އަމާންވެށީގެ ކުދިންނާ ބެހޭ ގޮތުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޖެންޑާ މިނިސްޓްރީ

DSCN8317-1.jpg

އޭދަފުށީގެ މަގެއްގައި ޒުވާންފުރައިގެ ކުދިންކޮޅެއް --އީވީ ފޮޓޯ

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިންތަކުގެ ތެރެއިން އަތޮޅުތަކުގައި ހުންނަ ކުދިން ބަލާ މަރުކަޒުތަކަށް ބަދަލުކުރި ކުދިންނާ ގުޅޭ ގޮތުން ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވަނީ، ދާދިފަހުން ބ. އޭދަފުށީގައި ހުންނަ އަމާންވެއްޓަށް ބަދަލުކުރި ކުދިންތަކެއްގެ ސަބަބުން އެރަށު ސްކޫލު ދަރިވަރުންތަކަށް އެކިކަހަލަ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބުނެ، އެ ކުދިން ރަށުން ބޭރުކުރުމަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުުމެ މުޒާހަރާ ކުރުމާ ގުޅިގެންނެވެ.

އޭދަފުށީގައި މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި، އަމާންވެށީގައި ތިބޭ ބައެއް ކުދިން ސްކޫލަށް ގޮސް އެހެން ދަރިވަރުންނަށް ޖެއްސުންކޮށް ޓީޗަރުންނަށާއި ދަރިވަރުންނަށް ބިރު ދައްކައި ހަޑިހުތުރު ބަހުން ވާހަކަދައްކަ އެވެ. އަދި މީގެ ތެރެއިން އެއް ކުއްޖަކު ދާދިފަހުން ސްކޫލަށް ވަޅިއެއް ހިފައިގެން ގޮސް ދަރިވަރެއްގެ ކަރުގައި ޖައްސާ ބިރުދައްކާފައިވާ ކަމަށާއި އެކުއްޖާ ސަލާމަތްވާން އުޅުމުގެ ތެރޭގައި އަތް ކަފައިގެން ދިޔަ ކަމަށް ވެސް ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ބުނީ އެކަމުގެ ޒިންމާ ކަމާބެހޭ މުވައްސަސާތަކުން ނަގަން ޖެހޭނެ ކަމަށާއި އެ ކުދިން ސްކޫލަށްދާއިރު ދަބަހަށް ވަޅިފަދަ ތަކެތި ލެވިގެން ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށެވެ. އަދި އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ އަމާން ވެށިތަކަށް މާލޭ ސަރަހައްދުގައި ތިބި ކުދިން ބަދަލު ކުރަމުންދާ ވަގުތެއްގައި އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ކަމަށެވެ.

އާއިލާގެ ލޯބިން މަހުރޫމުވެފައިވާ ކުދިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއަކަށްވާއިރު، އެ ކުދިންނާ ގުޅޭ ގޮތުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ކުދިންނަށް އޭގެ ނޭދެވޭ އަސަރު ފޯރާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެކުދިން ރައްކާތެރި މުޖުތަމައުއެއްގައި ހެދި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށް އަތޮޅުތެރެއަށް ބަދަލުކުރަމުން ދިޔަ ނަމަވެސް ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top