ރަންދިހަފަހެއްގެ މުނާސަބަތާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓި (އެމްއެމްއޭ) ގެ ފަރާތުން އަލަށް ޑިޒައިންކޮށްފައިވާ ދިވެހިފައިސާގެ އާ ނޫޓްތައް އަންނަމަހުގެ 5 ގައި ތައާރަފްކުރާގޮތަށް ހަމަޖައްސައިފިއެވެ.
މިކަން އިއުލާނުކުރަމުން މިއަދު އެމްއެމްއޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޒީމާއާދަމް ވިދާޅުވީ އަލަށް ނެރޭ ނޫޓް އަންނަމަހު ފަހެއްގައި ތައާރަފްކުރިޔަސް އެނޫޓްތަކުގެ ބޭނުންކުރަންފަށާނީ އަންނަ ޑިސެމްބަރުމަހުކަމުގައެވެ.
އަޒީމާ ވިދާޅުވީ އަލަށްނެރޭ ނޫޓްތައް ތައްޔާރުކޮށްފައިވަނީ ކަރުދާހުގެ ބަދަލުގައި ޕޮލިމަރއިންކަމުގައެވެ. ޕޮލިމަރގައި ޗާޕްކުރުމުން ނޫޓް ހަލާކުވުން ލަސްވާނެކަމަށާއި ނޫޓް ނަކަލު ނުކުރެވޭނެކަމުގައެވެ. އަދި މިއީ ވަރަށް ޒަމާނީ ނޫޓްތަކެއްކަމަށާއި ޗާޕްކޮށްފައި ހުންނާނީ ސަލާމަތީ ސިފަތައްވެސް ބޭނުންކޮށްގެންނެވެ.
އާނޫޓަށް ހޭލުންތެރިކުރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރުމަށް އެމްއެމްއޭއިންވަނީ ނިންމަވާފައެވެ.
އަލަށް ނުކުންނަ ނޫޓްތަކުގައި 5 ރުފިޔާގެ ނޫޓް ނުހިމެނޭއިރު 1000ރުފިޔާގެ ނޫޓް އިތުރުކޮށްފައިވެއެވެ.