އެކަމުން ކައިރީގައި ހުރި ގޭގޭގެ ފާޚާނާތަކަށް އެގޮތް މެދުވެރިވެދާނެކަމުގައެވެ.

މައްސަލައަކަށް ވަނީ މިހާ ހިސާބުންނެވެ. އޭދަފުށީގެ ފެން ތަޣައްޔަރުވެއްޖެކަން ޔަގީން ކުރެވުނީއެވެ.

އެކަމަކު އެއީ ހަމައެކަނި ބިމަށް އެޅޭ ފެނަށްވުރެ ބޭނުން ކުރާފެން ގިނަވުމުގެ ސަބަބުން ވާގޮތެއްކަމަށް ނިންމޭކަށް ނެތެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވުމާއެކު ފަސޭހަގޮތް ފަސޭހަކަމަށް ބަލާބަޔަކު ދިޔަދޮވީގެ ފެނާއި ބިމަށް ހިންދަންޖެހޭ ފެން މައިޖަންކްޝަނާ ގުޅުމުން ދިމާވި މައްސަލައެއްކަމުގައި ބެލެވޭކަށްވެސް ނެތެވެ. . ފެން ތަޣައްޔަރުވުމުގައި މެދުވެރިވި އެންމެ ބޮޑު އެއްސަބަބުކަމުގައި މިހާރު މިވީގޮތުން ގަބޫލުކުރަންޖެހެނީ ނަރުދަމާނިޒާމުގެ މައި ޖަންކްޝަންތައް ހަލާކުވެ އެޖަންކްސަން ތަކުން ނަޖިސް ލީކް ވުމެވެ.

ފެނަކައިން ބުނީ އޭދަފުށީގެ ނަރުދަމާގެ ނިޒާމު ދުރު މުސްތަގްބަލަކަށް ވިސްނައިގެން ގާއިމު ކޮށްފައި ވީނަމަ މިހާ އަވަހަށް މައްސަލަ ޖެހިގެން ނުވާނެއެވެ. އޭގެ މާނައަކީ މުޅި ސިސްޓަމަށް ބާރުބޮޑުވެގެން އެންމެ ހަތްއަހަރުދުވަހުގެ ތެރޭގައި ސިސްޓަމް ފެއިލްވެގެން ދިއުމަކީ އެޕްރޮޖެކްޓަކީ ވިސްނުމެއްނެތި ކޮށްފައިވާ ކަމެއްކަމުގެ ވަރަށްބޮޑު ހެއްކެކެވެ. . އޭދަފުށީގެ އާބާދީއާއި ގޭބިސީ ތަކަށް ވޭތުވެ ދިޔަ ހަތްއަހަރުގެ ތެރޭގައި ފާހަގަކުރެވޭ ބޮޑު އިތުރުވުމެއް ނާދެއެވެ. އެހެންކަމަށްވާނަމަ މައްސަލައަކީ ފެނާއި ނަރުދަމާގެ ނިޒާމު އޭދަފުށީގައި 2008 ގައި ތައާރަފް ކުރި އިރުވެސް މި ސިސްޓަމް އޭދަފުއްޓަށް ފުދޭ ވަރަށްވުރެ ކުޑަވުންކަމުގައި ބެލެވިދާނެއެވެ.

“ޖަންކްޝަން ތައް ފުރި ބަންޑުންވާން ދިމާވާ މައިގަނޑު ސަބަބަކީ ޕްރެޝަރ ބޮޑުވުން. ހޮސްޕިޓަލް ޖަންކްޝަނަކީ ރަށުގެ އެންމެ ބާރުބޮޑުޖަންކްޝަން. އެޖަންކްޝަންއާ ގުޅިފައިވާ ގޭގެ އިތުރުން ހޮސްޕިޓަލުން ޖަންޝަނާ ގުޅިފައިވާ ހޮޅިތަކުން އެތެރެވާ އެއްޗިއްސާއި އަދި ހަމަ އެޖަންކްޝަނާ ގުޅިފައިހުރި ބިލްޑިންގެއްކަމުގައިވާ ދަނާލުން ބޭރުކުރާ އެއްޗެއްސާ އެއްވަރުގެ ކެޕޭސިޓީ އެޖަންކްޝަނަކު ނެތް. ދެން ވާގޮތަކީ އެއަށް އޮބި ނޯވެގެން ފުރިގެން ބަންޑުންވަނީ. މިކަން ތަކުރާރުވާން ފެށުމުން މިހާރު އެޖަންކްޝަން އެހެރީ މުޅިން ހަލާކުވެފަ. ދެން އެޖަންކްޝަންތަކުން ނަޖިސްފެން ބޭރުވެގެން ރަށުގެ ފެނާއެކުނުވާނެކަމުގެ ޔަގީން ކަން ދޭކަށް ނުކެރޭނެ .” ފެނަކައިން މައުލޫމާތު ހިއްސާ ކުރަމުން ބުންޏެވެ.

އެހެންވީމާ މިކަމުގެ ހައްލަކީ ކޮބާހެއްޔެވެ؟

“ހައްލަކީ މުޅި ސިސްޓަމް ބަދަލު ކުރުން. މިހާރުހުރި ޕަންޕުތައް އެންމެ ދަށްވެގެން ތިން އިންޗިއަށް ބަދަލުކޮށްގެން ނޫނީ މި މައްސަލަ ހައްލެއް ނުވާނެ. އެކަމަކު އެއީ އެހާ ފަސޭހަ ކަމެއްނޫން. މުޅި ސިސްޓަމް ޑައުން ކޮށްގެން ނޫނީ މިކަމެއް ނުކުރެވޭނެ. އެކަމަށް ވަގުތުވެސް ބޭނުންވާނެ.” ފެނަކައިން ބުންޏެވެ.

އެނގޭ ކަމަކީ އޭދަފުށީގެ ބިމުގައިވާ މީރުފެން ފަށަލަ ހަލާކު ކުރުމުގައި ނަރުދަމާ ނިޒާމު ބައިވެރިވާނަމަ އެކަން ބޮޑުކަމަކަށް ބަދަލުވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހިފައިވާ ކަމުގައެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މި ދައްކަނީ ރަށެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ މައިގަނޑު ވަސީލަތާ ގުޅިފައިވާ އެންމެ އަސާސީ އެއް ބޭނުމުގެ ވާހަކައެވެ. އެތައް ބައެއްގެ ދިރިހުރުމާ ދުޅަހެޔޮ ސިއްހަތަކާވެސް ގުޅިފައިވާ ކަމަކަށްވާތީ މި ކަމުގެ ތެރެއަށް އޭދަފުށީކައުންސިލްވެސް ވަންނަން އެބަޖެހެއެވެ. ފެނަކައާއެކު މަސައްކަތްކޮށްގެން މިކަން ހައްލުކުރުމަށް އަވަސްވެގަންނަންޖެހެއެވެ. އެހެންނޫނީ ތަޣައްޔަރު ވެފައިވާ ފެނުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި ބައްޔެއް ނުވަތަ ރޯގާއެއް ފެތުރުމަކީވެސް ދުރުކަމެއްނޫނެވެ. ރައްކާވެތިބިއްޔާދަތުރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top