ރިޒާއާ ދެކޮޅަށް ކޯޓުން މައްސަލަ ނިންމައިފި

medium_91356.jpg

ކައުންސިލަރ މުހައްމަދު ރިޒާ

ކައުންސިލަރުންގެ ސުލޫކީ މިންގަނޑުތަކާއި ޚިލާފުވެގެން އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ ރަނގަޅަށް ކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކޯޓުން އެގޮތަށް ނިންމީ، ރިޒާ ސަސްޕެންޑް ކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނުބަލާ، ޒާތީ ހަސަދައެއްގެ ގޮތުން ކަމަށްބުނެ، އޭނާ ސަސްޕެންޑް ކުރި ކުރުމަކީ ސާބިތުކުރެވޭފަދަ ހަގީގީ ސަބަބުތަކެއް ހުރެގެން ސަސްޕެންޑްކުރި ކުރުމެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް ބ. އަތޮޅު ކައުންސިލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.

އޭދަފުށީ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކައުންސިލުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު ރިޒާ ސަސްޕެންޑް ކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، ބ. އަތޮޅު ކައުންސިލުން މައްސަލަ ބެލުމުގެ ތެރެއިން އޭދަފުށީ ކައުންސިލުގެ ބައެއް މުވައްޒަފުންގެ ބަޔާންތަކުން ރިޒާ އުސޫލުތަކާ ޚިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އާއްމު އުސޫލެއްގެ ގޮތުން މަދަނީ މައްސަލަތަކުގައި ދައުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށްވާއިރު، މުހައްމަދު ރިޒާ ތިން މަސްދުވަހަށް ކައުންސިލުގެ މެންބަރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިއޮތް އޮތުމަކީ އެއްވެސް ހަގީގަތެއް ނުބަލާ ޒާތީ ހަސަދައެއްގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނާއިރު, އެކަން ރިޒާއަށް ޝަރީއަތުގެ މަޖިލީހުގައި ސާބިތުކޮށްދެވިފައި ނުވާކަމަށްވެސް ކޯޓް ހުކުމުގައިވެއެވެ.

އެހެންވެ ކައުންސިލުގެ މެންބަރުކަމުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ ސާބިތު ނުކުރެވޭފަދަ ހަގީގީ ސަބަބުތަކެއް ހުރެގެން ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެލްޖީއޭގެ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެގެން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ރިޒާ ވަޒީފާއިން ސަސްޕެންޑްކުރީ ފެބްރުއަރީ، 3، 2016 ގައެވެ.

ސުލޫކީ މިންގަނޑުތަކާއި ޚިލާފުވެގެން މުހައްމަދު ރިޒާ ވަޒީފާއިން ސަސްޕެންޑްކުރިއިރު، އޭނާ އާ ގުޅޭ ޖިނާއީ މައްސަލައެއްވެސް އަތޮޅު ކައުންސިލުން މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިއެވެ.

ކައުންސިލަރ ރިޒާއާ ދެކޮޅަށް މި މައްސަލަ ކޯޓުން ނިންމާފައިވާއިރު އޭނާވަނީ އަންނަމަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އޭދަފުށީ ކައުންސިލަށް ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top