އޭދަފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ސްފީޑް ލާންޗްގެ ފެރީ ހިދުމަތަށް މިދުވަސްކޮޅު ބާރުބޮޑުވެ ޑިމާންޑް ވަރަށް މައްޗަށް ގޮސްފައިވާކަމަށް ސޭލަމް ޓްރާންސްޕޯޓާއި، ޔޫސުފް ސްޕީޑުން ބުނެފިއެވެ.
ޔޫސުފް ސްޕީޑުން ވާހަކަދެއްކި އަހްމަދު ޔޫސުފް ބުނީ މިހަފްތާގެ ހުރިހާ ދަތުރެއް ދެކޮޅަށް ޓިކެޓް ވިކި ހުސްވެފައިވާ ކަމަށާ، އެންމެ އަވަހަށްވެސް ޓިކެޓް ދެވޭނީ އަންނަމަހުގެ ތެރޭގައި ކަމަށެވެ.
“ގުޅިޔަސް ޖާގައެއް ނުދެވޭނެތާ. މިހާރުވެސް އެބަގުޅާ މީހުން. އެކަމަކު އެންމެ ޖާގައެއްވެސް ހޮނިހިރާ ހަމައަކަށް ނުދެވޭނެ. ދެކޮޅަށްވެސް ވިކިހުސްވެފަ މިހުރީ. އަންނަމަހަށްވެސް މިހާރު އެދަނީ ބުކިން ހަދަމުން. ކުރިޔާލާ އުޅެގެން ލިބޭނީ”
ސޭލަމް ޓްރާންސްޕޯޓްގެ އޭދަފުށީ އެޖެންޓް މުހައްމަދު ލަތީފް (މޮހޮނަ) ބުނީ ޖާގަލިބުމުގައި އަދި ދަތިކަމެއް ނެތްކަމަށާ، އެހެންނަމަވެސް ޑިމާންޑް ބޮޑުކަމުން މިވަގުތު އޮޕަރޭޓް ކުރަމުންދަނީ 50 މީހުންގެ ޖާގައިގެ ބޮޑު ލޯންޗް ކަމަށެވެ.
“ސްކޫލް ބަންދާއެކު ބާރުބޮޑުކޮށް ހަމަ މިއުޅެނީ، އެކަމަކުވެސް އަދި ހިފަހައްޓާލެވޭ ވަރުވޭ. ކުރިން ކުޑަލޯންޗް ބާއްވައިގެންވެސް ފުދޭ. އެކަމަކު މިހާރު ވަނީ ބޮޑު ލޯންޗުން. ފުލްކޮށް މިއަދުވެސް މި ފުރުވާލީ” މޮހޮނަ ބުންޏެވެ.
އޭދަފުއްޓާ މާލެއާދެމެދު ޔޫސުފް ސްޕީޑުން ދަތުރުތައް ބާއްވަނީ ހަފްތާގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި ސޭލަމް ސްޕީޑުން ލޯންޗް ދަތުރުތައް ބާއްވަނީ ހަފްތާގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ.
ސްކޫލް ބަންދާއެކު މާލެ ދަތުރުކުރާ ސްޕީޑް ލޯންޗްތަކަށް ބާރު ބޮޑުވިއިރު، ދަރަވަންދޫ އެއާޕޯޓް މެދުވެރިކޮށް ވައިގެމަގުން ކުރާ ދަތުރުތަކަށްވެސް މިދުވަސްކޮޅު ޑިމާންޑް ބޮޑުކަމަށް ދަރަވަންދޫ އެއާޕޯޓުން މިދިޔަހަފްތާ ވަނީ ބުނެފައެވެ.