ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު “ނިއު ނޯމަލް” އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާ ކަމަށާއި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ މީހުންނަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.
ކޮވިޑްގައި ދިވެހިން 513 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.