އަންހެނުންފުށި ދަނޑުތަކުން ރޯދައަށް އެއްޗެއް ނުލިބުނު

big_sdQvi0FFdmnOiFhOXgwv4N9fk.jpg

އަންހެނުންފުށީގެ ދަނޑެއް

ބ.އަތޮޅުގައި އެންމެ ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރަމުން އަންނަ ބ.އަންހެނުންފުށި ދަނޑުތަކުން މިއަހަރު ރޯދައަށް އެއްވެސް ބާވަތެއް ނުނެރެވޭނެ ކަމަށް އެރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަ ކާމިޔާބު ދަނޑުވެރިޔާ ގަމީރާ އާދަމް ބުނެފިއެވެ.

ވޭތުވެދިޔަ 13 އަހަރުން ފެށިގެން އެރަށުން ވަނީ ރޯދައަށް ޚާއްސަކޮށްގެން ކަރާ، ފަޅޯ، މިރުސް، ބަށި، ކިއުކަންބާ، ބަޓާނާގެ އިތުރުން ކޮޕީފަތާ ފަތްޕިލާވެލީގެ ގިނަ ބާވަތްތަކެއް ބާޒާރަށް ނެރެފައެވެ،.

އއ.ތޮއްޑޫއަށް އުފަން ގަމީރާ ބުނީ މިއަހަރު އެއްވެސް ބާވަތެއް ބާޒާރަށް ނެރެވޭ ގޮތް ނުވީ އާއިލާގެ މެންބަރަކު ބަލިވެގެން ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ފާއިތުވެދިޔަ ހަމަސް ދުވަހު އެއްވެސް މަސައްކަތެއް އަންހެނުންފުށީގައި ކޮށްފައި ނުވާތީ ކަމަށެވެ.

ދަނޑުވެރިކަމުގެ ގައުމީ އިނާމުވެސް ހޯދާފައިވާ ގަމީރާބުނީ ވޭތުވެ ދިޔަ ހަމަސްދުވަހު އަންހެނުންފުށީގައި ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުގެ މާނައަކީ ދަނޑުވެރިކަމުން ވަކިވުން ނޫންކަމަށާއި ވަރަށް އަވަހަށް އަލުން މަސައްކަތް ފަށާނޭ ކަމުގައެވެ.

އަންހެނުން ފުށީގައި ދަނޑުވެރިކަން ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ ފެނުގެ މައްސަލަ ކަން އޭނާ ފާހަގަ ކުރިއެވެ. “އަންހެނުންފުށީގެ ފެން ފަށަލަ ހަލާކުވުމުން ފެނަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު. އެހެންވުމުން ފެންވެރުމަށާ، ބުއިމުގެ އިތުރުން ކެއްކުމަށް ބޭނުން ކުރަން މިޖެހެނީ ބާޒާރުގައި ވިއްކާ ފެން. އެކަމަކު އެކަމަށްވެސް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި ހައްލެއް ލިބިގެން ދާނެ. “ޕީއެސްއެމް އަށް ދިން އިންޓަވިއު އެއްގައި ގަމީރާ ބުނެފައިވެއެވެ.

އެގޮތުން އަންހެނުންފުށީގައި ދުވާލަކު 8 ޓަނު ފެން އުފެދޭ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ފެން ޕްލާންޓުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމުން ފެނުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް އޭނާ ބުންޏެވެ. މި ޕްލާންޓުން އުފައްދާ ފެން ބޭނުން ކުރާނީ ދަނޑުވެރިކަމުގައި ހައްދާ ގަސްތަކަށް ފެންދިނުމަށާ، ފެންވެރުމަށެވެ.

އަންހެނުންފުށީގައި ގަމީރާ ދަނޑުވެރިކަން ކުރަނީ ކުއްޔަށް ހިފައިގެންނެވެ. މިމަސައްކަތް ކާމިޔާބުކަމާއެކު ކުރަމުން އަންނައިރު ބާޒާރުގެ އިތުރުން ރިސޯޓްތަކަށް ވެސް އޭނާގެ އުފެއްދުންތައް ސަޕްލައި ކުރަމުން ގެންދެއެވެ. އަންހެނުންފުށީގައި ދަނޑުވެރިކަން ކުރަމުން ދަނީ ބިދޭސީން ގޮވައިގެންނެވެ.

އަންހެނުންފުށީގެ އިތުރުން ގަމީރާ މިހާރު އަންނަނީ އޭނާގެ އުފަންރަށް ތޮއްޑޫގައި އުޅެމުން އެރަށުން ބިމެއް ކުއްޔަށް ނަގައިގެން ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top