ގދ. ތިނަދޫ ސިޓީގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ތިނަދޫގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، އެ އަންހެންމީހާގެ އިތުރުން ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް، އެ ކުދިން ނަހަމަ ގޮތުގައި ބޭނުންކޮށް (އެކްސްޕްލޮއިޓްކޮށް) ފައިވާ ކަމަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ތިނަދޫ ސިޓީން މިހާރު ދިވެހި ނުވަ ފިރިހެނުންނެވެ.
މިއީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ފޮނުވި ހާއްސަ ފުލުހުންގެ ޓީމެއް މިހާރު ތިނަދޫ ސިޓީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް އާންމުކުރަމުން ގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައުރުވަމުންދާއިރު، އަނިޔާ ލިބޭ ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ ގާނޫނީ ގޮތުންނާއި އިންސާނީ ކަރާމާތުގެ ގޮތުން ކޮންމެހެން މުހިންމު ކަމެއްކަން ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެއެވެ.




