ސަރުކާރުން އަތޮޅުތަކުގައި ހިންގާބޮޑެތި ޕްރޮޖެކްޓްތަކުގެ ފެންވަރުދަށް ވާހަކައަކީ އަޑުއަހަން އެހާ ފަސޭހަކަމަކަށް ނުވިޔަސް މިއީ އިވެމުންދާ ވާހަކައެކެވެ. ރައްޔިތުން ނުކުމެ ބަނދަރުގެ މަސައްކަތް ހުއްޓުވުން ނުވަތަ އެފަދަ އެހެންކަމެއްކުރަން އައިސްތިބި ބަޔަކާ ދެމެދު ބަހުގެހަމަލާތައް ބަދަލުކުރުން ފަދަ ހަމަނުޖެހުން މެދުވެރިވެފައި އެބަހުއްޓެވެ.
މިކަން މިގޮތަށް ދިމާވާ އެއްސަބަބެއްކަމުގައި ގަބޫލުކުރެވެނީ ސަރުކާރުން ބޭނުންވާކަމެއް ރައްޔިތުންލައްވާ ކުރުވުމަށް މަގުފަހި ކުރުމުގެގޮތުން ރައްޔިތުން އެވަގުތަކަށް އެންމެ ބޭނުންވާ ކަމަކީ ކޮބައިތޯ ބަލައި އެކަން އެއްވެސް ޕްލޭނެއްނެތި ކުރަން ފެށުމެވެ. މިސާލަކަށް ސަރުކާރު ތަމްސީލުކުރާ ޕާޓީގެ މެންބަރަކު މަޖްލީހަށް ކުރިމަތިލާފައި އޮތުމުން ދާއިރާގެ ރައްޔިތުންގެ ވޯޓްހޯދުމަށް އެންމެ ފަސޭހަ ގޮތަކީ އެވަގުތު ދާއިރާގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ ބަނދަރުހެނދުން ކަމުގައިވާނަމަ އެކަން ވޯޓްގެކުރިން ފަށާނަމޭ ވިދާޅުވެވުނީތީވެ ފަށަނީއެވެ. އެހެންވީމާ ވީގޮތް ދ. މީދޫން ނިކަން ރަނގަޅަށް ފެނިގެން ދިޔައެވެ. ވޯޓް ބޯމަތިވެފައިއޮއްވާ ފަޅުހިއްކާ ރަށަށް ބޮޑުބައެއް އިތުރުވުމުން ރައްޔިތުން އުފާފާޅުކުރަމުން ދިޔައިރު އޭގެ މަދުދުވަސްކޮޅެއްގެ ފަހުން ފެނުނީ ގޭގެ ފުރާޅުތަކުގައި ޖަހާފައިހުރި ޓިނުތަކުގައި ދަބަރުޖަހައި ހަލާކުވެ ގަސްރުއްތައް މަރުވެދިޔަ ތަނެވެ. މިއީ ތައްޔާރުނުވެ މަސައްކަތް ފެށުމުން ދިމާވިގޮތެއްކަމަށް މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔައެވެ.
ދެވަނަ ސަބަބެއްގެގޮތުގައި ރައްޔިތުން ފާހަގަކުރަނީ ބަނދަރުހެދުމާއި ފަޅުފުންކުރުންފަދަ ބޮޑެތި ޕްރޮޖެކްތްތައް ރަށްރަށުގައި ހިންގާއިރު ރައްޔިތުންގެ ބައިވެރިވުމެއް ނެތި ހަމައެކަނި ސަރުކާރަށް ފެންނަގޮތަކަށް އަމަލުކުރެވޭތީވެ ދިމާވާ ގޮތެއްކަމުގައެވެ. މިވާހަކަ މިގޮތަށް ދައްކާއިރު ސަރުކާރުންވެސް ދިރާސާތަކެއް ކުރާނެކަމާއި އެކްސްޕާޓުންގެ މަޝްވަރާއާއެކު ނޫނީ މިކަހަލަ ބޮޑެތި ކަންތަކެއް ނުނިންމާނެކަންވެސް އެނގެއެވެ. އެހެންނަމަވެސް ރަށެއްގެ ބަނދަރާބެހޭ މަސައްކަތެއް ނުވަތަ ފަޅުހިއްކުންފަދަ ބޮޑުކަމެއްކުރާނަމަ އެންމެ ފުރަތަމަ މަޝްވަރާ ކުރަން ޖެހޭ އެއްބަޔަކީ އެރަށެއްގެ ރައްޔިތުންނެވެ. ނުވަތަ ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ކައުންސިލެވެ. ކައުންސިލްގެ ބައިވެރިވުމެއް ކޮންމެވެސް ވަރަކަށް އޮވެގެން ކުރިއަށްގެންދާނަމަ ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވާކަށް ނުޖެހޭނެއެވެ.
އޭދަފުއްޓަށް ބަލާއިރު މިފަދަ އެއްކަމަކީ ފުޓްސަލް ދަނޑެވެ. ޒުވާނުންނަށް ޚާއްސަ ކޮށްގެން މިފަދަ ކަމެއްކޮށްދިނީތީވެ ސަރުކާރަށް ޝުކުރުއަދާކުރަންޖެހެއެވެ. އެހެންނަމަވެސް ސުވާލު އުފެދެނީ ދަނޑުގެ ފެންވަރާމެދުގައެވެ. ރަށުގެ ކައުންސިލުން އަދިވެސް މި ދަނޑާ ހަވާލުވެފައި ނުވަނީ އެމަސައްކަތުގެ ފެންވަރުދަށް ކަމުންނެވެ.
” ހަވާލެއްނުވެވޭނެއެއްނު. އެހެރީ އެތަން ހަދާފަހުރި ފެންވަރު. އެތަނުގައި ޖަހާފައިހުރި ހޮޅިތައް ލެވެލްއެއް ނޫން. ވެލްޑިންގ މަސައްކަތުގައިވެސް ފެންވަރެއްނެތް. އެހެންވުމުން ވަރަށްއަވަހަށް ހޮޅިތަކުގައި ދަބަރުޖެހުމާއި އެހެން މައްސަލަތައްވެސް ނުކުންނާނެ. މި މަސައްކަތް ކުރަމުން ދިޔައިރުވެސް މި ކަންކަން ރަނގަޅުކުރަން އެދުނިން. ދަނޑުގެ ލައިޓް ސިސްޓަމާ ވައިރިންވެސް ހުރީ ގަބޫލުކުރެވޭ ފެންވަރަކު ނޫން. ލައިޓްތަކަކީ ކުޅިވަރު ކުޅޭ ދަނޑެއްގައި ޖެހުމަށް ބޭނުންކުރާވަރަށް ވުރެ މާބޮޑަށް އަލިމަޑު ވަރަށް އާދައިގެ އެއްޗެތިތަކެއް .ގާއަތުރާފައިހުރީވެސް ހިތަށް އެރި ގޮތަކަށް. ޖުމްލަކޮށް ބަލާއިރު ފުޓްސަލް ދަނޑުގެ ހުރިހާ ކަމެއްވެސް ހުރީ މިކަހަލަ ގޮތަކަށް. މިހެންވުމުން މިތަން މިވަނީ ވަގުތީ ތަނަކަށް. ފެންވަރުދަށް ވުމުން ވާނީވެސް އެހެންތާ!” ރައީސް އަލީ ވަހީދު އެތަނާ ހަވާލުނުވި ސަބަބު ކިޔައިދެއްވަމުން ވިދާޅުވިއެވެ.
ދެންއޮތީ އޭދަފުށީ ތޮށިލުމުގެ ނުވަތަ ރިވެޓްމެންޓް ޖެހުމުގެ ވާހަކައެވެ. ރައްޔިތުންގެ ބަހަކީ ދެވަނަ ފިޔަވަހީގެދަށުން މިކުރާ މަސައްކަތް ބަލައިގަނެވޭވަރަށްވުރެ ފެންވަރު ދަށްކަމުގައެވެ. މި ގޮތަށް މަސައްކަތްކޮށް ނިންމާލައިފިނަމަ ގިނަދުވަސްތަކެއްނުވެ ތޮށިގަނޑުހަލާކުވާނެއެވެ.
ރައްޔިތުންގެ ކަންބޮޑުވުމާ އެއްވަރަށް ރަށުކައުންސިލުވެސްވަނީ މިކަމާބެހޭ ގޮތުން ވާހަކަދައްކާފައެވެ.
ކައުންސިލުގެ ރައީސް ވިދާޅުވަނީ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ބޮޑުހިލަޖަހާފައިވަނީ 1300އެމްއެމްގެ ބޯމިނުގައި ކަމަށްވިޔަސް ހޯގާރޑުން ދެވަނަ ފިޔަވަހީގައި ތޮށިލަމުން އެގެންދަނީ އެންމެ 600އެމްއެމް ގައެވެ. އެހެންވީމާ ފުރަތަމަ ފިޔަވަހީގައި 1300އެމްއެމް ގައި މަސައްކަތް ކުރިއިރު ދެވަނަ ފިޔަވަހީގައި އެހާ ބޮޑުތަނެއް ކުޑަވެގެން ދިޔައީ ކީއްވެގެންތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ.. އިތުރަށް ރައީސްވިދާޅުވީ ހިލަޖަހަން ފެށުމުގެކުރިން 1.2 މީޓަރަށް ކޮންނަން ޖެހޭނެކަމަށާ އެކަމަކު މަސައްކަތްކުރަމުން އެގެންދަނީ އެކަންވެސް ނުކޮށެވެ. އަނެއްކާ ބޭނުންކުރާ ހިލައިގެ ސައިޒްވެސް ކުޑަވަމުންދާކަން ފާހަގަ ކުރެއްވިއެވެ.
މިއީ ހޯގާޑްގެ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި އެމީހުން މަސައްކަތްކުރަމުން ގެންދަނީ ހައުސިންގ މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ވާގޮތަށްކަމަށް ރައީސްވިދާޅުވިއެވެ.
މިކަމުގައި ކައުންސިލަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަމުގައި ރައީސް އަލީވަހީދު ވިދާޅުވިއެވެ. މި މަސައްކަތް ހިންގަނީ ކައުންސިލްގެ އެއްވެސްވަރެއްގެ ބައިވެރިވުމެއް އޮވެގެން ނޫންކަމާއި ކައުންސިލަށް ކުރެވޭނެހާވެސް ކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ހައުސިންގ މިނީސްޓްރީގައި ދެންނެވުމެވެ. އެކަން ކައުންސިލުން ކޮށްފިއެވެ. ހައުސިންގމިނިސްޓްރީން އެއަޑު އެހީކަންނޭގެއެވެ. މަސައްކަތް ހނިގާ ގޮތް ބެލުމަށް ހައުސިންގމިނިސްޓްރީގެ ޓީމެއް އެބައަންނަކަމުގައި ރައީސް ވިދާޅުވިއެވެ.
ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައްވެސް ހިންގަން ޖެހޭނީ ދެމެހެެއްޓެނިވި ގޮތަކަށް ގެރެންޓީ ޕީރިއަޑްއަކާވެސް އެކުގައި ކަމަށް ގަބޫލުކުރެވެއެވެ. ހަމަ ކަމެއްކޮށްލާފައި ދާ އުސޫލުން އެކަން ކޮށްނިންމާލާފައި ދިއުމުން ލިބޭ ގެއްލުން ބޮލުއަޅާނީ މަސައްކަތް ކުރިފަރާތަކުން ނޫނެވެ. އެހުރިހާ ގެއްލުމެއްގެ އުނދަގޫވެގެންދާނީ އަނެއްކާވެސް ސަރުކާރަށާ އެރަށެއްގެ ރައްޔިތުންނަށެވެ.
ސަރުކާރުން މިއުޅެނީ ރަށްރަށަށް ދިމާވެފައިވާ ބޮޑެތި ދަތިތަކެއް ހައްލުކޮށްދޭށެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެ ފަސޭހަ ރައްޔިތުންނާހަމައަށް ފޯރުކޮށްދޭށެވެ. އުފެދޭ ބޮޑު ސުވާލަކީ ހަމަހަގީގަތުގައިވެސް މިކަމުގައި ރަށު ކައުންސިލުގެ ބައިވެރިވުމެއްނޯވެއޭ ކައުންސިލުން ބުނާ ބުނުމަކީ ތެދެއްބާއެވެ. އެހެންކަމަށްވާނަމަ ސަރުކާރުން މިފަދަ ކަންތަކުގައި ކައުންސިލްގެ ލަފާ ހޯދުމަކީ މުހިއްމުކަމެއްކަމުގައި ނުދެކެނީ ކީއްވެގެން ބާއެވެ. މަސައްކަތް ނިންމާފައި ކައުންސިލާ ހަވާލުކުރާއިރު މަސައްކަތް ކުރިގޮތާމެދު ކައުންސިލް ހިތްހަމަ ނުޖެހޭނަމަ ދެން ހަދާނީ ކިހިނެއްތޯއެވެ؟
އެނގޭ ކަމަކީ އޭދަފުށީގައި މިހާރު ޖަހަމުން އެގެންދާ ރިވެޓްމަންޓް މާގިނަ ދުވަހަކު ދެމިހުންނާނެކަމަށް ރައްޔިތުން ގަބޫލު ނުކުރާކަމެވެ. އެއީ ކޮންމެ ފަރާތެއްގެ އިހުމާލުން ދިމާވެފައިވާ ކަމެއްކަމުގައި ވިޔަސް މިފަދަގޮތަކަށް މަސައްކަތަކުރާތަން ބަލާކަށް ރައްޔިތުންވެސް ނުތިބޭނެއެވެ. އެކަން ރަނގަޅުކުރުމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރަންވެސް ޖެހޭނެއެވެ.
މިދަންނަވާލެވުނީ އަޅުގަނޑުމެންގެ ކުރިމަތީގައި ހިނގަމުން ދާ ކަންތަކުގެ ވާހަކައެވެ. ސަރުކާރުން މިފަދަ ކިތަންމެ ޕްރޮޖެކްޓެއް ރާއްޖޭގެ އެކި ހިސާބުގައި ކުރިއަށްއެބަގެންދެއެވެ. އެތަންތަނުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެސަބަބުން ރައްޔިތުންގެ ޝަކުވާތައް ގިނަކަން ޚަބަރުފަތުރާ ވަސީލަތްތަކުން އެނގެއެވެ. ސަރުކާރުން ރައްޔިތުންނަށްޓަކާ ކުރާ މަސައްކަތެއް ހުއްޓުވުމަކީ ރީތި ކަމެއްނޫނެވެ. އެއްވެސް ރައްޔިތަކު ކުރަން ބޭނުންވާނެ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ރަށުގެ ވަޒަންވެރިންނަށް ކަމެއްކޮށްދޭއިރު އެއީ ރަނގަޅަށް ކުރެވޭކަމެއްކަމުގައި ނުވަންޏާ އެކަން ރަނގަޅުކުރުވުމަކީ ކުރަންޖެހޭނެ ކަމެކެވެ. މަސައްކަތް ހުއްޓުވަންޖެހެނީ މިހެންވީމާ ކަމުގައި ގަބޫލު ކުރެވެއެވެ.
އަތޮޅުތަކުގައި މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާއިރު އެރަށެއްގެ ކައުންސިލްވެސް އެއީ މަސައްކަތުގެ ބައިވެރިއެއްކަމުގައި ބަލާނަމަ ރައްޔިތުންގެ ޝަކުވާ ނިމުމަކަށް އައީކަމުގައި ދަންނަވަން ކެރިދާނެއެވެ.