ހިބަޅިދޫ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް

69451050_10215874949411798_1401115900727263232_n.jpg

ބ.މާޅޮހު އުތުރުފަރާތުން ކިލޯމީޓަރެއްގެ ދުރުމިނުގައި އޮންނަ ހިބަޅިދޫ،  ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިން މައްސަލައިގެ އެއްބަސްވުން ބާތިލުކޮށް އެ ރަށް އަތުލި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކޮށްފައިވާ ހިބަޅިދޫގައި ރިސޯޓެއް ތަރައްގީ ކުރަން 2014 ވަނަ އަހަރު ހުއްދަ ދީފައިވަނިކޮށް، އެރަށް ބަންދު ކުރީ 2015 ވަނަ އަހަރު އެ ރަށުން ހަތިޔާރު ފެނިގެންނެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު އެ ރަށް ތަރައްގީ ކުރަން ދައުލަތުން ބިޒްނަސް މޯލްޑިވްސްއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލާފަ އެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ޑިސެމްބަރު 29، 2016ގައި ކުރި ހުކުމުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ.

ހިބަޅިދޫ އަނބުރާ ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލު ނުކުރާތީ އެ ހުކުމް ތަންފީޒު ކުރަން ވެސް ބިޒްނާސް އިން ދަށު ކޯޓުގައި ކުރިން އެދުނެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގައި މައްސަލަ އޮތުމުން ހުކުމް ތަންފީޒު ނުވެ އޮއްވާ ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.

ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހުގެ 10:00އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މުހައްމަދު އައްލާމް ލަތީފް އަދި އަހުމަދު އިޝްފާހު އަލީއަށް ދައުވާ ކުރި އެވެ. އެ ދައުވާތައް ފަހުން ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top