މީތި ސަޅިއެއް ނޫންތަ !

މަިނމމ.jpg

މިއީ އޭދަފުށީގެ އުތުރު ފަރާތު ބަނދަރު މައްޗެވެ. ފަސް އަހަރުން އެއްފަހަރު އަންނަ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ދައްކަން ބޭނުންވާ މަންޒަރު މިފެންނަނީ އެވެ. ރިޔާސީ އިންތިޚާބަކަށްވުރެ ބޮޑަށް ވައްތަރުވާން އުޅެނީ ރީދޫކުލައާއި ފިޔާތޮށި ކުލައިގެ އީދެއްގެ ގޮތުގައެވެ. މައްސަލައެއް ނެތެވެ. ޕާޓީގެ ބޮޑުކަން ދެއްކުމަށް އެބައެއްގެ ދިދަ ބޭނުންކޮށްގެން ކުރެވެން އޮތް ކަމެއް ކުރަނީ އެވެ. ކޮންމެ އެއްޗެކޭ ހީކުރެވުނަސް އޭދަފުށި ފައްކާވަމުން މިދަނީ އަންނަ މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށެވެ.

މި ފެށިގން އުޅެނީ އެ ކަންތައް ގަނޑެވެ. ރިޔާސީ ކެންޑިޑޭޓް، ރަށަށް ކޮށްދޭން ވައުދުވި އެތައް ވައުދެއް ނުފުއްދަވާ އޮތްކަން ހަނދާންކުރަން ބޭނުމެއް ނުވެ އެވެ. އަނެއްކާވެސް އޭނާއަށް ވޯޓު ދިނުމަށް ގޮވައިލެވެއެވެ. އެބައެއްގެ ކެންޑިޑޭޓަކީ އެންމެ އެކަށީގެންވާ މީހާ އެވެ. އާ ކެންޑިޑޭޓެއް ނަމަ އޭނާގެ ފަތިފުށް ހޯދައިގެން ރަނގަޅު ނުރަނގަޅު އަޅާކިއުމެއްވެސް ނޯވެއެެވެ. މޮޅު ވާހަކަ ދައްކައިގެން ރައްޔިތުންގެ އަތުން ވޯޓެއް ލިބޭތޯ މަސައްކަތް ކުރުމުގެ ބަދަލުނުވާ ޒަމާންވީ އާދައެވެ. ގަޓުހުރި ފިރިހެނުން ތިބޭ ބައެއް ރަށްރަށުގެ އިދިކޮޅު ފަރާތްތަކުން  އެކެންޑިޑޭޓަށް ތަންކޮޅެއް ހުތުރުކޮށް މަންޒަރު ނުދައްކާ ވާހަކައެއް ނޫނެވެ.

ކޮންމެ ރަށެއްގައިވެސް މި ފޯރި ހުންނާނެ އެވެ. އެކިރަށުގައި އެކި ފެންވަރަށެވެ. އެހެން ނަމަވެސް ރިޔާސީ ކެނޑިޑޭޓް ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމަކީ އާދައިގެ ކަމަކަށް ނުނަގައެވެ. އެކަން ނަގަނީ އީދެއްގެ ގޮތުގައެވެ. ގިޑިގެ ތަކާއި ކެންޑިޑޭޓްގެ މޮޅު ވާހަކަ ލިޔެފައި ހުންނަ ބެނާތަކުން އަތިރިމަތި ފުރާލަ އެވެ. ލޭކައްކުވާލާ ގައުމީ ލަވަތަކުގެ އަޑުން މުޅި ރަށުގެ ހިމޭންކަން ކަނޑުވާލައެވެ. ކެންޑިޑޭޓަށް މަރުހަބާ ކިއުމުގެ ގޮތުން އޭނާއަށް ސަނާ ކިޔާ ލަވަތަކާއި އެއްހަމައަށް ބަނޑިބަނޑި ލައްވަމުން ނަށާ ޒުވާން އަންހެނުން ކުދިންގެ ބަލާފޫހިނުވާ ހަރަކާތްތަކުން، އަސްލު މަގްސަދު އޮޅިގެން ދެއެވެ.

މިހުރިހާ ކަމެއް އޭދަފުށީންވެސް ފެނެއެވެ. ބާކީ އޮތް މަދު ދުވަސްކޮޅު އަދި އިތުރަށް ފެންނަމުންވެސް ދާނެއެވެ. ނަމަވެސް ތަފާތަކީ ތަފާތު ފިކުރުތަކާއެކު ވެސް އެންމެންގެ އެހުންނަ ގާތްކަމާ އެކުވެރިކަމެވެ. ކޮންމެ މީހެއްގެވެސް އަމިއްލަވަންތަ ކަމަށް އަނެކުން ކުރާ ގަދަރެވެ. އެ ހެކި މިހިރީ ފެންނާށެވެ. މުޅި އަތިރިމަތި ރީނދުލާއި ފިޔާތޮށި ކުލަ، އަތްގަދަކޮށްފައިވާ އިރު އެ ދެކުލަ ޖެހިޖެހިގެން ހުރުމުން އެއީ ވަރަށް ގިނަ ވާހަކަ އެވެ. ރައްޔިތުންގެ އެއްބައި ވަންތަ ކަމެވެ. އެކަކު އަނެކަކަށް ކުރެވޭ އިހުތިރާމުގެ ބޮޑުކަމެވެ. ހަމަނުޖެހުމަށް ޖާގައެއް ނެތް ކަމެވެ. އަހަރެމެންނަށް ކިޔަވައިދެއްވި އުސްތާޒު، އިދްރީސް އަލީ (ރަޙިމަހުއްﷲ) ވިދާޅުވެފައިވާފަދައިން ”އުޅޭށެވެ. އުޅުނަ ދޭށެވެ.“މި ހިކުމަތްތެރި ބަހުގެ ރީތި މިސާލެކެވެ.

މި މަންޒަރުގެ ފަހަތުގައި އޮތީވެސް ހަމައެކަހަލަ ވާހަކަ އެކެވެ. ރިޔާސީ އިންތިޚާބަށް އެކި ކުލައަށް ސަޕޯޓު ކުރާ މީހުން ޕާޓީ ރޫހުގައި އެއް ތަނެއްގައި މަސައްކަތް ކުރިކަމަށް ވިޔަސް މިއީ އެއްބައެއްކަން ހަނދާން ނައްތާނުލައެވެ. މަސައްކަތުގައި ހަރަކާތްތެރިވާ އިރު ބޯފެނާ ޖޫހާއި ދަޅު ކަހަލަ ތަކެތި އެއް ޕާޓީން އަނެއް ޕާޓީއަށް ފޯރި ކޮށްދެއެވެ.

އުފާވެރި މަންޒަރެކެވެ. ދެން ބޭނުންވާ މަންޒަރެކެވެ. ދެކޭ ހިތްވަނީ ކޮންމެ ރަށަކުންވެސް މިމަންޒަރެވެ. އެއް ޕާޓީ އަނެއް ޕާޓީއަށް އެހީތެރިވުމުގައިވެސް އޭދަފުއްޓަކީ ހަމަ ނަމޫނާ އެކެވެ. ”މީތި ސަޅިއެއް ނޫންހޭ “ނުބުނެވޭނެ ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top