ބަދަލުވީ ހަމައެކަނި ނަމެވެ. ތަންކޮޅެއް ދުރު މާޒީއަށް ޖެހިލާނަމަ މިއީ ރާއްޖޭގެ އަތު މަސައްކަތާ އަތްތެރި މަސައްކަތުގެ މައުރަޒެވެ. މި އަހަރު ބޭއްވި މި މައުރަޒަކީ ”ފަންނު އެކްސްޕޯ”އެވެ. ނުވަތަ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒެވެ. ކޮންމެ ނަމެއް ކިއުނު ނަމަވެސް މި މައުރަޒާ އެންމެ ދޯޅު އަތޮޅަކީ ބ.އަތޮޅު ކަން ތާރީޚު ހެކިދެއެވެ. ހާއްސަކޮށް ތުޅާދޫއެވެ. ކިހާދޫއެވެ. އެެހެނީ ލިޔެ ލާޖެހުމާއި ލާ ފެންކުރުމުގެ ރޮނގުން ތުޅާދޫއާ ވާދަކުރެވޭ ވަރުގެ އެެހެން ރަށެއް އަދި ރާއްޖެއަކު ނެތެވެ. މަޑު މަޑުން އުވެމުން ދާހެން ހީވިޔަސް ރުކުފަތީގެ މަސައްކަތުގައި ބ. ކިހާދޫ މީހުން ދައްކަމުން އައި ކުޅަދާނަ ކަމާ އެފަންނަށް އެމީހުން އަހުލުވެރިވެ ފަރިތަވެފައިވާ ވަރަށް އެހެން އަތޮޅަކަށް އަދި ވާދަކުރެވޭ ވަރެއް ނުވެ އެވެ.
މިއަހަރުގެ ”ފަންނު އެކްސްޕޯ” ގައި ފެނިގެން ދިޔައީ މި ރީތި ތާރީޚު އިއާދަވެގެން ދިޔަ ތަނެވެ. ގިނަ ރަން ވަނަ ތަކަކާއެކު ބ.އަތޮޅުގެ އުފެއްދުން ތެރިކަމުން ފަންނު އެކްސްޕޯ ވަނީ މުއްސަނދިކޮށްދީފަ އެވެ. އެގޮތުން ބަލާއިރު މި އެކްސްޕޯއިން ބ.އަތޮޅު ވަނީ ލިޔެލާ ޖެހުމުގެ ބައިންނާއި ދަތުރުފަތުގެ ގިންތި އާއި އަމިއްލަ ފަންނުގެ ދާއިރާއިން އެއްވަނަ ހޯދައިފަ އެވެ. މަސްވެރިކަމުގެ ގިންތިތަކުން ދެ ވަނަ އަދި އަތްތެރި މަސައްކަތުގެ ކެޓަގަރީގެ ބައިތަކުން ދަގަނޑާއި އެހެނިހެން މައުދަނުގެ ބައިން ދެވަނަ އާއި މަސްވެރިކަމުގެ ބައިން ދެވަނަ އާއެކު މުޅި މައުރަޒުން ވަނީ ދެވަނަ ހޯދައިފަ އެވެ.
އެެހެން ނަމަވެސް މުޅި އެކްސްޕޯއަށް ބަލާއިރު އެންމެ ފާހަގަ ކުރެވިގެން ދިޔައީ އަމިއްލަ ފަންނުގެ ދާއިރާއިން އެއްވަނަ ހޯދި ބ.ތުޅާދޫ ރިޔާޒް އަބްދުލް އަޒީޒު އަބްދުލް ރަހީމް، ލިޔެ ލާޖަހައިގެން ހަދާފައިވާ އަށް ފޫޓު ވަރުގެ އުދޯއްޔެވެ. ފަންނަށް ޒިޔާރަތް ކުރި އެންމެން ކަހަލަ ގޮތަކަށް ނަޒަރު ހުއްޓިގެން ދިޔަ މި އުނދޯލީގައި އަތްނުލާށޭ ލިޔެފައި އޮތްނަމަވެސް ބައެއް މީހުންނަށް އޭގައި އަތްލެވެނީ އިޚްތިޔާރަކާ ނުލައެވެ. މަސައްކަތުގެ ފުރިހަމަ ކަމާ އެއްވަރަށް ހައިރާން ވާފަދަ ރީތި ކަމެއް ހުރުމުންވެސް މެއެވެ.
މި އުނދޯލީގެ އިތުރުން ބޮޑު ކާމޭޒެއް ވެސް އެކްސްޕޯ އަށް އަޒީޒު ހުށައެޅިއެވެ. އޭނާ ހުށަހެޅި ތަކެއްޗަށް ގިނަ ވަނަ ތަކެއް ލިބުމާއެކު މުޅި މައުރަޒުން ލިޔެލާ ޖެހުމުން އެއްވަނަ އާއި އަމިއްލަ ފަރުދުންގެ ބަޔާއި މުޅި މައުރަޒުން ރަން ވަނަ ވެސް ހޯދާފައިވެ އެވެ.
މި އަހަރުގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި 6 ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން ބައިވެރިވެފައި ވެއެވެ.
ކިޔުންތެރިންގެ ޚިޔާލު