އިސްލާމްދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަންފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްހަވެރި މަސައްކަތްޕުޅުން ކަމަށާއި ދިވެހިންގެ އަގީދާ ބަދަލުކުރަން ތަފާތު ދަންނަބޭކަލުންގެ ނަމުގައި މީހުން މަސައްކަތްކުރާކަމަށާއި ނަމަވެސް ދިވެހިންގެ އިސްލާމީ އަގީދާ ނުގުޑާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޝައިޚުންގެ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒު ވެއްޖެއެވެ.
ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން މަޝްހޫރު ޝައިޚް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެފައިވަނީ ސޫފީ އަޤީދާގެ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތު ހަމަނުވާނެ މީހެއްކަމަށާއި އެހެންކަމުން އެފަދަ މީހަކު މަޖިލީހުގެ ރައީސް ކަމަށް ވެސް ޝަރުތު ފުރިހަމައެއް ނުވާނެކަމަށެވެ.
މި ގޮތުން މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތައް ހިމެނޭ ފޮޓޯއަކާއެކު ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޫފީ އަޤީދާގެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ހަމައެއް ނުވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް މަޖިލީހުގެ ރައީސްކަމަށް ވެސް ޝަރުތު ހަމަނުވާނެ ކަމަށެވެ. އިޔާޒު ވިދާޅުވީ މަޖިލިސް މެމްބަރުކަމާއި، މަޖިލިސްގެ ރައީސްކަމުގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ކަނޑައެޅިފައި ވާކަމަށެވެ. އިޔާޒު ވަނީ މަޖިލިސް މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި ހިމެނޭ ޝަރުތުތައްވެސް އޭނާގެ ޓްވީޓުގައި ހިމަނާފައެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ސޫފީ މަޒުހަބަށް ތާއީދުކޮށް ދެއްކެވި ވާހަތަކާ ގުޅިގެން ގިނަ ދީނީ އިލްމު ވެރިންގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެފައިވާއިރު މި ސަރުކާރު ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވެސް ވަނީ ދިވެހިން މަގު ފުރައްދަން އުޅޭ މީހުންނާ މެދު ސަމާލުވުމަށް ގޮވާލައްވައިފައެވެ.
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ކުރެއްވި ޓްވީޓެއްގައި، ސައްހަ އަގީދާ އަކީ ކޮބައިކަން ނޭނގޭ ހާލު ދިވެހިންގެ އަގީދާ ނުގުޑާނެއޭ ބުނެ ބާތިލް އަގީދާތަކަށް ގޮވާލައި، ދިވެހިން މަގު ފުރައްދަން އުޅޭ މީހުންނާ މެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެެ.
މީގެ އިތުރުން ދިވެހިންގެ އަގީދާ އަކީ އަހްލު ސުންނަ ވަލްޖަމާއަތުގެ އަގީދާ ކަމަށް ވެސް ޝައިހް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އެ ޓްވީޓު ކުރައްވާފައި ވަނީ ދިވެހިންގެ އަގީދާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަށް އިޝާރަތް ކުރައްވައި ކަމަށް ބެލެވެއެވެ.
ޝައިހު އަލީ ޒައިދު ވިދާޅުވީ ސިޔާސީ ގޮތުން ފުންނާބު އުސް ބައެއް ބޭފުޅުން ދިވެހިންގެ އަގީދާ ހަލާކުކޮށްލުމަށް ސޫފީންގެ ކަންކަން ދިރުވުމުމަށް މިގައުމުގައި މަސައްކަތް ނުކުރުމަށް ގޮވާލާފައެވެ.
ސޫފީ އަކީ ކީރިތި ރަސޫލާ ގެނެސްދެއްވި ސާފު އިސްލާމީ ހަމަތަކާއި އުސޫލާއި ޚިލާފު އަގީދާއެއްކަމަށް އަލީޒައިދު ވަނީ ވިދާޅުވެފައެވެ. އަދި މިކަން ކުރަން އުޅުނަސް މިފަސް ގަނޑުގައި އެކަމެއް ނުވާނެކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވި އެވެ.