”ގަލްފް ސަރަހައްދު”ގެ މި ޝަކުވާތައް އަޑުއަހާނީ ކާކު؟

ބީޗް.jpg

ވައި ބާރުވެއްޖެ ނަމަ ހަރުގެ ތަކުގައި އަޅާފައި ހުންނަ ޓިނުތައް ވިއްސައިގެން ގޮސް އެތަން މިތަނަށް.

ސަރަހައްދުގައި މަދިރިފަނި އަޅަން ދޫކޮށްލެވިފައިހުރި ޑިންގީގެ ފަޅިވަރު ތައް.

ފައިބަރު އެންދުމާއި ފައިބަރު ކުނޑިީގެ ސަބަބުން އުނދަގޫވޭ.

މައްސަލަތަކަށް ހައްލެއްނުލިބި އެތައް އަހަރެއް.

2014ވަނަ އަހަރު އޭދަފުށީގެ ފަޅު ހިއްކައިގެން ބިމަށް 27 ހެކްޓަރު އިތުރު ކުރިއިރު ހުޅަނގު ކޮޅުން ވެސް ބޮޑު ބައެއް ހިއްކިއެވެ. އޭގެ ތެރެއިން ”ގަލްފް ސަރަހައްދު ”ގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދުގެ ރީތި އަތިރިމަތި ބޭނުންކުރަމުން އަންނަނީ އޮޑިދޯނި ފަހަރު އެހެލައި މަރާމާތު ކުރުމާއި ފައިބަރު މަސައްކަތް ކުރުމަށެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް އުނދަގޫ ވާގޮތަށް އެކަން ކުރުމެވެ. މިއަދާ ހަމައަށްވެސް އެކަން ހިނގަމުން އަންނަނީ އެހެންނެވެ. އެކަމާ ކަންބޮޑުވާ އެހެން ބަޔަކު ނުފެނެއެވެ. ވެރިކަމުގެ ފަރާތުންވެސް މިކަން ހައްލު ކުރުމަށް އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވިފައެއް ނެތެވެ. އެެހެން ނޫންނަމަ މިހާރުވެސް ފެންނަން އެހެރަ ވީރާނާ ވަމުންދާ ކުދި ޖިފުޓިތަކާ އެކި ދިމާލުގައި މަދިރި ފަނި ހާލިހަދަން ދޫކޮށްލާފައިހުރި ހަލާކުވެފައިވާޑިންގީ ތަކެއްގެ ފަޅިވަރުތައް ކަހަލަ އެއްޗެތި އޭގެ އަމިއްލަ ޒާތުގައި ވީރާނާ ވަމުން ދާތަނެއް ނުފެންނާނެ އެވެ.

އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށް ހަރުގެ އަޅައިގެން އެމަސައްކަތް ކޮށް ނިމުމުން ހަރުގެ ރޫޅާލަން ޖެހެއެވެ. އެގޮތަށް ތަން ދޫކޮށްލާފައި ދިއުމުން އެތަން ހިޔާކުރަން އަޅާފައި ހުންނަ ބާ ޓިނު ތަކާއި ވަށައިގެން ޖަހާފައި ހުންނަ ޓިނުތައް ވަޔާ ތެޅިތެޅި އެހުންނަނީ މީހުން ދިރިއުޅޭ ގެތަކާ އެންމެ 200 ފޫޓެއްހާ ކައިރީގައެވެ. ވައި ބާރުވާ ވަރަކަށް އެޓިނު ތަކުން އެއް ރާގަކަށް އެއްވެސް ހަމައެއް ނެތި ކިޔާ ލަވައެއް ގޮތަށް އިވޭ އަޑަކީ ހަމަގައިމުވެސް ބޮލަށް ފަސޭހަ އަޑަކަށް ނުވާނެއެވެ. އެއީ ކުޑަކުދިންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގެއްލުންތަކެއް ލިބިދާނެ ކަމެއްވެސް މެއެވެ. މިކަމާ ޒިންމާވާން ޖެހޭ ބަޔަކުވެސް އުޅެން ޖެހޭނެތާއެވެ.

އަނެއް މައްސަލައަކީ ފައިބަރު މަސައްކަތް ކުރުމުގެ ގަވާއިދާ މުޅިން ޚިލާފަށް އެސަރަހައްދުގައި އެ މަސަައްކަތް ކުރަމުން ގެންދިއުމެވެ.

“ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދުގަ މި އޮންނަނީ މިފަދަ ކަމެއް ކުރާ ތަނެއް ހުންނަން ޖެހޭނީ މީހުން ދިރިއުޅޭ ސަރަހައްދާއި އެންމެ މަދުވެގެން 350 ފޫޓު ދުރުގައި ކަމަށް. އެއީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައި އޮންނަ މުހިއްމު ފިޔަވަޅެއް. އެކަމަކު އެމަސައްކަތް ކުރަމުން ދަނީ މި ގަވާއިދާ ޚިލާފަށް ކަމަށްވެފައި ދިމާ ހާމައަށް ކަމުގައިވާ ނަމަ އެހިސާބުން އެ ގޯސްވީ.”އެސަރަހައްދުގައި ދިރިއުޅޭ މުހައްމަދު އަސަރާއެކު ކިޔައިދިނެވެ.

އޭނާ ބުނީ ފައިބަރު ކުނޑިތައް ގޮސް ފުރާޅުގައި ތަތްލަވާފައި ހުންނާތީ ވާރޭ ފެން ނަގާކަށް ނުކެރޭ ކަމަށެވެ. އަދި ފީފާއަކަށް އަޅައިގެން ފައިބަރު އެންދުން ފަދަ ކަންތައް ކުރަމުން ގެންދާއިރު މިއީ އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ވިހައެއް ކަން އެނގެން ޖެހޭނެ ކަމަށެވެ.

 

ގަލްފު ސަރަހައްދުގައި ދިރިއުޅޭ އާއިލާ ތަކަށް ދިމާވެފައިވާ މި މައްސަލަތަކަށް ހައްލެއް ލިބޭތޯ މީގެ ތިން ދުވަސް ކުރިންވެސް އެސަރަހައްދުގެ ބަޔަކު ވަނީ ރަށު ކައުންސިލަށް ގޮސް އެމީހުންގެ ކަންބޮޑުވުން ތައް ފާޅު ކޮށްފައެވެ. އެހެންނަމަވެސް އެތައް އަހަރަކަށް ދިގުދެމިގެން އަންނަ މި މައްސަލައަށް ހައްލެއް ފެނުމުގެ އުއްމީދެއް އެއްވެސް ފަރާތަކުން އެމީހުންނަށް ދީފައެއް ނުވެއެވެ.

މިކަމާގުޅިގެން އީވީގެ ފަރާތުން ރަށު ކައުންސިލަށް ގުޅާލުމުން އެކަން ހިނގާފައިވާ ގޮތެއް ދިރާސާ ކޮށް ބަލަމުން އަންނަނީ ކަމުގައެވެ.

“ހުޅަނގު ކޮޅުގައި އޮޑިދޯނި ފަހަރު މަރާމާތު ކުރުމާއި ފައިބަރުގެ މަސައްކަތް ކުރަމުން އެގެންދަނީ ރަށު ކައުންސިލުން ހުއްދަ ދީގެން އެކަމަށް އެެއްބަސްވުމެއްވެސް ހެދިގެން ކަމަށް ގަބޫލު ކުރެވެނީ. އެކަމަށް  ކަނޑައަޅާފައިވާ މުއްދަތެއްގެ އިތުރުން އެހިސާބުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ބެލެވެނީ. އެކަންކަން މިހާރު މިދަނީ ދިރާސާ ކޮށް ބަލަމުން.” ރަށު ކައުންސިލް ގެ ޒިންމާދާރު ވެރިޔާގެ މަގާމު އަދާކުރައްވަމުން ގެންދަވާ މޫސާ ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ އެކަންކަން ބެލުމަށް ފަހު އެއްބަސްވުމާ ޚިލާފަށް އަމަލު ކުރާ މީހުންނަށް ދެން އަޅަން ޖެހޭ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމުގައެވެ.

އަލީ އަކީވެސް އާއިލާއެއް ގޮވައިގެން އެސަރަހައްދުގައި ދިރިއުޅޭ މީހެކެވެ.އެސަރަހައްދުގައި ހައްލުވާން ޖެހިފައި ހުރި ގިނނަ މއްސަލަތަކުގެ ތެރެއަށް ފައިބަގްލާސްގެ މައްސަލަ އިތުރު ކުރަމުން އޭނާ ބުންޏެވެ.

“ފައިބަރުގެ މަސައްކަތް އެގޮތަށް ކުރަން ރަށު ކައުންސިލުން ހުއްދަ ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ރަށު ކައުންސިލުން ހުއްދަ ދިން ކަމަށް ވާނަމަ ހައުސިންގ މިނިސްޓްރީން މިކަމަށް ކަނޑައަޅާފައި އޮންނަ ގަވާއިދާ އެއް ގޮތަށް އަމަލު ކުރުމަށް އެއްބަސްވުމެއް ހަދާނެ. އެ ގަވާއިދުގައި ފައިބަގްލާސް މަސައްކަތް ދިމާ ހާމައަށް ކުރުމުގެ ބަދަލުގައި ބަންދު ކޮށްފައި ހުންނަ ތަނެއްގައި ނޫނީ ކޮށްގެންނުވާނެކަމަށް ބުނެފައި އެބައޮތް. އެކަމަކު އެހެނެއް ނޫން ކުރަނީ. ފައިބަރު ގާނައިގެން އުފެދޭ ކުނޑިތައް މުޅި ހިސާބު ގަނޑަށް ފެތުރިގެން ދަނީ. ކުޑަކުދިންގެ ނޯށާ ހަމައަށްވެސް.” އޭނާ ބުންޏެވެ.

ފައިބަރު މަސައްކަތް ކުރުމަށް ކޮންމެވެސް ވަރެއްގެ ތަންކޮޅެއް ހިޔާކޮށް ހަދާފައި ހުރެއެވެ. އެކަމަކު އެތަނުގައި އޮންނަނީ ހަމައެކަނި އެތިގަނޑެވެ. ހުރިހާ މަސައްކަތެއް ކުރަނީ އެތަނުން ބޭރުގައި ހާމައަށެވެ. އަނެއްކާ އެތަން ހެދުމުގައި ކޮލިޓީއެއް ނެތުމުން ވައި ބާރުވެއްޖެނަމަ ޓިނު ތައްވެސް އެތަން މިތަނަށް ވިހުރުވިގެން ދާއިރު ބައެއް ގޭގެއާ ހަމައަށްވެސް އާދެއެވެ.

އޭނާގެ ޚިޔާލުގައި އެސަރަހައްދަކީ ވައިމަތި ކަމަށް ވާތީ ފައިބަރު މަސައްކަތެއް ނުކުރެވޭނެއެވެ. ބަންދުކޮށްގެން ކުރިޔަސް ބޭރަށް ފައިބަރު ކުނޑި އާއި އޭގެ ވަސް އަންނާނެއެވެ. އެންމެ ރަނގަޅު ގޮތަކީ މީހުން އުޅޭ ސަރަހައްދާ ދުރުން ވައި ދަށުގައި އެކަން ކުރުމެވެ. ރައްޔިތުންނަށް އޮތް އެންމެ ރައްކާތެރި ގޮތަކީ އެއީއެވެ. ކުރިން އެކަން ކުރަމުން އައީވެސް އެގޮތަށެވެ.

ހަމައެއާއެކު އެސަރަހައްދު ގައި ކުނި ގިނަވުމާ ކުނި ގޮނޑަކަށް މަޑުމަޑުން ބަދަލުވަމުން ދާކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ. މިހާރުވެސް އެސަރަހައްދުގައި އެކި ތަންތަނުގައި ކުނިތައް ފުނި ޖަހާފައި އެބަހުއްޓެވެ. އެކަން އެދިމާވަނީ ސަރަހައްދުގެ ސާފު ތާހިރުކަމަށް ނުބެލެވޭތީއެވެ.

 

 

“އެދިމާއަށާ މޫދަށް ކުނި ކޮތަޅުތައް އުކަނީ. ކުނިވެސް އަޅަނީ. އެއީ މޫދަށް އެރެން ވެސް އޮތް ތަންކޮޅަކީ.” އަލީ އިތުރު ކޮށްލި އެވެ.

ގަލްފް ސަރަހައްދުގައި ދިރިއުޅޭ މީހުން ޚާއްސަކޮށް އެންމެ އަތިރިމަތީ ސަފުގައި ގެއަޅައިގެން ދިރިއުޅޭ މީހުންނަށް މާލީ ގޮތުންވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

“ވިއްސާރަރެއަކު އިވުނީ ބާރުއަޑެއް. ހީކުރީ ފުރާޅަށް ކާއްޓެއް ވެއްޓުނީކަމަށް. އިރުކޮޅަކުން ދަރިފުޅު އައިސް ބުނީ ކޮޓަރީގައި ފެން ބޮޑުވެއްޖެކަމަށް. ބަލާލިއިރު ފުރާޅުމައްޗަށް އައިސް މި ޖެހުނީ އެހިސާބު ކައިރީގައި ހުރި ރުކަކުން ނައްޓާލައިގެން އައި ބޮޑު ފަނެއްގެ ބުޑު. ސިމެންތި ޓިނު ވީމާ ފުރާޅު ފޫދިޔައީ.”

މިއީ އެންމެ މީހެއްގެ ވާހަކަ އެވެ. މިކަހަލަ ކިތައް ގެއްލުން ކިތައް މީހުންނަށް ލިބިފައި ހުންނާނެ ބާއެވެ.

އަލީ ބުނަނީ އަނެއްކާ ހުޅަނގުވެ ވިއްސާރަ މޫސުމާ ކުރިމަތި ލާއިރު އަހަރުގެ މިދުވަސްވަރަކީ އެންމެ ގަދަ އަށް ޑެންގޫ ހުން ވެސް ފެތުރިގެން ދާ ދުވަސް ވަރުކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައެވެ.

“އެހެލާފަ ހުރި ޑިންގީ ތަކުގަ އެެހެރީ މަދިރިފަނި އަޅާފަ. މިދިޔަ އަހަރުގެ މިދުވަސްވަރު މި ސަރަހައްދުގެ ގެތަކުން ޑެންގޫގެ ކޭސް ތައް ފެނުން މަދެއް ނޫން. ހޮސްޕިޓަލުގައު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު. މި ފަހަރުވެސް އެންމެ ކުރިން ދާނީ އެންމެ އަތިރިމަތީ ސަފުގައި ހުރި ގެތައްކަން ނޭނގެ.”

 

ރަށުގެ އެންމެ ރީތި މި ސަރަހައްދުން މިހާރު ފެންނަނީ އެކަކުވެސް ބަލަންބޭނުންވާ މަންޒަރުތަކެއް ނޫނެވެ. ތަންތަން ކޮޅުގައި ކުނި ތައް ފުނި ޖަހާފައެވެ. އޭގެ ތަންކޮޅެއް ދުރުގައި އޮތީ އިމާރާތްތައް ތަޅާލައިގެން ނަގާ ގަލާއި ޓިނު ފަދަ ތަކެތި އެޅުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދެވެ. އެތަނަށް ގާކުނޑި ކަހަލަ ތަކެތި އަޅަނީ ގޯންޏާއެކުއެވެ. މީގެ އިތުރަށް ކުނިވެސް އެތަނަށް އަޅަނީއެވެ. އެގޯނިތައް ފީވެގެން ކުނިތަކާވެސް އެކު އަނެއްކާވެސް އަންނަނީ އެންމެ އަތިރިމަތީ ސަފުގައި ދިރިއުޅޭ މީހުންގެ ގެތަކަށެވެ.

ގަލްފު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އުނދަގޫ ތަކަށް ހައްލެއް ހޯދުމަށް އެމީހުން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ. ރަށު ކައުންސިލުގައި އެތައް ފަހަރަކު ޝަކުވާ ކޮށްފިއެވެ. ޕޮލިހަށް ހިނގައްޖެއެވެ. އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަތޮޅު ހޮސްޕިޓަލުން ޕަބްލިކް ހެލްތުގެ ނަމުގައި ޕްރޮގްރާމް ތަކެއް ހިންގާ ވާހަކަ އަޑު އިވިފައިވާތީ ހޮސްޕިޓަލަށް މި މައުލޫމާތު ހިއްސާ ކޮށްފިއެވެ. އެންމެ ފަހުން އިހަށް ދުވަހު އަނެއްކާވެސް ރަށު ކައުންސިލަށް ޝަކުވާ ހުށައެޅުމުން އަތިރިމަތީގައި އަޅާފައިހުރި ހަރުގެއެއްގެ ފުރާޅުން ހައެއްކަ ޓިނުގަނޑު ނައްޓަލުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ހުރި ތަނެއް ނުފެނެއެވެ.

“އަހަރެމެން ދެން މި ކަމުގައި ކުރިއަށް ދާނީ މިއަވަށުގެ ކޮންމެ ގެއަކުން މީހަކު ގޮވައިގެން ސީދާ ރަށު ކައުންސިލަށް ގޮސްގެން. އޭރުން ވެސް ވާގޮތެއް އެނގިދާނެތާ ! ”

އެކަމަކު އެގޮތުންވެސް ކުރިއެރުމެއް ނުލިބިއްޖެނަމަ ދެން ޓަކި ޖަހާނީ ސީދާ ސަރުކާރުގެ ކަމާބެހޭ އެންމެ މަތީ މުވައްސަސާގެ ދޮރުގަ އެވެ. އެހިތްވަރު އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top