ޓޮޕް އެޗީވާސް އެވޯޑް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 11 ކުދިންނަށް

އޭލެވެލް ގަދަ10ގަިއ ހިމެނުނު ތައުލީމީ މަރުަކަޒުގެ ބައެއް ދަރިވަރުން : ފޮޓޯ : އަބޫ ޔައުލާ

2016ވަނަ އަހަރުގެ އެލެވެލް އިމްތިހާނުގެ ގަދަ 10ގެ ތެރޭގައި ބ.އަތޮޅު ތައުލީމި މަރުކަޒުގެ 11 ކުދިން ހިމެނިއްޖެއެވެ.

އޭ ލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ރޭ ދަރުބާރު ގޭގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި، 2016ގެ އެންމެ ކާމިޔާބު ދަރިވަރެއްގެ ގޮތުގައި ބ.އަތޮޅުން ފާހަގަ ކުރެވުނީ  ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން އެއްވަނަ ހޯދައިގެން ދުނިޔޭގެ ގަދަ 10 ގައި މިދިޔަ އަހަރު ހޮވުނު ދިވެހި އަށް ދަރިވަރުންގެ ތެރޭގައި ހިމެނުނު އޭދަފުށީ އަނޯނާގޭ އާއިޝަތު ޝަހުދާއާއި ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން އެ އިމްތިހާނުގެ އެއްވަނަ ހޯދި އޭދަފުށީ އިރުދޭމާގޭ އިޒްހަތު ޝަމީމް އެވެ.

މި ކާމިޔާބާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒު ތާރީޚްގެ ތެރެއަށް ވަދެގެން ގޮސްފައި މިވަނީ އެމަރުކަޒުގެ ދަރިވަރަކު މުޅި ދުނިޔެއިން އެއްވަނަ ހޯދައިގެން ދުނިޔޭގެ ގަދަ 10ގައި ހިމެނުމުގެ ރީތި ރެކޯޑަކާއެކު ގިނަ ދަރިވަރުންތަކެއް އޭލެވެލް ގަދަ ދިހައެއްގައި ހިމެނުމުގެ ފުރަތަމަ ފަހަރުގެ ގޮތުގައިވެސް މެއެވެ.

2016ވަނަ އަހަރު އެލެވެލްގެ ގަދަ 10ގައި ހިމެނުނު ބ..އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަކީ   .

އިޒްހާތު ޝަމީމު، އިރުދެމާގެ / ބ. އޭދަފުށި (1 ވަނަ)
ފާތުމަތު ޒަހުރާ، އަލިފަށުއިގެ / ހއ. ހޯރަފުށި (2 ވަނަ)
އައިޝަތު ޝަހުދާ، އަނޯނާގެ ބ / ބ. އޭދަފުށި (2 ވަނަ)
އައިޝަތު މަހާ، ނާޒް / ބ. އޭދަފުށި (5 ވަނަ)
އައިމިނަތު ޝީނީޒް، ހަލީމާހައުސް / ބ. އޭދަފުށި (6 ވަނަ)
ތޮލާލު ނަސީރު، ފުރެސްކޯ / ބ. ކުޑަރިކިލު (6 ވަނަ)
އައިޝަތު ނަސްމާ، ރޯޝަނީގެ / ބ. ކިހާދޫ (6 ވަނަ)
ޝަފާއު ދާއޫދު، ނޫރު / ބ. ހިތާދޫ (8 ވަނަ)
އައިމިނަތު އިމާލާ / ކިނބިގަސް / ރ. އިނގުރައިދޫ (8 ވަނަ)
ބަޝިރާ އބްރާހީމް، ތުނިވެލި / ބ. އޭދަފުށި (8 ވަނަ)
ހުސައިން ޒަހްވާން، ޒަމާލިކް / މ. މަޑުއްވަރި (10 ވަނަ)

ނައިބުރައީސް އަބްދުﷲ ޖިހާދު ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖިހާދު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް އެކި ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު މި ސަރުކާރުން ޒުވާނުންނަށް ފަހިކޮށްދެއްވާފައިވާ ކަމަށާއި މަތީ ޘާނަވީ އިމްތިޙާނުން ތިން މާއްދާއަށް ވުރެ ގިނަ މާއްދާއިން ފާސްވާ ދަރިވަރުންނަށް މަތީ ތަޢުލީމު ޙާސިލްކުރުމަށް ލޯނު ލިބޭނެ އިންތިޒާމްހަމަޖެހިފައިވާ ކަމުގައެވެ.

ޝަހުދާ : މަންމައާއި ބައްޕަ އަދި ސްކޫލް ޕްރިންސިޕްލް އާއެކު – ފޮޓޯ :އަބޫ ޔައުލާ

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ މަތީ ސާނަވީ ތަޢުލީމުން އެއްވަނަ ހޯދަމުންދާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާއިރު ނިމުނު އަހަރު ރެކޯޑް ޢަދަދަކަށް ދަރިވަރުން އެއްވަނަ ހޯދާފައިވާ ކަމަށެވެ. އެގޮތުން ނިމުނު އަހަރު ތިރީސް އަށް ދަރިވަރަކު ވަނީ ފަސްމާއްދާއިން އެއްވަނަ ޙާޞިލްކޮށްގެން އެއްވަނަ ހޯދާފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަ ފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ބަވަނަ ވަމުންދާ ދުނިޔޭގައި ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުތަކާއިމެދު ވިސްނައި ފިކުރުކުރުމަކީ މުހިންމުކަމެއްކަމަށާއި  އަޅުގަނޑުމެންގެ މާދަރީބަހުގެ އިތުރުން އެހެން ބަހަކުން ވާހަކަދެއްކުމުގެ ހުނަރާއި އެހެން މީހުންނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރަކީ ދަރިވަރުންނަށް މުހިންމު ހުނަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރު 21 ސްކޫލަކުން 189 ދަރިވަރަކު އެންމެ މަތި ދިހަ ވަނަ ޙާޞިލްކޮށްފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކުލްތަކުން 43 ދަރިވަރުންނާއި މާލޭގެ ސްކޫލްތަކުން 146 ދަރިވަރުންނެވެ.

ހަނދާނާއި ތާރީޚަށް ބަލާއިރު 2015ވަނަ އަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުން ގަދަ 10ގައި ހިމެނުނީ އެމަރުކަޒުގެ 7 ދަރިވަރުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top