ރިޕޯޓުގައި ކުށެއް އޮއްވައި ސޮއިކުރުމުން މެޖިސްޓްރޭޓަށް ފިޔަވަޅު އަޅައިފި

jsc.jpg

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ކުށެއް އޮއްވައި އެ ރިޕޯޓުގައި ސޮއިކޮށްފައިވާތީ، ގއ. ގެނަމަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓަރު އިބްރާހީމް މުނީރަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ޖޭއެސްސީ އިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގއ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރާމެދު ސުލޫކީ ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމީ، ގއ. ގެމަނަފުށީ ރަށު ގެއެއްގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި، ގަޒިއްޔާގައި ހުކުމްކުރި ގޮތާ ޚިލާފަށް، އެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ގއ. ގެމަނަފުށީ ރުއްދޮށުގެއާއި އެންމެހާ އިމާރާތްތަކާއި ރުއްގަހުގެ މިލްކުވެރި ފަރާތަކީ ގއ. ގެމަނަފުށީ ރުއްދޮށުގޭ އަލްމަރުޙޫމް ޙުސައިން މަނިކު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުން ފެށިގެން ހުކުމާހަމައަށް ބަޔާންކޮށްފައިވަނީ ގއ. ގެމަނަފުށީ ރުއްދޮށުގޭ ޒައިދު ޙުސައިންގެ ނަންކަމަށް ބުނެފައި ވާކަމަށެވެ.

މިކަމަކީ ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި އޮތް ލިޔުމުގެ ކުށެއްކަމަކަށްވީއިރު އެކުށް ފާހަގަނުވެ އަދި އެކުށް ހުރިކަން ނޭނގި ރިޕޯޓުގައި ސޮއިކޮށް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓު ދޫކުރުމަކީ، ގަސްތުގައި ކޮށްފައިވާ ކަމެއް ކަމުގައި ނުވިނަމަވެސް، އެ ކަމަކީ އިސް މެޖިސްޓްރޭޓް އިބްރާހީމް މުނީރު ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އެހެންކަމުން އިސް މެޖިސްޓްރޭޓް އިބްރާހީމް މުނީރުއަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 75 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top