ރޯދަމަހު ކިޔަވައިދޭނީ ގިނަވެގެން ތިން ގަޑިއިރު

DSCN7011-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް --އީވީ ފައިލް ފޮޓޯ

އަންނަ ރަމަޟާންމަހު ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދޭނީ ގިނަވެގެން ތިންގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ރާއްޖޭގެ ސްކޫލުތަކާއި މަދަރުސާތަކަށް ފޮނުވި ސާކިއުލާ ސިޓީގައި ބުނެފައި ވަނީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދަން ވާނީ، ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތު ގަޑި ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ކަމަށެވެ.

އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 އާ 9:00 ދެމެދު ކަމަށާއި، ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް 8:30 އާ 15:00 އާ ދޭތެރޭގެ ވަގުތަކަށް ހަދަން ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

ސާކިއުލާގައި ބުނެފައި ވަނީ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ކިޔަވައިދޭނީ ދޮޅު ގަޑިއިރު ކަމަށާއި، ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދޭނީ ދެގަޑިއިރާ 30 މިނެޓު ކަމަށެވެ. އަދި ގްރޭޑް ހަތަކުން ފެށިގެން 12 އަށް ކިޔަވައިދޭނީ ތިން ގަޑިއިރު ކަމަށެވެ.

ރޯދަ މަހު ކިޔަވައިދޭ ވަގުތު ކުރުވުމުން، ޕީރިއަޑުގެ ދިގުމިން 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތަކަށް ހަމަޖައްސަން ވަނީ އަންގައިފަ އެވެ. އަދި އެކި މާއްދާތައް ކިޔަވައިދޭން ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު، މަދުވެގެން ދެ ހަފްތާ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ވެސް ސާކިއުލާގައިވެ އެވެ.

ހަމައެއާއެކު، ޓީޗަރުންގެ މަސައްކަތު ގަޑި ހަތަރު ގަޑިއިރަށް ވުރެ ދިގު ނުކުރުމަށް ވެސް ސާކިއުލާގައިވެ އެވެ. ސެޝަންތައް ތާވަލުކުރާއިރު، ނަމާދު ވަގުތު ފާއިތު ނުވަނީސް ޓީޗަރުންނާ ދަރިވަރުންނަށް ވެސް ނަމާދު ކުރެވޭނެ ގޮތައް އިންތިޒާމް ކުރަން ވަނީ އިރުޝާދު ދީފަ އެވެ.

މިނިސްޓްރީން ބުނީ، އެހެން ގޮތަކަށް ނާންގާހާ ހިނދަކު، ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ދާނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top