އޭދަފުށީ ޗާންދަނީގޭ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އޭދަފުށީގައި އަޅާދެއްވާފައިވާ އިންޓަނޭޝަނަލް ޓާފް ދަނޑުގައި ގާއިމް ކުރަން ނިންމާފައިވާ ރޮސްޓްރަމާއި ސިޑިބަރީގެ މަސަައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިމަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު، ރެސްޓްރަމްގެ ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޭދަފުށީގައި ވަނީ ބާއްވާފަ އެވެ. ބިންގާ އަޅުއްވައިދެއްވީ އޭދަފުށީގެ ވެޓެރަން ފުޓްބޯޅަ ތަރިން ކަމުގައިވާ ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ރާއްޖޭން ފުރަތަމަ ރިހި މެޑަލް ހޯދި (1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި) ފުޓްބޯޅަ ޓީމުގައި ހިމެނުނު އޭދަފުށީގެ ކުރީގެ ޑިފެންޑަރު އަބްދުލްވާހިދު ހުސޭނުގެ އިތުރުން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކެޕްޓަންގެ މަގާމުގައި ހުންނެވި އަބްދުލް މަޖީދު ހަސަނެވެ.
އޭދަފުށީ ކައުންސިލުން ބުނީ މިއަދު މި ބިންގާ އެޅި ރޮސްޓްރަމް އާއި ސިޑިބަރީގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކޮށް އަންނަ އަހަރުގެ ކުރީކޮޅު މުޅިން ނިންމާލެވޭނެ ކަމަށެވެ.
މިތަން ނިމޭއިރު ހުންނާނެ ގޮތުގެ ތަފްސީލު ދެމުން ކައުންސިލުން ބުނީ ސިޑިބަރީ ތަރައްގީކުރަނީ 850 މީހުންގެ ޖާގައަށް ކަމަށެވެ. މީގެ އިތުރުން 30 ބޭފުޅުންގެ ވީވީއައިޕީ އަކާއި 100 ބޭފުޅުންގެ ވީއައިޕީ އެއް ރޮސްޓްރަމްގައި ތަރައްގީކުރަން ވަނީ ނިންމާފައިވާ ކަމަށެވެ.

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާ އެކު ހަދާ ސިޑިބަރި ހުންނާނެ ގޮތުގެ ކުރެހުމެއް، ގްރެފިކްސް/ސިއާކް
މީގެ އިތުރުން ވީއައިޕީ ވެއިޓިން ލޯންޖަކާއި، ނަމާދު ކޮޓަރި، ޕްރެސް ރޫމް، ދެޓީމުގެ ޗޭންޖިން ރޫމް، މެޑިކަލް ރޫމް، މީޑިއާ ބޮކްސް، ސްޓޭޑިއަމް އޮފީސް، ކޯޗުންގެ ރޫމްގެ އިތުރުން ރެފްރީންނަށް ހާއްސަކޮށް ކޮޓަރިއެއްވެސް އެތަނުގައި ހުންނާނެ ކަމަށާއި ވީއައިޕީ ރިފްރެޝްމަންޓަށް ވަކިން ތަނެއް ހަމަޖައްސައި އެމްބިއުލާންސަށް ހާއްސަ ޕާކިން ސަރަހައްދެއް ވެސް ދަނޑުގައި ކަނޑައަޅަށް ވަނީ ނިންމައިފަ އެވެ. މަސައްކަތް އެއްކޮށް ނިމޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ކުޅިބަލަން އައިސް ތިބެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ދަނޑުގެ ރޮސްޓްރަމާއި ސިޑިބަރީގެ ބިންގާ އެޅުމަށް ފަހު މިއަދު ވަނީ އެ ދަނޑުގައި ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. މި މެޗުގައި ވާދަކުރީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާއި ހުޅުމާލޭ ވެޓަރަންސް ޓީމެވެ. މި މެޗު 3-0 އިން ކާމިޔާބުކުރީހުޅުމާލޭ ވެޓަރަންސް ޓީމެވެ.