އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފެށޭނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ )ގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
ނަޒީމް މިއަދު އީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގު ހެދުމަށް އެކުންފުނިން ތައްޔާރު ވެފައިވާކަމާ މަސައްކަތް ފެށުން ލަސްވަނީ އިދާރީ ބައެއްކަންކަން އަދިވެސް މުޅިން ހަމަނުޖެހޭތީކަމުގައެވެ.
އެގޮތުން ފާހަގަކުރެއްވި އެއްކަމަކީ އޭދަފުށިގައި މަގުހެދުމުގެ މަސައްކަތަށް އޭދަފުށިން ނަގަން ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާނު ކުރުމުން ބޭނުންވާ ވަރަށް މުވައްޒަފުން ނުލިބުމެވެ. އެހެންވެ މިހާރު ދެވަނަފަހަރަށް މީހުން ހޯދަން އިއުލާނު ކުރަން އޭދަފުށިކައުންސިލްގައި އެދިފައިވާނޭކަމަށް ނަޒީމް ވިދާޅުވިއެވެ. މިކަން އޭދަފުށީ ކައުންސިލުންވެސް ޔަގީން ކޮށްދެއްވިއެވެ.
ދެވަނަ ކަމަކަށް ނަޒީމު ފާހަގަކުރެއްވީ މަގުހެދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އީއައިއޭ ހުއްދަ އަދި ލިބިފައި ނެތުމެވެ.
އެހެންނަމަވެސް މިހުރިހާ ކަމެއް ހަމަޖެހިގެން މިމަހުގެ ފަހުކޮޅު މަސައްކަތް ފަށާނެ ކަމުގައި ނަޒީމް ވިދާޅުވިއެވެ.
މިކަމާ ބަހޭގޮތުން އޭދަފުށީ ކައުންސިލުން ބުނީ އޭދަފުށީގެ ތަރައްގީއަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން މަގުހެދުމުގެ ޕްރޮޖެކްޓަކީ ކައުންސިލްގެ މަޝްވަރާއާއި ބައިވެރިވުން ވަރަށްބޮޑަށް އޮވެގެން ހިންގާ ޕްރޮޖެކްޓެއްކަމުގައެވެ.
އޭދަފުށިގެ 15 މަގު ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 16ޖޫން 2015 ގައި 33 މިލިޔަން ރުފިޔާއަށް މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތައްހަދާނީ ތާރު އަޅައިގެންނެވެ.