އަޑުގެ ”ބާއްޖަވެރި ހެނދުނެއް“ގައި ރައީސް ބައިވެރިވެ ވަޑައިގެންފި

president-solih-1-11-2048x1365.jpg

އަޑުގެ ”ބާއްޖަވެރި ހެނދުނެއް“ގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޒަމާންވީ ޕްރޮގްރާމް، “ބާއްޖަވެރި ހެނދުނެއް” ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ޕްރޮގްރާމަކީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ. ހަމަ އެއާއެކު ރޭޑިއޯގެ ޚަބަރާއި ޕްރޮގްރާމުތައް ވީހާ ވެސް މުއްސަނދިކޮށް ކުރިއަށްގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި، ރޭޑިއޯއަކީ ނެތިގެންދާނެ ވަސީލަތެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވެ، ރޭޑިއޯއަށް ޚާއްސަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ޚަބަރާއި ޕްރޮގްރާމް ތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް އެދިވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.  އަދި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް ނިސްބަތްވާ ޕާޓީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ބައެއް ހަނދާންތައް އާކުރައްވި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން، އުމުރުން އެންމެ 10 އަހަރުގައި މާލެއަށް ބަދަލުވެ ވަޑައިގެންނެވީ ތައުލީމު ހާސިލް ކުރެއްވުމަށް ކަމަށާ މާމާފުޅާ އެކު މާލެ ވަޑައިގެން އެންމެ ފުރަތަމަ ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެން ގޭގައި ކަމަށާއި، ނަމަވެސް އެގޭގައި ނުހުންނަވަން އެރޭ 12 ޖަހަންދެން ރޮއި ހެއްދެވިކަމަށެވެ. އަދި އެގޭގައި ނުހުންނަވަން ކުރި މަސައްކަތުން ބައްޕަ އެންމެފަހުން އެހެން ގެއަށްކަމަށް ބަދަލު ކުރެއްވިކަމަށޤ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް މީހަކާއިމެދު ހަސަދަވެރި ނުވަމަކީ ބައްޕަ ނިޔާވުމުގެ ކުރިން ފޮނުވި ސިޓީގައިވެސް ލިޔެ ވަސިއްޔަތް ކޮށްފައިވާ ކަމެއްކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރަނީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top