ބަހިއްޔާ ޕްރީސްކޫލަށް އަހަރެއް. ނަތީޖާ ކިހިނެއް؟ .

DSCN1460-800x494-800x494.jpg

މައި ބަހިއްޔާ ޕްރީސްކޫލް ހުޅުވުން- އީވީ ފައިލް ފޮޓޯ

އޭދަފުށީ ރައްޔިތުންގެ ބަހިއްޔާ ޕްރީސްކޫލް، މަޝްހޫރު މައިކޮލެޖަށް ދޫކޮށްފައިވަނީ ފެންވަރު ރަނގަޅު ޕްރީސްކޫލެއް އޭދަފުށީގައި ގާއިމުކުރުމުގެ ގޮތުންނެވެ. އެތަނުގައި ކުރިން ހިންގަމުން އައި އިޤްރާ ޕްރީސްކޫލަށް ވުރެ ރަނގަޅު ސްކޫލެއް ރައްޔިތުންނަށް ދެއްކުމުގެ ގޮތުންނެވެ. ރަނގަޅު ހުށަހެޅުންތަކެއް ލިބުމާވެސް އެކުގައެވެ. އެހުށަހެޅުންތައް ރައްޔިތުންނާ ހަމައަށްވެސް ތިލަ ކޮށްލުމުގެ ބޭނުމުގައި ރައީސް ތޮލާލަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފޯނު ކުރުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އެކަން ހާސިލު ނުވިއެވެ. ބައްދަލު ކޮށްލަން އެސްއެމްއެސް އަކުން ދެންނެވުމުން ވެސް ޖަވާބެއްވެސް ނުދެއްވިއެވެ.

ސްކޫލްއާ މައިކޮލެޖުން ހަވާލުވިތާ އެއްއަހަރު ފުރެން، ދެން އޮތީ މަދު ދުވަސް ކޮޅެކެވެ. މިހިސާބަށް އައިއިރު ސްކޫލާމެދު ރައްޔިތުން ދެކެނީ ކިހިނެއް ބާއެވެ. ކާމިޔާބު ސްކޫލެއްގެ ގޮތުގައި ބަހިއްޔާ ޕްރީސްކޫލް ރައްޔިތުން ބަލައިގެންފި ބާއެވެ.

ސްކޫލް ހިންގަން ފެށުމުގެ ކުރިން މައިކޮލެޖުން އެތަނަށް ގެންނާނެ ރަނގަޅު ބަދަލުތަކާ ދަރިވަރުންގެ ކިޔެވުމަށް އަންނާނެ ކުރިއެރުންތައް ރީތި އިބާރާތް ތަކަކުން ބެލެނިވެރިންގެ ސިކުނޑިތަކަށް އުފާވެރިކަން ގެނެސްދިނެވެ. މިއަހަރު ޕްރީ ސްކޫލެއްގެ ގޮތުގައި ހިންގި ނަމަވެސް އަންނަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރާނެ ކަމަށް ބުނެ ބެލެނިވެރިންނަށް ކުރިމަގުގެ އުފާވެރި ތަސައްވަރެއް ދިނެވެ. މިތަސައްވަރާއެކު ބެލެނިވެރިން ސްކޫލް ދެކެން ފެށީ މާލޭގެ އެންމެ ފެންވަރު ރަނގަޅު ޕްރީސްކޫލްތަކުގެ ފެންވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ހިންގަމުން ގެންދާނެ ސްކޫލެއްގެ ގޮތުގައެވެ. މިނޫންވެސް މުހިއްމު ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދާއެކު މައި ބަހިއްޔާ ޕްރީސްކޫލް ހިންގަމުން ގެންދާތާ އެއް އަހަރު ފުރެނީއެވެ.

ސްކޫލަށް އައި ބަދަލުތަކާއި ކުރިއެރުން އެއްވެސް ދާއިރާއަކުން ފެންނަން އެބަހުރި ހެއްޔެވެ؟ ދަރިވަރުންނާ ބެހޭގޮތުން ބެލެނިވެރިންނާއި ސްކޫލް ކުއްޔަށް ދިން އޭދަފުށީ ކައުންސިލުން ބުނަނީ ކީކޭ ހެއްޔެވެ؟

ބަހިއްޔާ ޕްރީސްކޫލާ ހިނގާ ގޮތާމެދު މެދު ސްކޫލްގެ ބެލެނިވެރިންކޮޅަކާ ވާހަކަ ދައްކާލީމެވެ. އެމީހުން ތިބީ ހިތްހަމަޖެހިފައެއް ނޫނެވެ. ނަމަވެސް އަދި މިއީ ކިރިޔާ މިފުރެނީ ެނމެ އަހަރެއް ކަމަށްވާތީ އުއްމީދުތައް ހުރީ ޕްޒިޓިވް ކޮށެވެ. ފަހުން ރަނގަޅުވާނެ ކަމަށް ދެކިގެންނެވެ. އެކަމަކު ފުރަތަމަވެސް އޮއްސާލީ ޝަކުވާގެ ގޯންޏެކެވެ.

ފުރަތަމަ ކަމަކީ މުސާރައެވެ. ޓީޗަރުންގެ މުސާރައަށް ބަދަލެއް ނާދެއެވެ. މުސާރަ އަކީ ކައުންސިލުން ހިންގިއިރުވެސް ދެމުން އައި ކުޑަކުޑަ މުސާރައެވެ. އެކަމަކު ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި މި ޓީޗަރުންނަށް ޑިގްރީއާ އެއްވަރުގެ މުސާރައެއް ދެވެން ޖެހޭނެއެވެ. އެންމެ ކުޑަމިނުން ސިވިލް ސާވަންޓުންނަށްދޭ ވަރުގެ އުޖޫރައެއް ދެވެން ވާނެކަމަށް ބެލެނިވެރިން ދެކެއެވެ. އެހެންނޫންނަމަ އެހާ ކުޑަ އުޖޫރައެއްގައި ޓީޗަރުން އެހާ ގިނައިރު ވޯކް ކުރާކަށް އިތުރަށް އެފޯޓެއްލައިގެން މަސައްކަތް ކުރުމުގެ ހިތްވަރެއް ނުހުންނާނެއެވެ. މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.

ސްކޫލްގެ ޕްރިންސިޕަލް އިފާޝާ އަބްދުއްރަހީމް ވިދާޅުވަނީ ސްކޫލްގެ ޓީޗަރުންނަށް މުސާރަ ކަނޑައެޅީ ޓީޗަރުންނާވެސް ވާހަކަދެކެވި އެމުސާރައާ ގަބޫލުވެގެންނެވެ. އެގޮތް ގަބޫލު ނޫންނަމަ ޓީޗަރުން އެތަނުގައި މަސައްކަތެއް ނުކުރާނެއެވެ. އެކަމަކު އަންނަ އަހަރު މުސާރަ ބޮޑުވާނެ ކަމުގެ އުފާވެރި ޚަބަރު އިފާ ދެއްވިއެވެ.

އަނެއްކަމަކީ ސްކޫލް ޕްލޭ ގްރައުންޑް ނުވަތަ ކުޅޭ އޭރިޔާ އެވެ. ސްކޫލް ހުޅުވުމުގެ ރަސްމީ ޖަލްސާގައި މައިކޮލެޖްގެ ސީއީއޯ މިއަހަރުގެ މާޗްމަހު ވިދާޅުވީ ޕްލޭ ގްރައުންޑަށް ބޭނުންވާ އެއްޗިއްސަށް މިހާރު އޮންނާނީ އޯޑަރު ދީފާ ކަމުގައެވެ. އެޝިޕްމަންޓް އަންނާނީ އަތޮޅު ތެރޭގައި އެތަނުން ހިންގާ ތިން ސްކޫލަށް އެއްކޮށް ކަމަށާ އަންނަ ރޯދަ މަސް ނިމޭއިރު (ފާއިތުވި ޖޫން މަސް ) ރާއްޖެ އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު އަހަރު ނިމޭއިރު ޕްލޭ އޭރިޔާ އަދިވެސް އެހެރީ މައިކޮލެޖާ ހަވާލުކުރުމުގެ ކުރިންވެސް ހުރި ގޮތަށެވެ.

މީގެ ކުޑަދުވަސް ކޮޅެއް ކުރިން އޮތް ބެލެނިވެރިންގެ ބައްދަލުވުމެއްގައ ބެލެނިވެރިން މިއުދާސްތައް ބޭރުކޮށްލިއެވެ. ޕްލޭ އޭރިޔާ އަދިވެސް އެއޮތީ ކުރިންވެސް އޮތްގޮތަށް ކަމާ ސްކޫލް ހުޅުވިއްސުރެ އެތަނަށް ދޮންވެލިކޮޅެއްވެސް އަޅާނުލެވޭ ކަމުގެ ޝަކުވާ ކުރިއެވެ. އެތަނަކީ ރޭގަނޑުވެސް އާއްމުކޮށް ބުޅާ އުޅޭ ތަނަކަށް ވާތީ ދެން އެތަން މުޑުދާރުވާނެވަރު ވިސްނުމަށް އެދިވަޑައިގެންނެވިއެވެ. އެ ކުދިން އެތަނަށް ކުޅެން ނެރޭއިރު ހިރަފުސް މޫސުމެއްގައިވެސް ކުޑަމިނުން ފެން ޖަހާލެވެން ޖެހޭނެކަމަށާ އަހަރު ނިމިގެން ދާއިރު އެތަނަށް ދޮންވެލިކޮޅެއް އަޅާ ނުލެވި ދިއުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމުގައި ބެލެނިވެރިން ބުނަމުން ގެންދިޔައެވެ.

އެތަނުގައިހުރި ކުޅޭ އެއްޗެތިވެސް ބާވެ އަހަރު ފެށުނުއިރު އޯޑަރކުރި ކަމަށް ބުނާ ކުޅޭ އެއްޗެތީގެ ޝިޕްމަންޓް ކޮބައިތޯ ސުވާލު ކުރިއެވެ.

މި ވާހަކަތަކަށް ޖަވާބުދާރީ ވަމުން ޕްލޭ އޭރިޔާއަށް ބޭނުންވާ ކުޅޭ ތަކެތި ރާއްޖެއައިސް މިހާރު ހުރީ އައްޑުގައޭ އިފާޝާ ވިދާޅުވިއެވެ.

އެކަމަކު އޭގެ ފަހުން ވެސް މިހާރު ދެހަފްތާއަށްވުރެ ގިނަދުވަސް ވެގެންދާއިރު މި ޒަމާނުގައި ދަތުރު ފަތުރު ކުރުމުގެ ނިޒާމު އޮތްގޮތުން ދެ ހަފްތާ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުގައި ހުރި އެއްޗެއް ވިޔަސް  އެންމެ އުތުރާ ހަމައަށް އަންނަން ދެހަފްތާ ނަގާނެ ކަމަށް ބެލެނިވެރިން ގަބޫލެއް ނުކުރެއެވެ.

ޕްލޭ އޭރިޔާއަށް ފެން ނުޖަހާ ވާހަކައާއި އެތަން ބުޅާ ފަދަ ތަކެތި މުޑުދާރު ކުރާ ވާހަކައަށް އިފާ އިންކާރު ކުރައްވައެވެ.

“މުޅި އަހަރަށް ބަލާއިރު ތިން ފަހަރު މިހާރު ވާނީ ޕްލޭ އޭރިޔާ އަށް ދޮންވެލި ލާފައި. ކުޑަކުދިން އުޅޭ ތަނަކަށް ވާތީ އެތަން ބަލަހައްޓަނީވެސް ސާފު ތާހިރުކަމަށް އިސްކަން ދީގެން. ހިރަފުސް ވެއްޖެނަމަ ފެންޖަހާފަ ނޫނީ ކުދިން އެތަނަކަށް ނުނެރެން .”އިފާ ވިދާޅުވިއެވެ.

ސްކޫލްގެ ޔުނީފޯމެއް ހަމަޖެހި ސްކޫލް ހުޅުވިތާ މަހެއްހާ ދުވަސް ފަހުން ލިބުނުއިރު ކޮންމެ ކުއްޖަކަށް ލިބުނީ އެއް ޓީޝާޓާއި އެއް ސޯޓެވެ. އަންނަ މަހު އިތުރު ޔުނީފޯމެއް ލިބޭނެ ކަމަށް ބުނުމުން ޝަކުވާ އެއް ނެތެވެ. އެކަމަކު ޔުނިފޯމެއް ނުލިބެއެވެ. ހަމަ އެންމެ ކުރިން ދިން އެއް ސޯޓާ އެކު އެއްދުވަހު ލާފަ ދޮވެފާ އަނެއް ދުވަހު ހަމަ އެޔުނިފޯމް ލައްވައިގެން ހަފްތާއަކު ތިން ދުވަހު ސްކޫލަށް ފޮނުވުމަކީ ވެސް ބެލެނިވެރިންގެ ޝަކުވާ އެކެވެ.

އެކަމަށް ޖަވާބު ދެމުން އިފާ ވިދާޅުވީ އޯޑަރު ދިނީ މިތަނުން ހިންގާ ތިން ސްކޫލަށް ބޭނުންވާ ޔުނީފޯމްތަކާ އެކުގައި ކަމަށްވާތީ އެތަކެތި އައިއިރު މިސްކޫލަށް ގެނެެވިފައިވަނީ އެހެން ސްކޫލެއްގެ ބޮޑެތި ޔުނީފޯމް ތަކެއް ކަމުގައެވެ. އެއެއްޗެތި ކުޑަކޮށްލައިގެން ލައްވަން ބޭނުންނަމަ ގެންދެވިދާނެ ކަމަށް ބުނުމުން ތިން ހަތަރު ބެލެނިވެރިއަކު ގެންދިޔަކަމަށް އިފާޝާ ވިދާޅުވިއެވެ.

“ޔުނީފޯމް ހެޔޮވަރު ނުވުމަކީ ޕޭރަންޓުންގެ މައްސަލައެއްތަ؟ އެހެންނޫނަސް މުޅި އަހަރު ދުވަސް ނިމިގެން ދާއިރު މިއީ މިކަން ވާން ޖެހޭނެ ގޮތްތަ ؟” ހިތްހަމަ ނުޖެހިފައިހުރި ބެލެނިވެރިއަކު ސުވާލު އުފެއްދިއެވެ.

ކްލާސް ރޫމް އެތެރެވެސް ބަލައިލަން ޖެހެއެވެ. ރަށު ކައުންސލުން ހިންގި އިރުވެސް ހުރި ފަރނީޗަރ ތަކެވެ. ބައެއް ތަކެތި ބާވެ ހަޑިވެފައެވެ. އެއީ ދެން އެންމެ ރަނގަޅުކަމެއް ކަމުގައި ދެކެމާ ހިނގާށެވެ. އެކަމަކު ކްލާސްރޫމްތަކުގެ އިންޓީރިއާ ރަނގަޅުކޮށް ކުދިން އެޓްރެކްޓިވް ވާކަހަލަ ގޮތަކަށް އެ މާހައުލު ބަދަލު ވާން ޖެހެއެވެ.

މިވާހަކައާ މެދުވެސް އިފާ ވިދާޅުވީ ކޮންމެވެސް ވަރަކަށް ކްލާސްރޫމް ތެރެއަށްވެސް ބަދަލުތަކެއް ގެނެސްފައިވާނެ ކަމުގައެވެ.

ޓޯއިސްގެ ވާހަކައަކީ އެންމެ މުހިއްމު ވާހަކަ އެވެ. ތުއްތު ކުދިން ކޮޅަކަށް ވާތީވެ އޮންނާނީ މުޅިންވެސް ކުޅުން ތާއެވެ. އެކަމަކު ކުޅޭ އެއްޗިއްސެއް ނެތެވެ. “އެއްވެސް އާ އެއްޗެއް ފެންނާކަށް ނެތް. މިސާލަކަށް އެކުދިންނާ ގުޅޭ ލިގޯ ނުވަތަ އެޑިއުކޭޝަނަލް ޓޯއީސް ކަހަލަ އެއްޗެތި ހުންނަން ވާނެތާ ! ހަމައެކަނި އެތަނުން ދޭ އެއްޗަކަށް މިފެންނަނީ ވާކްސް އޭ ކިޔާފަ ގަނޑެއް ޕްރިންޓް ކޮށްލާފަ ކުލަޖައްސަންދޭ އެއްޗެއް އެކަނި. އެހެން ނޫނީ ފެން ކުލައިން އަތުގަ ތައްގަނޑު ޖަހާފަ އޮންނަ އެއްޗެއް. ” އެހެން ބެލެނިވެރިއެއްގެ ޝަކުވާ އަކީ މިއެވެ.

ހަމަ މިއާއެކު ތަނުގައި މަސައްކަތް ކުރާ ޓީޗަރުންގެ ވާހަކަވެސް ދައްކަން އެބަ ޖެހެއެވެ. ބޭނުމަކީ އަންނަ އަހަރު ފެށެން ވާއިރަށް މިކަންކަން ރަނގަޅު ކުރުމެވެ.

ސްކޫލް ފެށުމުގެ ކުރިން މައި ކޮލެޖްގެ ފަރާތުން މި ސްކޫލާ ހަވާލުވެ ހުންނަވާ އެންމެ އިސް ފަރާތް ކަމަށްވާ އައިމިނަތު މުފީދު ވަޑައިގެން ޓީޗަރުންނަށް ތަމްރީނު ތަކެއް ދެއްވިއެވެ. ރަސްމީކޮށް ތަން ހުޅުވަން ވަޑައިގެން ޕޭރަންޓުންނާ ބައްދަލު ކުރައްވައި ޕޭރަންޓުންނަށް ސެޝަން ތަކެއް ނަގައި ދެއްވާނެކަމަށާއި ޓީޗަރުންނަށްވެސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. “މަހަކު އެއްފަހަރު ނޫނީ ދެހަފްތާ އިން އެއް ހަފްތާއިން ކަހަލަ ގޮތަކަށް މިކޮޅަށް އައިސް މި ބަލަނީ ޓީޗަރުންނަށާ ޕޭރަޓުންނަށް ވެސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕޮރޮގްރާމް ތަކެއް ހިންގައި ދެވޭތޯ .” އެކަމަނާ ވިދާޅުވިކަމަށް ބެލެނިވެރިއަކު މައުލޫމާތު ދިނެވެ.

އެކަމަކު އެދަތުރަށްފަހު އެކަމަނާ ވަޑައިނުގަންނަވައެވެ. އެހެންވީމާ އެބޭފުޅުން ބޭނުންފުޅުވާ ކަރިކިއުލަމް މިކޮޅުގަ ބިލްޑްކޮށް ، ނޫނީ ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް މޮނީޓަރ ކުރެވޭނެ މެކޭނިޒަމެއް މިތަނުގަ ގާއިމްކުރެވޭނެ ހެއްޔެވެ؟

އިފާ މިކަން ދޮގު ކުރައްވައެވެ. ވިދާޅުވީ މުޅި އަހަރަށް ބަލާއިރު ހަތަރު ފަހަރު އައިންތު މިސް ވަޑައިގެން ޓީޗަރުންނަށް ފިލާވަޅު ތަކެއް ނަންގަވާދެއްވި ކަމުގައެވެ.

މި މޭރުމުން ވާހަކަ ދައްކާ އިރު އައިންތު މިސް އަދި އިފާޝާވެސް އިންގްލިޝް ލޭންގްއޭޖަށް ކުދިން ހޭލުންތެރި ކުރުވުމުގެ ގޮތުން ބިދޭސީ ޓީޗަރަކު މިއަހަރު ތެރޭގައި ގެންނާނެ ކަމަށް ވިދާޅުވެ އެކަންވެސް އެންމެ ފަހުން އަންނަ އަހަރަށް ބަދަލު ވީއެވެ.

އެއީ މައްސަލަ އެއް ނޫނެވެ. މިވަރުގެ ކުދިންކޮޅަކަށް އެހާ މުހިއްމު ކަމެއްކަމަކަށް ބެލެނިވެރިން ނުދެކެއެވެ. އެކަމަކު މިހާރު ތިބި ދިވެހި ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދީ ޓީޗަރުން ކުރިއަރުވަން މަސައްކަތް ކުރަން ޖެހެއެވެ.

ބެލެނިވެރިންގެ އަނެއް ޝަކުވާ އަކީ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވީ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުލްޓައިމް ކޮށް މަސައްކަތް ކުރާ ބޭފުޅަކަށް ވީމާ އެއް ގަޑިއެއްގައި ދެތަން ވެސް ކުރިއަށް ދާތީ ދިމާވެދާނެ ފުށު އެރުން ތަކެވެ.

“ހަގީގަތުގައި ދެތަންވެސް އެއް ސެޝަނެއްގައި ކުރިއަށް މިދަނީ. މީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް. ކުޑަ ކުދިންކޮޅަކަށް ކިޔަވައިދިނުމުގައި އަޅުގަނޑުމެން މިއަޅަނީ ފައުންޑޭޝަނެއް. މި ފައުންޑޭޝަން ޖެހޭ ވަރުގަދަ ވާން. އެކަމަކު މިކަން މިގޮތަށް ހިނގާނަމަ މި މަގްސަދު ހާސިލު ވެދާނެބާ! ” ބެލެނިވެރިއަކު ސުވާލު އުފެއްދިއެވެ.

އެއީމައްސަލަ އެއް ކަމަށް އިފާޝާ ނުދެކެއެވެ. ނުވަތަ ދެތަނުގައި މަސައްކަތް ކުރަން ޖެހުނަސް އެކަމުން ސްކޫލަށް ލިބޭނެ ގެއްލުމެއް އޮތްކަމަށް އިފާ ގަބޫލެއް ނުކުރައްވައެވެ.

“އަޅުގަނޑު ނެތިއްޔާ އަޅުގަނޑު ކުރަންޖެހޭ މަސައްކަތް އޮންނާނީ ޓީޗަރަކާ ހަވާލު ކޮށްފަ. ހަމައެއާއެކު އަޅުގަނޑުނެތަސް މި ތަނުގައި ކަން ހިނގާ ގޮތް ވަރަށް ރަނގަޅަށ ބަލަން . ބޮޑު ސްކޫލުން އެލިބޭ އިންޓަވަލްގައި ވެސް ގެއަށް ދިއުމުގެ ބަދަލުގައި އަޅުގަނޑު އުޅޭނީ ޕްރީސްކޫލްގައި. ރަށުގަ ނެތް ހާލަތެއް ދިމާވިޔަސް އިވެންޓެއްވެސް ނުބާއްވާނެ. އެއީ ޒިންމާވާން ޖެހޭނީ އަޅުގަނޑުކަމަށް ވާތީ ފަހަރުގައި ބެލެނިވެރިންހިތް ހަމަނުޖެހޭ ކަމެއް ދިމާވެދާނެ ކަމަށް ބަލާފައި.. ” އިފާޝާ ވިދާޅުވިއެވެ.

އިތުރު މައުލޫމާތު ދެމުން އިފާޝާ ވިދާޅުވީ އަންނަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވާތީ ބޮޑުހޭދައެއްވެސް ކުރަން ޖެހޭތީވެ ސްކޫލް މިހާރު ހިންގަމުން ގެންދަނީ ސްކޫލް ކުދިންގެ އަތުން ނަގާ ފީއިން ލިބޭ ލިބޭ އެއްޗަކުން ކަމުގައެވެ. އޭގެ ތެރެއިން ހިލޭ ކިޔަވައިދޭ ޚާއްސަ އެހީއަށް ބޭނުންވާ  7 ކުދިން ތިބޭކަން ފާހަގަ ކުރެއްވިއެވެ.

މިހުރިހާ ކަމަކާ ގޮންޖެހުންތައް ހުރަސްކޮށް ސްކޫލަށް އެއް އަހަރު ފުރޭއިރު އިފާ ހުރީ ކާމިޔާބުގެ އުފަލާއެކު ހިތްހަމަޖެހިފައެވެ. އެއީ ސްކޫލާމެދު ބެލެނިވެރިންނާއި ރަށު ކައުންސިލު ވެސް ދެކެނީ ރަނގަޅު ކުރިމަގެއް އޮތް ތަސައްވަރެއްކަމާއި ކުރިއާ އަޅާބަލާއިރު ހެޔޮ ބަދަލެއް އަތުވެއްޖެކަމަށް ގަބޫލު ކުރެވޭ ކަމުގެ ހިތް ހަމަޖެހުމެވެ.

“އަޅުގަނޑަށް ލިބޭ އުފަލަކީ އެއީ.  އަޅުގަނޑަށް މިސްކޫލަށް ކަމެއް ކޮށްދެވިއްޖެ ކަމަށް ގަބޫލު ކުރެވޭ. ބެލެނިވެރިންވެސް އެކަން ގަބުލު ކުރޭ. ކުދިން މިތަނުގައި ހޭދަކުރި އެއް އަހަރު ދުވަހުގެ ތެރޭގައި އެކުދިންގެ ހުނަރާ ހަރަކާތް ތެރިކަމާ ބަސް ކޮށާރަށް އައި ހެޔޮ ބަދަލު ބެލެނިވެރިން ބަލައިގެންފި .”

އިފާ ވިދާޅުވީ އެކަން ހާސިލު ކުރެވުނީ ކްލާހުން ބޭރުގައި އިތުރު ހަރަކާތްތަކުގެ ތެރޭގައި މަދަހައާ ތަފާތު މުބާރާތްތައް ބޭއްވުމުގެ އިތުރުން ޕިކްނިކް ދިއުމާ މޫދަށް ދިއުމާ ދަތުރު ދިއުންފަދަ ބައިވަރު ކަންތައްތަކާއެކު އެކިއެކި ހުނަރު ދަސްކޮށް ދޭން ކުރި ބުރަ މަސައްކަތުންނެވެ.

“އަޅުގަނޑު މިތަނަށް އައީ 76 ކުދިންގެ ޒިންމާ ބޮލު އަޅައިގެން ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް ދަނެގެން. ކުރާ ހިތުން ކުރާ ކަމެއް ވީމާ އެގޮތަށް މިއުޅެނީ ލިބޭ މުސާރައަކަށް ނުބަލާ. ޓީޗަރަކު ނެތްނަމަ އުޅޭނީ ކްލާހުގަ. މަސައްކަތު މީހާ ނެތިއްޔާ ކުނި ކަހަން ޖެހުނީމާ އެކަންވެސް ކުރަން.  ގޮންޖެހުންތައް އެބަހުރި. ބެލެނިވެރިންގެ ފަރާތުންވެސް. “އިފާ ވިދާޅުވިއެވެ.

ކޮންމެ ދާއިރާއެއްގައިވެސް ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ އެވެ. މިދާއިރާގައި އެފަދަ ކަމެއް ދިމާވިޔަސް އެހެން މީހުންނާ ހިއްސާ ނުކޮށް ސީދާ އޭނާއާ ހިއްސާ ކުރެއްވުމަކީ ބެލެނިވެރިންނާއި ފާޑު ކިޔަން ދުރުގައި ތިއްބެވި ބޭފުޅުންގެ ކިބައިންވެސް އިފާ އެދޭ އިޚްލާސް ތެރި އެދުމެކެވެ.

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު