ރިސޯޓު މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް، މަޖިލީހަށް މައްސަލަ އެއް

large_156319565230Wlnu.jpeg

ކޮވިޑް19އާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި ގިނަ ދުވަސްވާތީ އާއި  މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފު އަހުމަދެވެ.

ހުސެން ހުށައެޅި މައްސަލައިގައި ބުނީ، ރިސޯޓު މުވައްޒަފުންނަށް ގިނަ ދުވަސްތަކެއް ވަންދެން ރަށަށް ނުދެވުމަކީ، އެ މުވައްޒަފުންނާއި އެ އާއިލާތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން ގިނަ މުވައްޒަފުން ކޮވިޑާ ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށް މެންބަރު ހުސައިން ފާހަގަ ކުރެއްވި އެވެ.

ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަން ޖެހުނަސް އާއިލާ ކައިިރިއަށް ދެވުމުގެ ފުރުސަތު ނެތްކަމަށް ހުސައިން ވިދާޅުވި އެވެ.

އެ މުވައްޒަފުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ، އާއިލާ ގާތަށް ދާން ބޭނުންނަމަ، 10 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިމަހަ ކުރަން ޖެހުމެވެ. ބައެއް ރިސޯޓުތަކުން ކަރަންޓީންގެ 10 ދުވަސް ގުނަނީ މުސާރަ ނުހިނގާ ގޮތުށް ކަމަށް ހުސައިން ވިދާޅުވި އެވެ.

ކޮންމެ ހަފްތާއަކު އޮފް ނަގަން މަޖްބޫރު ވާއިރު، އޮފްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތުމާއި ބައެއް ރަށްރަށުގައި ކަރަންޓީނު ވާނެ ތަނެއް ނެތުމާއި ނުވަތަ ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީން ވާން ޖެހުމާއި މުވައްޒަފުން ޑޮކްޓަރަށް ދައްކަން ދާން ވެސް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހޭ ފަދަ ގޮތަަކަށް ކަންކަން ތަރުތީބުވެފައިވުމަކީ އެ މުވައްޒަފުންގެ ކަންބޮޑުވުމެއް ކަމަށް ހުސައިން ވިދާޅުވި އެވެ.

ރިސޯޓު މުވައްޒަފުންނަށް ރަށްރަށަށް ދާއިރު ކަރަންޓީނު ވާން މަޖުބޫރު އިރު، ފަތުރުވެރިންނަށް ފަތުރުވެރިންނަށް ކަރަންޓީން ވާން ނުޖެހި، އެ ފަތުރުވެރިން މާސްކު ނާޅާ ރަށުގައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށް ހުސައިން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރަށުގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮންނާނެ ކަން ހުސައިން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އޭގެ އިތުރުން ރިސޯޓުތަކުގައިވެސް ފަތުރުވެރިން މާސްކު ނޭޅުމާއި ރިސޯޓުތަކުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ނުދިޔުމަކީ މުވައްޒަފުންގެ ކަންބޮވުމެއް ކަމަށް ހުސައިން ވިދާޅުވި އެވެ.

“ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ކަމާ ބެހޭ އިދާރާތަކުން މިކަން ފުރިހަމައަށް ބަލާ މޮނީޓާކޮށް، އެ މުުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، މި މައްސަލަ ހުށަހަޅަމެވެ،” ހުސައިން ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top