ނަފްރަތުގެ އަމަލު ހިންގުމުގެ ބިލަކީ ދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ މީހުންނަށް ހުޅުވައިލެވޭ ދޮރެއް- ޖޭޕީ

1571172864large.jpg

ޖުމްހޫރީ ޕާޓީގެ ލީދަރު ،ގާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެން މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަފްރަތުގެ އަމަލު ހިންގުމުގެ ބިލަކީ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް ހުޅުވައިދެވޭނެ ދޮރެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

އެކަމާގުޅޭގޮތުން މިއަދު އެޕާޓީން ނެރުނު ނޫސްބަޔާނުގައި ވަނީ ނަފްރަތުގެ އަމަލު ހިންގުމުގެ ބިލު ރައްޔިތުން މަޖިލީހަށް މިހާރު ހުށައަޅާފައި އޮތް ގޮތަށް ފާސްކޮށް ރައީސް ތަސްދީގު ކުރައްވައިފިނަމަ، ރައްޔިތުން މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި މާތް ﷲ ގެ ހަޟްރަތަށާ، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް އެ ހުޅުވައި ދެވެނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް ކަމަށެވެ.

މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައިހުރި ގާނޫނުތަކުގައި ބުނެފައި އޮތް ނަމަވެސް އެއްވެސް ސަރުކާރަކުން އެފަަދަ އެއްވެސް މީހަކާމެދު ތަހުގީގެއް ހިންގައި އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ ޖޭޕީގެ ބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ.

“ތިމާއަކީ މުސްލިމަކު ކަމަށް ބުނާ މީހަކު ﷲ ތައާލާގެ ހަޟްރަތަށާއި ރަސޫލާއަށް ފުރައްސާރަކޮށް ކުޑައިމީސް ބަސްބުނެ، ކީރިތި ޤުރުއާނަށާއި، އިސްލާމްދީނުގެ ހުކުމްފުޅުތަކަށް ގޮންޖަހައި، ކުޑައިމީސްކޮށް، ދީނުގައި ކުރުން ލާޒިމް ކަންކަން ކުރަން ނުޖެހޭކަމަށްބުނެ،  އަދި ﷲ ތަޢާލާ ބާވާލެއްވި ޙުކުމްފުޅުތަކަށް ވުރެ މޮޅުގޮތް އެމީހަކަށް އެނގޭކަމަށް ބުނާނަމަ އެމީހަކީ އިސްލާމްދީނާ ދެކޮޅު، ލާދީނީ މީހެއް ކަމަށް މުސްލިމުން ބުނާނެ. ޣައިރުމުސްލިމުން އެމީހަކަށް ތައުރީފުވެސް ކުރާނެ. މެޑަލްތަކާއި ޢިއްޒަތްވެސް ދޭނެ.” ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެއެވެ.

މި ގާނޫނަށް ގެންނަން ހިސާން ހުށައަޅާފައިވާ އިސްލާހަކީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާ، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށް ކަނޑައެޅުމެވެ. މީގެ އިތުރުން އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާ ސިފަކުރުމުގާއި ބައިވެރިވުމަކީވެސް ކުށެއް ކަމަށް ކަނޑައެޅުމެވެ.

މި އިސްލާހަށް ގިނަ އިލްމުވެރިން ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ޝައިހް އަލީީ ޒާހިރު ބިން ސައީދު ވިދާޅުވެފައި ވަނީ މި އިސްލާހަކީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާކުރުމަށް ގެނެވޭ އިސްލާހެއް ކަމަށެވެ. އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއްކަމަށް ބުނާ މީހާ “އުލު ބައިންދަން” ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއްކަމުގައި ނޫނީ ދެކެވަޑައިނުގަންނަވާ ކަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެ އެތައް ގުނައެއް ނުރައްކާ ބައެއްގެ ގޮތުގައިވެސް އިލްމުވެރިން ސިފަކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top