ޕީޕީއެމްގެ ޓީމުތައް އަތޮޅުތަކަށް

big_ym0Jvcd0PPzNGyhQaW8gvdwPQ.jpg

ޕީޕީއެމްުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުން---ފޮޓޯ :އަވަސް

“މަވެސް ޕީޕީއެމް”ގެ ނަމުގައި ޕީޕީއެމުން ޕާޓީ އަށް މެންބަރުން ހޯދުމަށާއި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ އަށް ޚިޔާލު ހޯދުމަށް އަތޮޅުތަކަށް ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ޕީޕީއެމް އޮފީހުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ޓީމު ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގެ 14 ރަށަށެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝުޖާއު ވިދާޅުވީ މިދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމަށް މެންބަރުން އިތުރުކުރުމާއި ރިޔާސީ މެނިފެސްޓޯ އަށް ޚިޔާލު ހޯދުން ކަމަށެވެ.

ހއ. ދަތުރުގައި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް ރަށުގެ ތަރައްގީއާ ގުޅޭ ޕްލޭންތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެކަމުގެ މަޝްވަރާތައް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޕީޕީއެމުން ހއ. އަތޮޅަށް ކުރާ ދަތުރުގައި އިސްކޮށް ތިއްބަވާނީ ޝުޖާއުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

ޕީޕީއެމުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމެއް އިއްވާފައިވީ ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް އެޕާޓީން ގެންދަނީ ބުނަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top