މަގަށް ނެރެފައިހުންނަ އޮޅިގަނޑުތައް ނަގަން ރަށުކައުންސިލުން އަންގައިފި

viber-image.jpg

އޭދަފުށީގައިހުރި ފިހާރައެއްގެ އޮޅިގަނޑެއް މަގުމައްޗަށް ވާގޮތަށް ނެރެފައި. މިފަދަގޮތަކަށް ހުރި ތަންތަން ނެގުމަށް ކައުންސިލުން ވަނީ މުހުލަތެއްދީފައި / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީގެ ބައެއް ގޭގޭގައި އިމުން ބޭރުގައި މަގުމައްޗަށްވާގޮތަށް ގަވާއިދާ ހިލާފަށް ހަދާފައިވާ އޮޅިގަނޑުތައް ނަގަން އޭދަފުށީ ކައުންސިލުން ނިންމައި، ރައްޔިތުންނަށް މުހުލަތެއް ދީފިއެވެ.

އޭދަފުށީ ކައުންސިލުން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ގޯތިން ބޭރަށް މަގުމައްޗަށް ވާގޮތަށް ނެރެފައިވާ މިފަދަ އޮޅިގަނޑުތައް އެއް މަސްދުވަހުގެ ތެރޭގައި ނެގުމަށް އާންމުކޮށް އަންގާކަމަށެވެ. އެއިދާރާއިން ބުނީ މިދުވަސްވަރަކީ އޭދަފުށީގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްކަމަށްވާތީ، މަގުތަކަށް ނެރެފައިވާ އޮޅިގަނޑުތަކުގެ ސަބަބުން މަސައްކަތަަށް ދަތިތަކާ ދިމާވާ ކަމަށެވެ.

އޭދަފުށީގެ މަގުތަކުގައި ބަހައްޓާފައިވާ ނަގާއުފުލޭ ތަކެއްޗާއި، ގަސްގަހާގެހި ނެގުމަށްވެސް ކައުންސިލުން މިދިޔަމަހު ވަނީ އިތުރު މުހުލަތެއް ދީފައެވެ. އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް ހުރި މިފަދަ ކަންކަން ހަމަޔަކަށް އެޅުވުމަކީ އާންމު ރައްޔިތުންގެ ސަލާމަތާ، ރައްކާތެރިކަމަށް، އަދި މަގުތަކާ އާންމު ސަރަހައްދުތަކުގެ އަމާން ކަމަށް ކޮންމެހެން ކުރަންޖެހޭކަމެއް ކަަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަން ކުރުމުގައި ހަރުކަށި ގޮތްތައް ގެންގުޅުމުގެ ބަދަލުގައި، މަސައްކަތް ކުރާނީ ރައްޔިތުންނަށް ދެވެން އޮތް ލުޔެއް ދީގެން ކުރުމަށްކަމަށެވެ.

“މިއީ އެއްދުވަހަކުން ދެދުވަހަކުން ވެފައި ހުރި ކަންކަމެއްނޫން. އެނގޭ ކަމަކީ ކޮންމެ ބައެއްގެ އިހްމާލުން ނަމަވެސް ގަވާއިދާ ހިލާފަށް ކުރެވެމުން އަންނަ ކަންކަންކަންކަން މީ. އަޅުގަނޑު މިދަނީ މިކަންކަން ހަނދާންކޮށްދީ ވަގުތު ދެމުން. ދެން އޮތް މަރުހަލާތަކުގައި މިތަކެތި ނެގުންވެސް ކުރިޔަށް ގެންދަން ވިސްނާފައި އޮތީ” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލްއިން ގެޒެޓް ކޮށްފައިވާ އާންމުތަންތަނާ، މަގުމައްޗަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގައި ބުނެފައިވަނީ މިގޮތަށް ހުންނަތަކެތި ނެގުމަށް އެންގުމަށްފަހު 15 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ، އެތަކެތި ކައުންސިލުން ނެގުމުގެ ބާރު ކައުންސިލަށް ލިބިދެއެވެ. އަދި ގަވާއިދާ ހިލާފު ވުމުގެ ސަބަބުން ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު، ދެން ތަކުރާރުވާ ކޮންމެ ފަހަރަކު 500ރ އާ، 5000ރ އާ ދެމެދުގެ އަދަދަކުން އެފަރާތް ޖުރުމަނާ ކުރެވޭނެކަމަށެވެ.

މިގަވާއިދަށް އަމަލުކުރަން ފެށިފަހުން އޭދަފުށީ ކައުންސިލުން 2015 ވަނައަހަރު އޭދަފުށީގެ ހުރިހާ މަގުތަކެއްގައި މިފަދަ ގޮތަކަށް ހުރި ޖޯލިފަތި، ފަދަ ތަކެތި ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. ނަމަވެސް ފަހަކަށް އައިސް އަނެއްކާވެސް ވަނީ މަގުތަކުގައި ތަކެތި ބެހެއްޓުން އާންމުވެފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top