ގާނޫނީ އިމުގެ ބޭރުން އަންގާ އެއްވެސް އެންގުމަކަށް ބޯ ނުލަނބާނެ ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވެއްޖެ އެވެ.
ދޮންފަނު ބިން ހިއްކުން ސަރުކާރުން ހުއްޓާލުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އެރަށުގައި މުޒާހިރާ ކުރަމުން އަންނައިރު ދޮންފަނު ރައްޔިތުން އިއްޔެ ވަނީ ކަނޑުމަތީގައިވެސް މުޒާހިރާ ކޮށްފަ އެވެ.
ދޮންފަނު ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ޑައިވް ކުރުން އެ ރަށު ކައުންސިލުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ޑައިވް ކުރުން މަނާކުރަން ކައުންސިލުން ނިންމި ނިންމުން އެލްޖީއޭ އިން ވަނީ ބާތިލުކޮށްފަ އެވެ.
ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމީ އެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު “ފޭސްބުކް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަށް ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް އެ އެ ރަށު ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެގޮތުން މަސައްކަތްކޮށްގެން ވެސް އެކަން ނުކުރެވޭނަމަ ދެން ހެދޭނެ ގޮތްތައް ވެސް ހުރިއިރު، މަޝްވަރާކޮށްގެން ކަމެއް ނިންމަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
“ރާއްޖޭގެ އެކިހިސާބުތަކުގައި ވެސް މިގޮތަށް މިކަންކޮށްފައި އެބަހުއްޓެވެ. އެގޮތުން ކިލަނބު ކުޑަކުރުމަށް ޑްރެޖަރުގައި ގްރީން ވެލްވެއް ބޭނުން ކުރެވިދާނެއެވެ. އަދި ހިއްކުމުގައި އިރުވައި މޫސުމުގެ ބޭނުން ހިފިދާނެއެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މާކަރު ހަރުކޮށް އެސަރަހައްދާ ވީހާވެސް ދުރުން ވެލި ނެގިދާނެއެވެ. އަދި ހިއްކާ ސަރަހައްދުގައި ބަންޑްވޯލް ޖެހުމާއި، ކިލަނބު ބޭރުކުރާ ތަނުގައި ސިލްޓް ސްކްރީން ބޭނުންކުރެވިދާނެއެވެ. މިކަހަލަ ކިތަންމެ ގޮތެއްވެސް އެބަހުއްޓެވެ،” އިރުޝާދު ވިދާޅުވި އެވެ.
އިރުޝާދު ވިދާޅުވީ ދޮންފަނު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލައެއް ކަމަށާއި ކައުންސިލުން ކޮންމެ ސަރުކާރެއްގައި ވެސް އެދިފައިވާނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މި ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ފަދަ ގޮތަކަށް ހައުސިން މަޝްރޫއުތައް ހިންގައިދިނުމަށް ކަމަށެވެ.
ދޮންފަނު ބިން ހިއްކުމަކީ މިދިޔަ ސަރުކާރުގައި ވެސް ބަޖެޓް ކުރެވުނު ކަމެއް ކަމަށާއި ސަރުކާރު ބަދަލުވެ މި ސަރުކާރުން ދޮންފަނު ބިން ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ވައުދުވެ އެކަން ކުރުމަށް އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރިއިރު އެ ސަރަހައްދަކީ ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން އިން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ސަރަހައްދެއްކަން ރައީސް މުއިއްޒާއި އެންވަޔަރަމަންޓް މިނިސްޓަރަށް ނޭނގުމަކީ ބޮޑު ޖޯކެއް ކަމަށް އިރުޝާދު ވިދާޅުވި އެވެ.
“ރައީސް ސޮއި ކުރެއްވިއިރު މިނިސްޓަރު އިންނެވީ ދެއަތުން ހަންދާ ވަރަށް އަތް ޖައްސަވާށެވެ. މިއަދާ ހަމައަށް އައިއިރުގައި ވެސް މި މަސައްކަތާ އެކު މި ސަރަހައްދުގެ ގުދުރަތީ ވެއްޓަށް ކުރާނެ އަސަރު ބަޔާންކުރާ (އީއައިއޭ ރިޕޯޓް) ހަދަންޖެހޭކަން މިބޭފުޅުންނަށް ނޭނގޭކަމީ މިބޭފުޅުންގެ ގަމާރުކަން ނޫން ދެން ކޮންކަމެއްތޯ އެވެ؟ ބިން ހިއްކުމަށް އެގްރިމެންޓްގައި ސޮއި ކުރި އިރުވެސް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގުނީތީ ހައިރާންވެއްޖައީމެވެ،” އިރުޝާދު ވިދާޅުވި އެވެ.
“މުޅި ލާމަރުކަޒީ ނިޒާމުގެ އެންމެހާ އަސާސްތައް މުގުރާލައި ޤާނޫނީ އިމުގެ ބޭރުން ކައުންސިލަށް އަންގާ ޣައިރު ގާނޫނީ އެއްވެސް އެންގުމަކަށް އަޅުގަނޑުމެން ބޯލަނބާނެ ކަމަށް ހީކުރުމަކީ ވަރަށްބޮޑު ކުށްހީއެކެވެ. ގާނޫނީ އިމުގެ ތެރެއިން ކައުންސިލުން މިކުރާ މަސައްކަތަށް ހުރަސް ނޭޅުއްވުމަށް އަދުގެ ސަރުކާރަށް ހަރުއަޑުން ގޮވާލަމެވެ،” ދޮންފަނު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.





