ރައީސް، އޭދަފުށީ ކައުންސިލާ ބައްދަލު ކުރައްވައިފި

67692526_2455962667795697_7135615428138631168_n.jpg

ރައީސް އޭދަފުށީ ކައުންސިލާ ބައްދަލު ކުރެއްވުން --ފޮޓޯ :ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ބ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިއަދު އޭދަފުއްޓަށް ވަޑައިގެން އޭދަފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ މި ބައްދަލު ކުރެއްވުމުގައި އޭދަފުށީގެ ތަރައްގީއާ ކުރިއެރުމަށް ހުރި ހުރަސްތަކާއި ރައްޔިތުންގެ ބޭނުންތައް ރަށުކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދަންނަވާފައެވެ.

އެގޮތުން އޭދަފުށީގައި ގޯތި ދޫނުކުރާތާ މިހާރު 28 އަހަރުވެފައިވާ އިރު ގޯތި ބޭނުންވެފައިވާ އެތައް އާއިލާ އެއް ތިބިކަން ފާހަގަ ކުރައްވައި ރަށުގެ ހިއްކި ބިމުން ގޯތި ދިނުން އަވަސް ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ރައީސް އަރިހުގައި ދެންނެވިއެވެ. ހަމަ އެހެންމެ ރަށުގެ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް ހައްލު ކުރެވެން އޮތީ އައު ބަނދަރެއް އަޅައި ގެންކަމަށް ވާތީ އެކަންވެސް ރައީސްގެ ސަމާލު ކަމަށް ގެންނެވިއެވެ. އޭގެ އިތުރުން ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާ ގަބުރުސްތާނު ފުރޭތީ ވެލި އަޅައިގެން އެމަސައްކަތް ކުރެވޭނެ ގޮތާއި، ކުނީގެ މައްސަލަތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށާ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދިއުން ހުއްޓިފައިވާތީ އެކަންވެސް ބައްލަވައިދެއްވުމަށް އެދި ކައުންސިލުން ވަނީ ރައީސް އަރިހުގައި ދަންނަވާފައެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކައުންސިލުން އެދުނު ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެ ކަމާ ބެހޭ މިނިސްޓްރީތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވިދާޅުވި ކަމުގައެވެ.

ރައީސް ސޯލިހު ބ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ވަނީ ފެހެންދޫ އަށާއި ފުޅަދޫއަށްވެސް ވަޑައިގެން އެ ދެރަށުގެ ކައުންސިލްއާ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތު ބައްލަވާލައްވާފައެވެ

ރައީސްގެ މި ދަތުރުފުޅުގައި މާދަމާ ވަޑައިގަންނަވާނީ ކިހާދޫއާއި ދޮންފަނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top