ބޭންކްގެ އާއިމާރާތެއް އޭދަފުށީގައި މިއަހަރު ޤާއިމްކުރެވޭނެ – ބީއެމްއެލް

IMG_20170202_111312-1.jpg

އޭދަފުށީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ މިހާރުގެ އިމާރާތުގެ ކުރިމަތީގައި ބަޔަކު މަޑުކޮށްލައިގެން. ބޭންކްގެ އާއިމާރާތް މިއަހަރު ނިމި ބޭނުންކުރެވޭވަރުވަނޭކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނޭ / ފައިލްފޮޓޯ

ބޭންކް އޮފް މޯލްޑިވްސްގެ އާއިމާރާތެއް އޭދަފުށީގައި ޤާއިމްކޮށް މިއަހަރުގެ ތެރޭގައި އެއިމާރާތުގެ ޚިދްމަތް ދޭންފެށޭވަރުވާނޭކަމަށް އެބޭންކުން ބުނެފިއެވެ.

އޭދަފުށީން ބޭންކް އޮފް މޯލްޑިވްސް އަށް ދޫކޮށްފައިވާ ބިމުގައި އިމާރާތް ކުރުމާބެހޭގޮތުން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބޭންކް އޮފް މޯލްޑިވްސް ހެޑްއޮފީހުން ބުނީ އޭދަފުށީގައި މިވަގުތު ޚިދްމަތް ދެމުންގެންދާ އިމާރާތުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށާ، އެކަން ހައްލުކުރުމަށް އާއިމާރާތް އެޅުމަކީ ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުހައްމަދު ޝަރީފް ސޮއިކުރައްވައި ލިޔުމުން ދެއްވި ޖަވާބުގައި ވަނީ ބޭންކްގެ އާއިމާރާތަށް ބަދަލުވުމަށްޓަކައި އޭދަފުށިން ދޫކޮށްފައިވާ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެން ދާނޭކަމަށެވެ. އަދި އާއިމާރާތުގެ ހިދްމަތް މިއަހަރުގެތެރޭގައި ދޭން ފެށޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“މިވަގުތު އޭދަފުށީ ބްރާންޗް ހިންގަމުންގެންދާ އިމާރާތުގައި ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރަން. މިވަގުތު އާއިމާރާތުގެ ޕްރީ ކޮންޓްރެކްޓް މަސައްކަތް ގާތްގަޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާއިރު، އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެ. އަދި މިއަހަރު ނިމުމުގެ ކުރިން އައު އިމާރާތުގެ މަސައްކަތްނިމި ބްރާންޗްގެ ހިދްމަތް ދިނުން ފެށިގެން ދާނޭކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިވަގުތު އޭދަފުށީގައި ބެހެއްޓިފައިވާ އޭޓިއެމްއިން ފައިސާ ޖަމާކުރުމުގެ ޚިދްމަތް ދެވެމުން ނުދާކަމަށާ، އާއިމާރާތާއެކު، އޭދަފުށީގައި ބޭންކުން ދެވޭ ޚިދްމަތް އިތުރަށް ފުރިހަމަވެ، ޒަމާނީ ކުރެވިގެންދާނޭކަމަށެވެ. އަދި އައުއިމާރާތާއެކު ކިއުގައި މަޑުނުކޮށް ބޭނުން ވަގުތަކު ފައިސާ ޖަމާކުރުމާއި، ނެގުމުގެ ޚިދްމަތް ލިބިގެންދާނޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“އާއިމާރާތް ޑިޒައިންކޮށް ކުރެހިއިރު މިކަންކަމަށް ސަމާލުކަން ދީގެން ޑިޒައިން ކުރެވިފައިވާނީ. އަދި ސެލްފް ސާވިސް ބޭންކިންގް ޚިދްމަތް ދެވެން ފެށުމުން ކަސްޓަމަރުން ބޭނުންވަގުތަކު ކިޔުގައި މަޑުނުކޮށް ފައިސާ ނެގުމާއި، ޖަމާކުރުމުގެ ޚިދްމަތް ލިބިގެންދާނެ ވާހަކަވެސް މިފުރުސަތުގައި ފާހަގަކޮށްލަން”

ބޭންކްގެ އިމާރާތް އަޅަން ހަމަޖެހިފައިވާ ސަރަހައްދު – ފޮޓޯ :އީވީ

2006 ވަނަ އަހަރު އޭދަފުށީގައި ހުޅުވި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް މިހާތަނަށްވެސް ހިންގަމުން އަންނަނީ ބ. އަތޮޅުގޭގެ އިމާރާތެއްގެ ބައެއްގައެވެ. އާއިމާރާތެއް އެޅުމަށް އެބޭންކަށް އޭދަފުށީ ބަނދަރުގެ ހުޅަނގު ސަރަހައްދުގެ އެއްގަމުން ބިމެއް ދޫކުރީ މީގެ ހަތަރުވަރަކަށް އަހަރުކުރިންނެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ބ. އަތޮޅުގެ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ބޭންކުން ޚިދްމަތް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން ދޯނި ބޭންކިންގެ ޚިދްމަތުގެ އިތުރުން ، ބ. އަތޮޅުގައި އޭޓީއެމް ޚިދްމަތް ނުލިބޭ ކޮންމެ ރަށެއްގައި، ކާޑު މެދުވެރިކޮށް ފައިސާ ދޫކުރުމުގެ ޚިދްމަތްދޭ މަދުވެގެން އެއް ރީޓެއިލް އެޖެންޓް ކަނޑައެޅި ހިދްމަތްދެމުންވެސް ދާކަންވެސް އެބޭންކުން ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top