މިއަހަރުގެ ބޮޑުއީދު ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން ، މޯލްޑިވިއަނުން ދަރަވަންދުއަށް ޚާއްސަ ދަތުރު ތަކެއް ކުރާ ގޮތަށް ނިންމައިފި ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ދަރަވަންދޫގެ އިތުރުން ހދ. ހަނިމާދުއަށް ވެސް ވަނީ ޚާއްސަ ދަތުރު ތަކެއް ކުރަން ނިންމާފައެވެ.
މި ދަތުރުތަކުގެ ދެކޮޅު ދަތުރުތައް އީދު ފެށުމާއި ނިންމުމާއި ދިމާކޮށް ކުރާ ގޮތަށް ރާވާފައިވާ އިރު، ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހު އެވެ.
މޯލްޑިވިއަނުން ބުނީ އެ ދުވަސްތަކުގައި ދަތުރު އޮންނާނީ މާލެއިން ދަރަވަންދޫ އަދި ދަރަވަންދޫއިން ހަނިމާދޫ އަށް ކަމަށެވެ.
އީދު ނިންމުމަށް ފަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ،30 އަދި 31 ވަނަ ދުވަހު ކަމަށާއި އެ ދުވަސްތަކުގައި ދަތުރުތައް އޮންނާނީ ހަނިމާދޫއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެ އަށް ކަމަށް ވެސް ގައުމީ އެއާލައިނުން ބުނެ އެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ހަނިމާދޫ، ދަރަވަންދޫ އަދި ރ. އިފުރު އެއަރޕޯޓަކީ ޑިމާންޑު ބޮޑު އެއަރޕޯޓުތަކެވެ.