ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ހަދައިގެންނެވެ. .
އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.
އެކަމުގެ ސަބަބުން އިންތިހާބު ބާއްވަން ހުރަސް އެޅޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަވެސް އިންތިޚާބު ބޭއްވޭނެ ގޮތަށްބިލު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންނެވެ.
މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.
ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިރު، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަން ކަމަށް ދީފައިވާ ބައެއް މުއްދަތުތައް ކުރު ކުރުމަށް އޮތީ ހިމަނާފައެވެ. އެގޮތުން އިންތިހާބުތަކާ ބެހޭ ގާނޫގައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތަކަށް ޖަވާބު ދިނުމާއި ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ ބައެއް މުއްދަތުތައް އޮތީ ކުރު ކޮށްފައެވެ.
އެހެން ނަމަވެސް ބިލު މަޖިލީހުން ފާސް ކުރީ އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް އެ މުއްދަތުތައް ކުރު ނުކޮށެވެ. އެހެން ކަމުން ކޮމިޝަނުން ދެން އިންތިހާބު ބާއްވަން ޖެހޭނީ، އިންތިހާބުތަކާ ބެހޭ ގާނޫނުގައި މިހާރުވެސް ހުރި މުއްދަތުތަކަށެވެ.
ބިލު ފާސް ކުރި ގޮތުން އިންތިހާބު ބޭއްވެން އޮތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ އުސޫލުތައް ހަތް ދުވަސް ތެރޭ ޑިރެކްޓާ ޖެނެރަލް އެކުކަވާލައި އާންމު ކުރަންޖެހެ އެވެ. އަދި އެސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށް ބިލު ފާސް ކުރިއިރު ވަނީ ހިމަނާފައެވެ.
އެ ބިލަށް އަމަލު ކުރަން ފަށާނީ، ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައި އިންތިހާބު ބާއްވާށެވެ.