އާ ކައުންސިލްގެ ފުރަތަމަ 100ދުވަސް. ނަތީޖާއަކީ ކޮބާ؟

IMG_2637.jpg

އޭދަފުށިގެ ކައުންސިލްގެ މިދައުރުގެ 5 މެމްބަރުން. އާކައުންސިލަށް 100 ދުވަސްވަނީ ފުރިފައި / ފޮޓޯ: ބ. އަތޮޅު ކައުންސިލް

އޭދަފުށީ ކައުންސިލްގެ އާ ދައުރަށް 100 ދުވަސް ވީއެވެ. މިހާ ހިސާބުން ރައްޔިތުން އެންމެ ބޭނުންވާނީ މި 100 ދުވަހުގެ ތެރޭގައި ރައްޔިތުން އުއްމީދު ކުރިކަހަލަ ބަދަލެއް ނުވަތަ އެމެންބަރުން އިންތިޚާބު ވާންވެގެން ވިއްކި ވައުދުތަކަށް އަމަލީ ސިފަ ގެންނަމުން ދަނީ ކިހާ ވަރަކަށްތޯ ބެލުމެވެ. އެހުރިހާ ވާހަކައެއް ރައްޔިތުންގެ ހިތުގައި އަދި ހުންނާނީ ހަމަ އެންމެ ތާޒާކަން މަތީގައެވެ. އެހެންކަމުން ބަހާ އަމަލާ ދިމާކުރުމުގައި އެ ބޭފުޅުން ކުރިއަށް ނުވަތަ ފަހަތަށް އަޅާފައިވާ ފިޔަވަޅާމެދު ބަލާލުމަށް މިއީ އެންމެ މުނާސަބު ވަގުތެވެ.

އަލަށް އިންތިޚާބުވި އޭދަފުށީ ކައުންސިލްގައި އެންމެ ކައުންސިލަރެއް ފިޔަވައި ދެން ތިއްބެވީ އާ މީހުންނެވެ. މާނައަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީ ރައްޔިތުން ގޮވައިގެން އުޅެން މިތިބީ އާބައެކެވެ. ތަޖުރިބާ އެއް ނެތް އާބައެއް ރައްޔިތުންނާ ހަވާލު ވީއިރު މިއީ އެ ކައުންސިލަރުންގެ އިސްކޮޅަށްވުރެ ބޮޑު ޒިންމާއެއްކަން މިހާރު އެނގޭނެއެވެ.

ކައުންސިލަރުންނަށް ދޭން އޮތް ފުރަތަމަ އުފާވެރި މެސެޖަކީ އެއީއެވެ. އެކަން އެބޭފުޅުންނަށް އެނގިވަޑައިގަތްކަން ގަބޫލު ކުރެއްވުމެވެ. ކުރީގެ ކައުންސިލަށް ރައްޔިތުންގެ ލޯބި ނުހޯދުނީ އަދި ބޮޑު ތަނުން ފެއިލްވީ މިކަން ނުދަނެ ކައުންސިލަރުގެ ގޮޑީގައި އިށީނުމާއެކު ތެޅި ފޮޅި ގަތުުންކަމުގައި ރައްޔިތުން އޭރުވެސް މިހާރުވެސް ބުނަމުން ގެންދެއެވެ.

އާކައުންސިލް މި ގޮތަށް ތެޅިގަތްތަނެއް ނުފެނެއެވެ. މުޅި ޓީމްގެ މަސައްކަތް ފަށާފައިވަނީ ރައްޔިތުންނާ ހަމައިން ރައްޔިތުންގެ ތެރެއިންނެވެ. ރައްޔިތުންނާ ކައުންސިލާ އޮތް ދުރުމިން ކައިރިވަމުންދާތަން އެބަ ފެނެއެވެ. ޚާއްސަކޮށް ރައީސް ތޮލާލުގެ ފުރަތަމަ 100 ދުވަސް ހޭދަކުރަމުން ދިޔައީ މިކަމުގައެވެ.

“ކައުންސިލްގެ ގޮނޑީގައި އިނދެގެން އަޅުގަނޑު އަދި ވިސްނަމުން ގެންދަނީ  އަމިއްލަ ސިކުނޑީގެ ބަދަލުގައި ރައްޔިތުންގެ ސިކުނޑިން. މަސައްކަތް ކުރަން މިފެށީ އެގޮތަށް. އަޅުގަނޑު އެދެނީ ރައްޔިތުން އަޅުގަނޑާ ބައިވެރިވެ ރަށުގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުން. ” ރައީސް ތޮލާލު ވިދާޅުވިއެވެ.

ރައީސް ވާހަކަތައް ޝައުގުވެރިއެވެ. އަހާ ހިތްވާގޮތެއް އެބަހުއްޓެވެ. އެހެންވިއްޔާ 100 ދުވަހުގެ ތެރޭގައި ތޮލާލްގެ ދުރުމީ އިން އޭދަފުށީ ފެނުނުގޮތާއި މީހުންގެ މަޝްވަރާއާއެކު ރައްޔިތުންނަށް ކޮށްދެވިފައިވަނީ ކޮން ކަމެއް ހެއްޔެވެ. އަވަހަށް ހައްލު ކުރަން ބޭނުންވާ އެއްވެސް ކަމެއް ހައްލުކޮށް ދެވިއްޖެ ހެއްޔެވެ.

“ކަމެއް ފަށައިގެން ނަތީޖާ އާ ހަމައަށް ދިއުމަށް 100 ދުވަހަކީ ކުރު މުއްދަތެއް . އެކަމަކު އަޅުގަނޑުގެ ޕްލޭނާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދިއުމުގައި ހުރަސް ތަކެއް ހުރިނަމަވެސް އެ ހުރަސްތައް ނައްތާލުމަށްފަހު ކުރިއަށް ދާނަން . އަޅުގަނޑުގެ ޓީމް ވެސް އޮތީ އެގޮތަށް. އަދި މިއުޅެނީ ދިރާސާ ކުރުމާއި ދަސްކުރުމުގެ މަރްހަލާގައި”

އެއީ ތެދެކެވެ. އޭގެ އެއް ހެއްކަކީ އާކައުންސިލުން ރައްޔިތުންނަށް ދައްކަމުން ދަނީ ކައުންސިލަރުންނަކީ ރައްޔިތުންގެ ޚާދިމުންކަމުގައެވެ. ރައްޔިތުންގެ މަސައްކަތުގައި އެބޭފުޅުންގެ އިސްނެންގެވުން ދެއްކެވުމަކީ ތޮލާލު އެވިދާޅުވާ ދަސްކުރުމާއި ދިރާސާ ކުރުމުގެ އެއް ފިލާވަޅުކަމަށް ވެދާނެއެވެ. ތަންކޮޅެއް ތިލަ އިބާރާތަކުން ބުނާނަމަ ރަށުތެރެ ސާފުކުރުމާ ރަށުތެރެ ބެލެހެއްޓުމަށް މުވައްޒަފުން ފޮނުވައިގެން ނުވަތަ ރައްޔިތުންނަށް ގޮވައިގެން ކުރިން ކުރަމުން އައި މަސައްކަތް މުވައްޒަފުންނާ ބައިވެރިވެގެން ކުރާތަން ދައްކައިފިއެވެ. ކުނިކަހާ ފިހިގަނޑު ހިފައިގެން ބަނދަރުމަތި ސާފުކުރުމުގައި އަންހެން ދެ ކައުންސިލަރުން ވެސް އަރުވާ ޖަހާފައި އުޅޭތަން ފެނިފައިވަނީ އެއް ދުވަހަކުވެސް ނޫނެވެ.

ރައީސް ތޮލާލު ހުންނެވީ ބަދަލުވަމުންދާ މަންޒަރަށް ރަނގަޅަށް ބައްލަވާށެވެ. އޭނާ ވިދާޅުވީ ފަށަންވީ ކިހާހިސާބަކުން ކަން ކުރިއަށް ގެންދަންވީ ކިހާ ހިސާބަކުންކަމާމެދު އެނގޭނީ ދިރާސާ ތަކަށް ފަހުގައެވެ.

” އަޅުގަނޑު މިބަލަނީ ކުރީގެ ކައުންސިލުން ފަށާފައިހުރި ކަންކަމާއި ހުއްޓާލާފައިވާ ޕްރޮޖެކްޓްތަކާއި ހޯލްޑް ކޮށްފައި ހުރި ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ގޮތުން. ”

އޭނާ ވިދާޅުވާގޮތުން ނަމަ ކުރީ ކައުންސިލުން ކަންކަން ކޮށްފައިހުރީ އެހެން ބަޔަކަށް ސާފުވާވަރަށް ވުރެ އޮޅުން ބޮޅުން ގިނަ ގޮތަކަށެވެ. އެކަން ސާފުވޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވެގެން މުޅިން އަލުން ބިސްމި ކިޔާފަައި ފެއްޓުމަށް އޭނާ ބޭނުންވީ ވޭތުވެ ދިޔަ ދައުރުގެ ސާފު އޮޑިޓް ރިޕޯޓެކެވެ. އެކަން އެލްޖީއޭ އާއި އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް އެބަދެއެވެ. ތޮލާލު ވިދާޅުވީ އެރިޕޯޓަށް ފަހު ކުރިއަށް ދާންވީ މަގު ސާފު ވާނެކަމަށެވެ.

މި ސަބަބުތަކާ ހުރެ ކައުންސިލްގެ ދުވެލި ރައްޔިތުން ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދާކަމަށް ވިޔަސް ލަސް ސްޕީޑްގައި ވިޔަސް މަދު ކަންތައްތަކެއް ކޮށްފިއެވެ.

އެންމެ ފާހަގަކުރެވެނީ ވޭތުވެ ދިޔަ ޖުލައިމަހު އޮތް ރައްޔިތުންގެ ބައްދަލުވުމެވެ . އެއީ އެލްޖީއޭ ލާޒިމްކޮށްގެން ކޮންމެ ރަށެއްގެ ކައުންސިލަކުން ބާއްވަން ޖެހޭ ބައްދަލު ވުމެއްކަމަށް ވިޔަސް އެބައްދަލުވުމުގައި ބިނާކުރަނިވި އާ ކަންތައްތަކެއް ފެނިގެންދިޔައެވެ. އިދާރީމޭޒެއް ވަކިން ޚާއްސަކޮށް ހުރުމާއެކު ހުރިހާ ކައުންސިލަރުން ރަސްމީހެދުމުގައި ބަރާބަރު ގަޑިއަށް ހާޒިރުވުމަކީ ފެނުނު ރަނގަޅު ބަދަލެކެވެ. ހަމަ އެހެންމެ ރައްޔިތުންގެ ޚިޔާލަށް ހުށަހެޅި އެކަމުގެ ޖަވާބު ދިނުމުގައި ރައީސް ގެންގުޅުއްވި ސިޔާސަތުން ހާމަވީ އެއްވެސްކަމެއް ފޮރުވުމުގެ ސިޔާސަތު ނުގެންގުޅުއްވާ ކަމުގައެވެ. ރައްޔިތުން ހުށަހެޅި ކަމެއްގެ ތަފްސީލް ބޭނުންނަމަ އަނެއްދުވަހު ކައުންސިލްގެ އިދާރާއަށް ގޮސް އެކަން ސާފުކުރެއްވުމަށް އެދުމަކީ ވެސް ރަނގަޅު ތަފާތެއްގެ ގޮތުގައި ފާހަގަ ކުރެވުނު ކަމެކެވެ.

އޮއްވަޅު ގޮނޑިއެއްގެ ސިފައިގާ އޮތް ރަށުގެ މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު އުފަލެކެވެ.  އާ ކައުންސިލަށް ރަށުގެ މަގުތައް އޮތް ހާލު ފެނިއްޖެކަމާއި އެކަން ޝުކުރުވެރިކަމާއެކު ބަލައިގަތް ކަމެކެވެ. އެހެނީ އެމަގުތައް މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވުމުން ވާރޭ ވެހިއްޖެނަމަ ދުއްވާ އެއްޗިއްސަށާއި މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ފާހަގަކުރެވޭ އަނެއްކަމަކީ ކޮންމެ ކަމެއް ސަރުކާރަށް ބަރޯސާވުމުގެ ޒަމާންވީ އާދަ ދޫކޮށްލައި ސަރުކާރު ބަޖެޓާ ކުޅުމަކީ އެންމެ ފަހު ގޮތްކަމަށް ބަލައިގެން ބޭނުންތައް ފުއްދުމުގެ ރޫހު އަށަގެންނެވުމަށް ކައުންސިލުންފެށި ކާމިޔާބު މަސައްކަތެވެ. ނަތީޖާއަކީ ވޭތުވެ ދިޔަ 100 ދުވަހުގެ ތެރޭގައި އޭދަފުށީ ބޮޑު މިސްކިތުގައި އަޅާނެ ކާޕެޓް ހޯދައި ، އޭދަފުށީ ފުޓްބޯޅަ ޓީމަށްވެސް ބައިލައްކަ ރުފިޔާ ވަނީ ހޯދައިދީފައެވެ.

ސަރުކާރުން އޭދަފުށީގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ކައުންސިލުގެ އެއްބާރު ލުން ކުޑަކަމުގެ ވާހަކަ މީގެ ކުރިން އަހަމުން ދިޔައީމުއެވެ. ރަށުގެ ވަށައިގެން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ނިމިގެން ދިޔައިރު އެއަޑު ވަރަށް ގަދަވިއެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ ފެނާއި މަގު ހެދުމުގެ މަޝްރޫއުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެދެ ޕްރޮޖެކްޓް ހިންގާ ފަރާތްތަކުން ބުނެއެވެ. އުފާވެރި ޚަބަރަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ 15 މަގުކަމަށް ވީނަމަވެސް އިތުރު މަގުތަކެއް ހިމެނޭތޯ ރައްޔިތުންގެ ފަރާތުން ރައީސް ތޮލާލު ކަމާބެހޭ ސަރުކާރުގެ މުވައްސަސާތަކާ އެގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

މި ކާމިޔާބުތަކާއެކު ކުރިމަގުގައި ރައްޔިތުންނާ ރަނގަޅު ގުޅުމެއް އުފައްދައިގެން ރަނގަޅު ކަންތައް ތަކެއް ކޮށްދޭނެކަމަށް ބަލަމާ ހިނގާށެވެ. ހަމަ އެއާއެކު ދެންނެވި ދިޔަ ކަންކަމަކީ މިވަރުގެ ބޮޑު އާބާދީ އަކާ ނިސްބަތްކުރާއިރު ކާމިޔާބުގެ އަތް ޖަހަންޖެހޭ ވަރުގެ ބޮޑެތި ކަންތައްތަކެއް ނޫންކަމަށް ދެކޭ ބަޔަކުވެސް އުޅެފާނެއެވެ. ރައްޔިތުންނާ ސީދާ ގުޅުން ހުރި އަސާސީ މައްސަލަފުނި ހައްލު ކުރަން ކައުންސިލުން މަސައްކަތް ކުރާކަން ރައްޔިތުންނާ ހަމައަށް ތިލަ ނުވާކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިކަން ދިގުލަމުންދާވަރަކަށް ކައުންސިލާމެދު ކުރަމުން އައި އިތުބާރު ކުޑަވާނޭ ކަމެކެވެ.  އެންމެ ބޮޑު މައްސަލައަކީ އޭދަފުށީގައި އުފެދޭ ކުނީގެ މައްސަލައެވެ. އެކަމަށް ހައްލެއް ނާދެއެވެ. ރައްޔިތުންގެ އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރަން ހުރި ފައިސާއިން އެއްވެސް ބޭނުމެއްނެތް ގޮތަކަށް ބޮޑު ގެއްލުމުގައި ބޭކާރު ވަގުތުތަކެއް ހޭދަކުރުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. އެންމެ ބޮޑު ހިތްހަމަ ނުޖެހުމެވެ. ރައްޔިތުންގެ ގާތުގައި ރަށުގައި އުފެދޭ ކުނި ނައްތާލަން ބުނީ ގޭގެއިން ނަގާކުނި ގެންގޮސް ގޮނޑަށް އަޅާލާ ގޮތަކަށް ނޫނެވެ. އެކުނިތައް ރިސައިކަލް ކުރުމަށް ގެނެސްފައި ހުރި މެޝިންތައް ދަބަރަށް ވެގެންދާއިރު އަދިވެސް އެ މެޝިންތައް އެނބުރެން ފަށާނެ ދުވަހެއް ނޭގެއެވެ. އެވާހަކަ ދައްކާ އަޑެއްވެސް ނީވެއެވެ. އަވައްޓެރި މާޅޮހުގައި އެކަން ކުރާ ގޮތަށް އޭދަފުށީގައި އެކަން ނުކުރެވެންވީ ސަބަބެއް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހެއެވެ. ކުޑަމިނުން ގަސްކާނާ ހަދަން ސަރކާރުން ޚަރަދުކޮށްގެން ކައުންސިލަރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓްރޭނިންގ ދީފައިވާއިރު އެކަން ނުފެށި ލަސްވަނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ.

މިހާރު މިހަދާ ގޮތަކީ މި ޚިދުމަތް ކައުންސިލުން ނުދޭއިރުވެސް ގޭގެއިން ކަންކުރާ ގޮތަށެވެ. ކުނިތައް ގެންގޮސް ޖަމާކޮށްފައި ފަނާވާ ޒާތުގެ ކުނި މޫދަށް އަޅާލަނީއެވެ. އެކަން އެގޮތަށް ކުރާނަމަ ކައުންސިލުން ބޮޑުޚަރަދު ކޮށްގެން މިކަން ކުރުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންގެ ގާތުގައި ވާހަކަދެއްކި ގޮތަށް ކަން ނުކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ ކައުންސިލުން މިކަން ކުރުން ހުއްޓާލައި ކުރިންވެސް ކުނި އުކަމުން އައި ގޮތަށް އެގެއެއްގައި އުފެދޭ ކުނި އެގެއަކުން ގޮނޑަށް ގެންދިއުން ނޫންބާއެވެ. އޭރުން ހަމަގައިމުވެސް ރައްޔިތުންގެ ފައިސާއިން އެ ރައްކާކުރެވެނީ ވަރަށް ބޮޑު އަދަދެކެވެ.

ހަމަ އެހެންމެ ރަށުގެ މަގުތަކުގައި ކައުންސިލުން ހަދާފައިވާ ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް އެއްފަހަރު ދީފައިވާ މުހުލަތު ހަމަވެގެން ދިޔައިރުވެސް އެއަޑު ނީވޭ މީހުންނަށް ރަނގަޅަށް އަޑު އިއްވުމުގައި ކައުންސިލް ވަނީ ފަހަތަށް ފިޔަވަޅު އަޅާފައެވެ. ދެވަނަ މުހުލަތެއް ދީފައިވާއިރުވެސް އަދިވެސް އެއަޑު ބައެއް މީހުންނަކަށް ނީވެއެވެ. އެއަޑު އިއްވައި ދޭން ޖެހެއެވެ. އެކަމުގައި ހަމަހަމަ އުސޫލެއް ގެންގުޅުއްވައި އެންމެންނަށް އެއް އުސޫލަކުން ކަން ކުރެއްވުމުގައި ކައުންސިލް ފަހަތު ފަޔަށް ބަރުވެފައިވާ ކަމުގެ ވާހަކަ ދައްކާއަޑު ރައްޔިތުންގެ ތެރެއިން އިވިގެން ނުވާނެއެވެ. މިކަން ނުހުއްޓި ކުރިއަށް ދާނަމަ މި ކައުންސިލްވެސް ވެގެންދާނީ ކުރީ ކައުންސިލްތައް ފަދައިން ބޭނުމެއް ނެތް ހަމައެކަނި ނަމެއްގައި އޮތް ތަނަކަށެވެ. މި ނޫން މައްސަލަވެސް އެބަހުއްޓެވެ. މައްސަލަތަކާ ކުރިމަތި ލައްވައިގެން އޭދަފުށީ ކައުންސިލް ކައުންސިލެއްގެ ގޮތުގައި ނަމޫނާ ދައްކަވާށެވެ!

ރައީސް ތޮލާލްއަށް ދަންނަވާލާ ހިތްވަނީ ރައީސްގެ ގޮޑީގައި އިންނަވައިގެން ހަތަރު ފަރާތަށްވެސް ބައްލަވައި އެންމެންނާމެދު ހަމަހަމަކަން ގާއިމު ކުރެއްވުމަށެވެ. އެއީ މި ޖަމާއަތުގެ ފުރަތަމަ ރުކުނެވެ. ތަރައްގީއާއި ރަށުގެ ކުރިއެރުން ބިނާވެގެންވާނީ މި ރުކުނުގެ މައްޗަށެވެ. މިއީ ލައްކަ ވާހަކައެވެ.

ކައުންސިލްގެ ފުރަތަމަ 100 ދުވަހަށް މާކްސް އެއް ދެއްވުމަކީ އޭދަފުށީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެކެވެ. އަޅުގަނޑުގެ ނަތީޖާ ޝީޓްގައި ހުރިހާ ދިމާލަކަށް ބަލައިގެން ހެދި އިރު އޮތީ ފިފްޓީ ފިފްޓީއެވެ. ފުރިހަމަ ޕާފޯމެންސް ދެއްކުމަށް އަދި އިތުރު ވަގުތު ބޭނުންވާތީއާއެކު 100 ދުވަހަކީ ކުރު މުއްދަތެއް ކަމަށް ދެކޭތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top