ކޮވެކްސް އިން ރާއްޖެއަށް 12،000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

Capture-3.png

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ކޮވިޑު-19 ވެކްސިންގެ 12،000 ޑޯޒު ލިބިއްޖެއެވެ.

ރާއްޖެއަށް މިއަދު ލިބިފައިމިވަނީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާ ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަރސިޓީ އަދި އެސްޓްރާޒެނެކާ އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

މިއަދު މިލިބުނު ކޮވިޑު-19 ވެކްސިންގެ 12،000 ޑޯޒަކީ، ކޯވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް ލިބޭ ވެކްސިނުގެ ފުރަތަމަ ޝިޕްމެންޓްކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޔުނިސެފުގެ ޓީމުން ބުނެފައިވެއެވެ.

ރާއްޖޭގެއިތުރުން، ދެކުނު އޭޝިޔާގެ ސަރަހައްދުން އެންމެ ފުރަތަމަ ވެކްސިން ލިބޭނެ ގައުމު ތަކުގެ ތެރޭގައި ހިމެނެނީ ސްރީލަންކާ، ނޭޕާލް އަދި އަފްޣާނިސްތާނެވެ. މިގައުމުތަކަށް ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ވެކްސިނުގެ ފުރަތަމަ ޝިޕްމެންޓް ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުގެ ދެކުނު އޭޝިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުން މީގެ ކުރިން ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ސްރީލަންކާއަށް ވެސް މިއަދު ވަނީ ވެކްސިން ލިބިފައެވެ. ސްރީލަންކާއަށް ލިބިފައިވަނީ ކޮވިޑް-19 ވެކްސިނުގެ 264،000 ޑޯޒެވެ.

ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ އަކީ، ފަގީރު ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމުގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިފަދަ ގައުމުތަަކުގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ބޭނުންވާވަރަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.

ކޯވެކްސް ފެސިލިޓީގައި ރަޖިސްޓަރީވެފައިވާ މިފަދަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި، ވެކްސިން އުފައްދާ ކުންފުނިތަކުންނެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ދެގައުމަކީ، ގާނާ އަދި އައިވަރީކޯސްޓްއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top