ރާއްޖޭގައި އެންމެ ބޮޑަށް ފެތުރުނީ އިންޑިއާ ވޭރިއަންޓް

276997_3_2e1d2c0cecea714af1053cd16c7cab76f1529302_large.jpg

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރުނީ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސީކުއެންސިން ހެދުމަށް އެންމެ ފަހުން ފޮނުވި ތިންވަނަ ބެޗުގެ ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސީކުއެންސިން ހެދުމަށް ކޮންމެ ފަހަރަކު 30 ސާމްޕަލް ފޮނުވާއިރު އެ ސާމްޕަލްތަކުގެ ނަތީޖާ ދައްކާ ގޮތުން، އޭގެ ތެރޭގައި އެންމެ ގިނައީ މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާއިން ފެނުނު ޑެލްޓާ ވޭރިއަންޓެވެ.

މި ވޭރިއެންޓް މިހާރު 70 އަށްވުރެ ގިނަ ގައުމުން ވަނީ ފެނިފަ އެވެ. ޑެލްޓާ އަށް ފަހު ރާއްޖޭގައި ދެން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ އަލްފާ ވޭރިއެންޓް އެވެ. މިއީ އިނގިރޭސިވިލާތުގެ ކެންޓް އިން މިދިޔަ އަހަރުގެ ޖެނުއަރީ މަސް ތެރޭ ފުރަތަމަ ފެނުނު ވޭރިއެންޓް އެކެވެ. މި ދެ ވޭރިއެންޓްއަކީ ހަލުވިކަމާއެކު ފެތުރޭ ދެ ވޭރިއެންޓްކަމަށް ސައިންސްވެރިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އިންޑިއާ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިންނެވެ.

އިންޑިއާގެ ބޭރުން އެ ވޭރިއެންޓުގެ ސަބަބުން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ. އެ ވޭރިއެންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ގޮތަށް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލްތަކުގެ 27 ޕަސެންޓަކީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ. އަދި 20 ޕަސެންޓަކީ އަލްފާ ވޭރިއަންޓް ކަމަށާއި 13 ޕަސެންޓަކީ ޖީ ވޭރިއަންޓް ކަމަށެވެ. އެ ސާމްޕަލްތައް ދައްކާގޮތުން ރާއްޖޭގައި ޑެލްޓާ، އަލްފާ، ޖީ، ޖީއާރް، އަދި ޕެރޫއާއި ޗިލޭއިން ފެނުނު ސަބްލީނިއޭޖް ވޭރިއެންޓެއްވެސް އެބަ އުޅެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސީކުއެންސިން އަށް ފޮނުވި ސާމްޕަލްތަކުގެ ތެރޭގައި ދިވެހީންނާއި ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. ބޭރު މީހުން ރާއްޖެ އައިސް، އަދި ދިވެހިން އެހެން ގައުމުތަކަށް ދަތުރުކޮށް ހަދާއިރު، ދުނިޔޭގެ އެކި ތަންތަނުގައި އަލަށް ތައާރަފުވާ ވޭރިއަންޓްތައް ފެތުރުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

“ކުރިޔަށްއޮތްތަނުގައިވެސް އަޅުގަނޑުމެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ސިކުއެންސިންގްއަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާނަން،” ޑރ. ނަޒްލާ ވިދާޅުވި އެވެ. މިހާރު ފޮނުވާ ސާމްޕަލްތަކަށްވުރެންވެސް އިތުރަށް ސާމްޕަލް ފޮނުވަން މަސައްކަތްކުރާނެކަމަށް ޑރ. ނަޒްލާ އިތުރަށް ވިދާޅުވިއެވެ.

އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓް އަކީ އެންމެ ހަލުވި ކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓް އެވެ. އަދި އެ ވޭރިއަންޓުގެ ސަބަބުން ކުޑަކުދިންނާއި މާބަނޑު އަންހެނުން ވެސް ބަލީގައި ސީރިއަސްވުން އިތުރުވެ އެވެ.

މިދިޔަ މެއި މަހު ރާއްޖޭގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ، ބަލީގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު މީހުން ވެސް ގިނަ އަދަދަކަށް ހިމެނުނެވެ. އަދި ކޮވިޑުގައި ރާއްޖެއިން އަލަށް ކުޑަ ކުއްޖަކު މަރުވި އިރު، މާބަނޑު އަންހެނަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވުމުގެ ސަބަބުން ސިޒޭރިއަން ހަދައިގެން ކުއްޖާ ވަނީ ނަގައިފަ އެވެ. ސިޒޭރިއަން ހެދިތާ ހަފްތާއެއް ތެރޭ 25 އަހަރުގެ އެ އަންހެން މީހާ ވަނީ މަރުވެފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑާ ގުޅިގެން ރެކޯޑު ކުރެވުނު ފުރަތަމަ މެޓާނަލް ޑެތު ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top