ހަގީގީ އަނިޔާއަކީ މިއީ. ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން

b_sf25QZ8DL4z8FiSAzPeHnAVtu.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ވަން ފޮޓޯ:

“ހަގީގީ އަނިޔާ” އަކީ މިއީ ކަމަށާއި ބޭއިންސާފުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް، ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކޮށް ފޮނުއްވި ޚާއްސަ ސިޓީފުޅެއްގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، މާފުށީ ކުޑަގޮޅިން ރައްޔިތުންނާ ބައްދަލު މި ކުރައްވަނީ ގައުމުގެ މިއަދުގެ ހާލަތާމެދު ނުހަނު ކަންބޮޑުވާ ހާލުގައި ކަމަށެވެ. އަދި ކުޑަ ގޮޅީގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅޭނީ އެމަނިކުފާނުގެ ގެންގުޅުއްވާ ފިކުރު ދެކެ ވާދަވެރި ފަރާތްތަކުން ބިރު ގަންނާތީއެވެ.

“ތިޔަ ލޮބުވެތި ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މި ގެންގުޅެނީ އެބޭފުޅުން މިފިކުރު ދެކެ ބިރުންނެވެ. އަދި އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަދި އަޅުގަނޑުމެން އަމާން ދެއްވަފާނެ ކަމުގެ ފިނޑި ޚިޔާލުގައެވެ.” ރައީސް ޔާމީންގެ ސިޓީގައި ވިދާޅުވި އެވެ.

“ނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށްވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު،” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށް ލާފައިވަނީ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ނަމަވެސް ﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ، އުފާވެރިކަމުގެ ދަންމަރު އަލުން ރޯކޮށް ނަފާވެރިކަން ގެނެސްދޭން އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ވެރިކަމާ ހަވާލުުވެވަޑައިގަތުމަށްފަހު ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައިދީ އަދި އެތައް ކަމަކަށް ހައްލު ހޯއްދަވައިދެއްވި ކަމަށެވެ. އެގޮތުން ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލަތައް ހައްލުކޮށް، ފުރިހަމަ ސިޔާދަތާއި މިނިވަންކަން ލިބިފައިވާ ފަޚުރުވެރި ގައުމަކަށް ރާއްޖެ ހައްދަވައިދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“މިކަންކަމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އަޅުގަނޑު ޖަލަށްލުމެވެ.” ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަަކަށް ބަވަނަވެފައިވާ މި ދުނިޔޭގައި ހަމައިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން އެންމެ ފުރަތަމަ ދުވަހުވެސް ގަބޫލު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ އެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެ ކަން ހިތާއި ނަފުސުން ގަބޫލުކުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެންނެވެ. ބޮޑެތި ބާރުތަކާއި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަލްސަފާއާ ދެކޮޅުވެވަޑައިގެންނެވެ. ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީއެވެ. މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ދުވަހަކު މި ގައުމަށް ވާނެ ގޮތެއްވާން ދޫކޮށް ނުލާނެކަން އަޅުގަނޑަށް ޔަގީނެވެ.” ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނާ ވާދަވެރި ފަރާތްތަކުން ބިރު ގަންނަނީވެސް އެހެން ވެއެވެ. ކިތަންމެ އަނިޔާއެއް ކުރި ނަމަވެސް އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށް ވުރެ އިސްކުރަނީ ދިވެހި ރައްޔިތުންގެ މަސްލަަހަތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“މުހިއްމީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި މި ގައުމުގެ އިސްތިގުލާލެވެ. ބޭރު މީހުން މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެއެވެ. އެކަމަށް އަޅުގަނޑުމެން ފާރަވެރިވާން ވާންޖެހޭނެއެވެ،” މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީލޯންޑަރިންގެ ހުކުމާ ގުޅޭ ގޮތުން ރައީސް ޔާމީން ކުށެށް ނުކުރާ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު އެ ސިޓީގައިވެސް ތަކުރާރު ކުރެއްވި އެވެ.

“އަޅުގަނޑަށް އަނިޔާކޮށް ކުޑަ ގޮޅިއަށް ލައިގެން މިއުޅެނީ ކުށެށްކޮށްގެންް ނޫނެވެެ. މާތްﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ، ރައްޔިތުންނާ ބައްދަލުކުރައްވާނީ މައުސޫމު މީހެއްގެ ގޮތުގައެވެ.” ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެމަނކުފާނުގެ ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންނެވީ، ގައުމީ އަދި ވަތަނީ ރުކުންތަކުގައި ސާބިތުކަމާއެކު ތިއްބަވައި، ޕީޕިއެމް/ޕިއެންސީ “ބަދަހި ލަޝްކަރު” ކުރިއަށް ދިޔުމަށެވެ.

ރައީސް ޔާމީންގެ ސިޓީގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ގައުމަށް ތަރައްގީ ހޯދައިދެއްވުމަށް ފެއްޓެވި މަސައްކަތުގެ ނިމުމެއް ނޫނެވެ. އަދި އެމަނިކުފާނު އެ ދަތުރު އަދިވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ރައީސް ޔާމީން ޝުކުރު އަދާކުރެއްވިއެވެ. އަދި އެ އިންތިހާބުގައި ކާމިޔާބު މެދުވެރިކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސިޓީ ނިންމަވައިލައްވަވާފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ ރައްޔިތުންނަށް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޒްރަތުގައި ދުއާ ދަންނަވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top