އިދިކޮޅުގެ ޗެލެންޖް : ރައީސް ޔާމީނަށް ކުރެއްވި ތުހުމަތުތައް ސާބިތު ކޮށްދެއްވާ!

img_md_201911280936541574959014.8271.jpeg

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓު ހަދަން ދޫކުރި ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާއި އަދި އެ ފައިސާ ވެސް ހިފައިގެން ރައީސް ޔާމީން ވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވުމާއި ގުޅިގެން، މި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ސާލިހަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޗެލެންޖް ކޮށްފިއެވެ.

ސަރުކާރުން ތަރައްގީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ކުރީ ސަރުކާރުތަކުން ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދިވާ ކަމަށާއި ދައުލަތަށް ލިބެންވާ އާމުދާނީވެސް ނުލިބޭ ކަމަށެވެ.

”ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް، އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދު ކުރެވޭނީ” ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ  ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނު ކުރެއްވުމަށް ރައީސް ސާލިހު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، އެމްޑީޕީގެ ފެންވަރުންވެސް ވަރަށް ދަށު ދަރަޖައިގެ، ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށާއި، އެމްޑީޕީގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނުވާ، ސާބިތު ނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީނާ މެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ސާލިހަށް ޗެލެންޖް ކުރާކަމަށާއި ސާބިތު ނުކުރެއްވޭނަމަ، ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުން ބާލާ ދުވަހު، ގާނޫނީ އިމުގެ ތެރެއިން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކާއި، ހިންގަވަމުން ގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަން ރައީސް ސާލިހަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

“އެދުވަހަކުން، ކޯޓުގައި ހުންނަވައިގެންވެސް ސާބިތުނުކޮށްދެއްވޭނަމަ، ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަން ޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަން.” އިދިކޮޅުން ބުންޏެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ ‘ކުރީ ސަރުކާރު ފޭބި އިރު އެއްވެސް ފައިސާއެއް ނެތް’ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަށް ވެސް ރައްދު ދެއްވާފައެވެ.

“އެމަނިކުފާނާ މިޕާޓީން ވެރިކަން ޙަވާލުކުރި ދުވަހު، ރައީސް ޔާމީން ޤާއިމުކުރެއްވި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ފައިސާ ހުންނާނެއެވެ. މިކަން އޮންނާނީ 22 ނޮވެމްބަރު 2018 ގައި އެމް.އެމް.އޭ ގެ އެއިރުގެ ގަވަރުނަރު އަޙްމަދު ނަޞީރު، ބަޖެޓް ދިރާސާގެ ތެރޭގައި ހާމަކުރައްވާ، އިޢްތިރާފުވެވަޑައިގެންފައެވެ. އޭގެ އިތުރުން، 718 މިލިއަން ޑޮލަރު އެމް.އެމް.އޭ. ގެ ރަސްމީ ރިޒާވުގައި، ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިންމެވިއިރު، ރައްކާކޮށްފައި ހުންނާނެއެވެ. މިއަން ވަނީ އެމް.އެމް.އޭ. ގެ ވެބްސައިޓުގައިވެސް ޝާއިޣުކޮށްފައެވެ” އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ ނުހައްގުން އަނިޔާވެރި ގޮތަކަށް ޖަލަށްލައިގެން މިޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށާއި ބޭރުގެ އިސްތިއުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ގާނޫނު އަސާސީއާއި ގާނޫނުތައް މުގުރުމުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top