ދިގު މުއްދަތަކަށް ބިދޭސީންނަށް ވިސާ ލިބޭ އިސްލާހު ތަސްދީގު ކުރައްވައިފި

large_15613743202678za.jpg

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ބެހެއްޓުން ނުވަތަ އެ އަދަދުގެ މިންވަރެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ލިބޭގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވީސާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިސާތައް ދޫކުރާނީ ކޮންޓްރޯލަރު އޮފް އިމިގްރޭޝަނެވެ.

މީޓިން ވިސާއަކީ ކޮންޓްރޯލަރު އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫން ވެސް ފަރާތަކުން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް ނުވަތަ ކޮންފަރެންސެއް ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ.

އަދި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. ހަމަ އެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top