ރައީސުލްޖުމްހޫރިއްޔާ އޭދަފުއްޓަށް ވަޑައިގެންފި

DSCN9905.jpg

ރައީސް ސޯލިހު ،އޭދަފުށީގައި -- އީވީ ފޮޓޯ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އޭދަފުއްޓަށް ވަޑައިގެންފިއެވެ.

ބ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްގައި ރައީސް އޭދަފުއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނު ފުޅަދޫއާއި ފެހެންދޫއަށް ވަޑައިގަތުމަށްފަހުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސަށް އޭދަފުށިން މަރުހަބާދެންނެވުމަށް އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލްގެ މެންބަރުންނާއި އޭދަފުށިގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން އެތަންތަނުގެ މުވައްޒަފުން ވަނީ ބަނދަރު މައްޗަށް އެއްވެ މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކުވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބަނދަރުމައްޗަށްއެމަނިކުފާނާއި ސަލާން ކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުމާއި ގުޅިގެން މިރޭ ބާއްވާ ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމެވެ. އޭގެ އިތުރުން ބ.އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލާ އޭދަފުށީގެ މުވައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްލެއްވުމަށް ވެސް ދަތުރުފުޅުގެ ޝެޑިއުލްގައި ވަނީ ހިމަނާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ ވަޑައިގަންނަވާނީ ކިހާދޫއާއި ދޮންފަނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top