ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ، މި މަހުގެ 3ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް އެޗްޕީއޭ އިން އިތުރުކޮށްފިއެވެ.
މިގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައް މެދުކަނޑާލުމާއި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމުގެ އިތުރުުން އެހެނިހެން ބައެއް ފިޔަވަޅުތައްވެސް ހިމެނެއެވެ.
އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް، ޕީސީއާރް ޓެސްޓް ހެދަން ޖެހޭ ފިޔަވަޅުވެސް ވަނީ ދަމަހައްޓައިފަ އެވެ.
މާލޭ ސަރަޙައްދުގައި ރޭގަނޑު 12:00އިން ފެށިގެން ފަތިހު 4:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުންވެސް ތިނެއް މެއިގެ އެންގުމުގައި މަނާ ކުރި އެވެ. ނަމަވެސް، މިހާރު މާލޭގައި ހަވީރު 4:00އިން ފެށިގެން ކާފިއު ހިންގަ އެވެ.
އެ ފިޔަވަޅުތައް ދަމަހައްޓާފައިވާއިރު، މުޅި ރާއްޖޭގައި ކޮވިޑް ދަނީ ބާރަށް ފެތުރެމުންނެވެ. އެގޮތުން ރެއާ ހަމައަށް މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 43،782އަށް އަރައިފައެވެ. ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން މިހާރުވެސް 260 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި މިވަގުތުވެސް ކޮވިޑް ޖެހިގެން 15،666 މީހަކު އެބަ ތިއްބެވެ.