އޭދަފުށިން ކޮވިޑަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ދެ ދުވަސް. އިތުރު ކުރީ ކާފިއުވަގުތު

DSCN9884.jpg

އޭދަފުށި --އީވީ ފޮޓޯ

އޭދަފުށިން ކޮވިޑް ބަލީގެ އަލާމާތްތައް ނުފެންނަތާ ދެދުވަސް ފަހުން ރަށުގައި ކޮވިޑް ރޯގާ އިތުރުވަމުން އަންނަ ކަމަށް އޭދަފުށީ ކައުންސިލަށް ފެނިގެން މާދަމާއިން ފެށިގެން ކާފިއު ވަގުތު އިތުރު ކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނަނީ އޭދަފުށީގައި ފެތުރެމުންދާ ކޮވިޑް 19 ރޯގާ އަށް ފައްސިވާ މީހުން އިތުރުވަމުން ދާތީ މިހާރު އާއްމު ކުރެވިފައިވާ ކާފިއު ގަޑިއަށް ބަދަލު ގެނައުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ ) އިން ނިންމަވާފައިވާތީ 18 ޖޫން އިން ފެށިގެން ކާފިއު ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 4 އިން ފެށިގެން ފަތިހު 4 އާ ހަމައަށް ކަމަށެވެ.

އެކަމަކު އެޗްޕީއޭ އިން އެގޮތަށް ނިންމެވީ އޭދަފުށީ ކައުންސިލުން ރަށުގެ ކޮވިޑް ހާލަތު ބަޔާން ކޮށްދީފައިވާ ގޮތުން ކަމަށް ކާފިއު އިތުރު ކުރަން ނިންމެވިކަން އެންގުމުގެ ގޮތުން ކައުންސިލަށް ފޮނުވި ސިޓީން ކަން ހާމަ ވެއެވެ.

އެޗްޕީއޭގެ ސިޓީގައި ވަނީ، ”އޭދަފުށީ ޓާސްކްފޯސް ކޮމިޓީއާއި ކަމާބެހޭ މުވައްސަސާ ތައް މަޝްވަރާ ކޮށް ނިންމާފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އެންމެ ރަނގަޅު” ކަމަށެވެ

ރަށު ކައުންސިލުން ކޮވިޑް ރޯގާގެ ހިސާބު ޖަހަން ގެންގުޅޭ ފޯމިއުލާއިން ރަށުގައި ކޮވިޑް ފެތުރޭ މިންވަރު ގިނަވަމުން ދާކަން ފާހަގަ ކުރެވުނަަސް ބ.އަތޮޅު ހޮސްޕިޓަލުން އާއްމު ކުރާ ކޮވިޑްގެ ތަފާސް ހިސާބު ތަކަށް ބަލާއިރު ފާއިތުވި ދެ ދުވަހު އޭދަފުށިން ކޮވިޑްގެ އެންމެ ކޭހެއްވެސް ނުފެނެ އެވެ. އެންމެ ފަހުން ރޭ އާއްމުކުރި ތަފާސް ހިސާބުތަކުން ވެސް ތަފާތެއްގެ ގޮތުގައި ފެނުނީ ނަތީޖާ ނުލިބި އަދި 57 ސާޕްޕަމް ވާކަމެވެ.

އިތުބާރު ހުރި މަސްދަރަކުން އީވީއަށް މައުލޫމާތު ދިން ގޮތުގައި އެ 57 ސާމްޕަލްގެ ނަތީޖާވެސް ރޭ 12ގެ ކުރިން ވަނީ ލިބި ނެގެޓިވް ވެފައެވެ. މާނައަކީ މިއަދާއެކު ފާއިތުވި 3 ދުވަހުވެސް އޭދަފުށިން ކޮވިޑް ބަލީގެ އެކަކުވެސް ނުފެނެ އެވެ.

އޭދަފުށީގައި ކާފިއު އިތުރުކުރަން ރަށު ކައުންސިލުން ނިންމާފައިވަނީ ކޮވިޑް އާއި ގުޅިގެން އޭދަފުށީގައި އުފައްދާފައިވާ ސްޓެއަރިން ކޮމިޓީން މީގެ ދެދުވަސް ކުރިންނެވެ. އެއީ އޭރުގެ ހާލަތުގެ މައްޗަށް ބައްލަވާފައެވެ. އެކަން ކައުންސިލްގެ ރައީސް ފާތިހުވެސް ފާހަގަ ކުރައްވައެވެ.

“ކާފިއު ވަގުތު އިތުރުކުރަން ނިންމާފައިވަނީ ޓާްސްކްފޯސް އާއި ކަމާބެހޭ މުވައްސަސާ ތަކާއި މަޝްވަރާ ކުރުމަށްފަހު މީގެ ދެދުވަސް ކުރިން ރަށް އޮތް ހާލަތަށް ބަލާފައި.” ފާތިހު ވިދާޅުވިއެވެ.

މިއަދަކީ އޭފެ ފަހުން 3ވަނަ ދުވަހެވެ. މިހާރު ހާލަތު ވަނީ ބަދަލު ވެފައެވެ. އެކަން ރައީސްގެ ސަމާލު ކަމަށް ނައުން ގޯހެވެ. ރަނގަޅު ހާލަތުގައި އޮއްވާ ރައްޔިތުންގެ ހިތްތަކުގައި ވާނުވާ ނޭގޭ ގޮތަށް ކަންތައް މާ ބޮޑުކޮށްލެވެނީ އެވެ.

އެހެން ނޫނަސް މި ފަދަ ބޮޑުކަމެއް ނިންމުމުގެ ކުރިން އަތޮޅު ހޮސްޕިޓަލާ އަދި ބ.އަތޮޅަށް ކަނޑައަޅުއްވާފައި ހުންނަ ކޮވިޑާބެހޭ ފޯކަލް ޕޮއިންޓްގެ ބަހެއްވެސް ހޯދާލުން ވެސް ހަމަ ރަނގަޅުވާނެއެވެ. ކުރިން ކަންތައް ކޮށްފައި ހުރީވެސް އެގޮތަށެވެ.

“ސްޓެއަރިން ކޮމިޓީގެ ބައްދަލުވުމަށްފަހު އިތުރު ބަޔަކާ މަޝްވަރާ ނުކޮށް އެދުވަހުން ދުވަހަށް އެޗްޕީއޭއަށް އެ ސިޓީ ފޮނުވާލީ.” ކަމާބެހޭ މުވައްސަސާއެއްގެ ވެރިއަކު ވިދާޅުވި އެވެ.”

ފޯކަލް ޕޮއިންޓް ވިދާޅުވީ އެހެން ހުރިހާ ފަހަރަކު މިފަދަ ނިންމުމަކާ ހަމައަށް ދާއިރު މަޝްވަރާ އަހާ ކަމަށާ މި ފަހަރު އެކަން ނުކުރާ ކަމަށެވެ.

“މީގެ ކުރިން މަޝްވަރާ ކުރޭ. އެހެންނަމަވެސް މި ފަހަރު އަޅުގަނޑާ އެއްވެސް މަޝްވަރާއެއް ނުކުރޭ” ބ.އަތޮޅަށް ކަނޑައަޅުއްވާފައި ހުންނަ ފޯކަލް ޕޮއިންޓް ވިދާޅުވިއެވެ.

އެއްވެސް ސަބަބަކާ ނުލައި ކައުންސިލަށް ފެނިވަޑައިގަތުމުން އަނެއްކާވެސް ރަށު ބަންދުގައި ތިބުމުގެ އިތުރުން ގޭގެ ބަންދުގައި ތިބެން ޖެހޭ ވަގުތުތަކެއް އިތުރު ވެގެން ދިޔައީއެވެ.

“އެމީހުންނަށް ކޮން ކަމެއް.؟ ބަރާބަރަށް މުސާރަ ހިނގާނެ. އަހަރެމެންގެ ދެއަތް އިތުރަށް ބަންދު ވުމަކީ އަހަރެމެންގެ އާއިލާ އަށް ލިބޭނެ ނިކަމެތި ކަން އިތުރަށް ނިކަމެތިވެގެން ދާނެ ކަމެއް.ރަށުގައި ކޮވިޑް ފެތުރެމުން ދާނަމަ ބަންދު ކުރަން ޖެހޭނެ. އެކަމަކު ރަނގަޅު ހާލަތުގައި އޮއްވާ ބަންދު ކުރުމަކީ ކައުންސިލުން އެޅި ވަރަށް ނުރަނގަޅު ފިޔަވަޅެއް.” މިއީ އޭދަފުށީގެ މަސްވެރިއެއްގެ ޝުއޫރު ތައް ހުރި ގޮތެެވެ.

އާއްމު ރައްޔިތުމީހާ އާމްދަނީ ހޯދަން ކުރާ މަސައްކަތް ނިމުނަސް ނުނިމުނަސް ކޮންމެ ގޮތެއް ހަދާފައިވެސް ހަވީރު 4ގެ ކުރިން ގެއަށް ވަންނަން ޖެހޭނެއެވެ. އެހެން ނޫނީ ދެން ޖެހޭނީ ބުރަމަސައްކަތުން ހޯދާ މަދު ފައިސާ ކޮޅު ޖުރިމަނާގެ ގޮތުގައި ދައުލަތުގެ ތިޖޫރިއަށް ޖަމާކުރާށެވެ. ހަގީގަތަކީ މިއީ ނޫންހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top