ކުށުގެ ރެކޯޑް ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުރުކޮށްފި

DSCN2034.jpg

ކުށުގެ ރެކޯޑް ދޫކުުރުމުގައި ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަކޮށް ޕޮލިސް ރިކޯޑް ދޫކުރުމާ ބެހޭ ގަވާއިދު ހޯމް މިނިސްޓްރީން އާންމުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހޯމް މިނިސްޓްރީން އާންމުކޮށް ގެޒެޓްގައި ޝާއިއުކޮށްފައިވާ “ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގެ ގަވާއިދު”ގައި ރިކޯޑް ބެލެހެއްޓުމާއި ފޯރުކޮށްދެވޭނެ ގޮތްތަކާއި ހިމަނަންޖެހޭ މައުލޫމާތު ބަޔާންކޮށްފައިވެއެވެ.

ކުށުގެ ރިކޯޑު ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަ ކުރި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އެއަށްވުރެ ދިގު މުއްދަތެއްގެ ރިކޯޑް ބެލުން ވެސް ގަވާއިދު ހުރަހެއް ނާޅަ އެވެ.

އެގޮތުން ޕޮލިސް ރިކޯޑު ދޫކުރުމުގައި ގެންގުޅޭ ކެޓަގަރީތަކެއް ވެސް ހޮނިހިރު ދުވަހު ގެޒެޓު ކުރި ގަވާއިދުގައި ވަނީ ތައާރަފްކޮށްފަ އެވެ. ވަޒީފާގެ ބޭނުމަށް ޕޮލިސް ރިކޯޑް ދޫކުރުމާއި ގާނޫނީ ޝަހްސެއް ބޭނުންވެގެން ރިކޯޑް ދޫކުރުމާއި ދައުލަތުގެ އިދާރާއަކުން ބޭނުންވެގެން ރިކޯޑް ދޫކުރުން ވަނީ އެ ގަވާއިދުގައި ހިމަނައިފަ އެވެ.

ޕޮލިސް ރިކޯޑު ދޫކުރުމާ ބެހޭ ގަވާއިދު ބުނާ ގޮތުން ޖިނާއީ އެއްވެސް ކުށެއްގެ ތަހުގީގު ހިނގާ ނަމަ، “އާންމު އުސޫލުން” އެއީ ޕޮލިސް ރިކޯޑެއް އޮތް މީހެއް ކަމަށް ބަލަންޖެހެ އެވެ. މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާ ނަމަވެސް އެއީ ރިކޯޑެއްގެ ގޮތުގައި ބަލަންޖެހެ އެވެ.

އެކަމަކު ވަޒީފާގެ ބޭނުމަށް ދޫކުރާ ޕޮލިސް ރިކޯޑުތަކުގައި ހިމަނަންޖެހޭނީ ހަމައެކަނި ޖީނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑު 10 ކުށުގެ ތެރެއިން ކަމަކަށް ތުހުމަތު ކުރެވިގެން އޭނާގެ މައްޗަށް ތަހުގީގެއް ކުރަމުންދާ ނަމަ އެވެ. އެކަމަކު ފާއިތުވި ތިން އަހަރު އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާފައިވާ ނަަމަ ހުރިހާ ޖިނާއީ ކުށެއްގެ ތަފްސީލު ވެސް ރިކޯޑުގައި ހިމަނަންޖެހެ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ މީހުން މެރުމާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ކަޅު ފައިސާ ދޮވުމާއި ޓެރަރިޒަމަށް ހަރަދު ކުރުމާއި ވަގުފާރީގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000ރ. ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކެވެ.

އޭގެ އިތުރުން ، ޕޮލިސް ރިކޯޑު ދޫކުރުމުގައި ބަލަންޖެހޭނީ ފާއިތުވި ތިން އަހަރުގެ މައްސަލަތަކަށް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އެކަމަކު އެއަށްވުރެ ދިގު މުއްދަތެއްގެ ރިކޯޑު ހޯދަން އެދިފައިވި ނަމަވެސް އެކަން ކުރުމަށް ގަވާއިދު ހުރަހެއް ނާޅައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top