ދައުލަތަށް 35 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ގައުމީ އިނާމު!

big_hLMsqkpALvsF1Aa.jpg

ދިވެހި ދައުލަތަށް 35 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ގައުމީ ފެންވަރުގެ އިނާމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް “ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު” ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސް ސޯލިހު ނިންމަވައި، އެކަމުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށެވެ.

އެހެންކަމުން ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއް ފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާބެހޭ މަސައްކަތް ގައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި އިނާމު ދެއްވުމުގެ އުސޫލު އެ ކޮމިޓީން ކަނޑައެޅުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލު ހޯދާނެ ކަމަށެވެ.

ސަރުކާރުން މިހާރުވެސް، ގައުމީ ފެންވަރުގައި ޚިދުމަތްކުރާ ފަރާތްތަކަށާއި ގައުމަށް ރީތި ނަން ހޯދައިދީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމާއި ޚާއްސަ އިނާމު އަންނަނީ ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top