މިއަހަރު ދޮންފަނު އިންވިޓޭޝަން ކަޕްގައި އޭދަފުށީގެ ނަމުގައި ވާދަކުރާ ވެލާ ސްޕޯޓްސް ކަލްބްގެ ފުޓްބޯޅަ ޓީމަށް އެހީގެ ގޮތުގައި އޭދަފުށީ ޖަމްއިއްޔަތުލް ވަފާއާއި، އޭދަފުށީ ކައުންސިލުން ފައިސާގެ އެހީދޭން ނިންމައިފިއެވެ.
ފައިސާގެ އެހީގެ ގޮތުގައި ޖަމްއިއްޔަތުލް ވަފާއިން ވެލާ ސްޕޯޓްސްއަށް ދެނީ 5100ރ އެވެ. ކައުންސިލުން ދޭން ނިންމާފައިވަނީ 5000ރ އެވެ.
ޖަމްއިއްޔަތުލް ވަފާގެ ފަރާތުން ދޭ އެހީގެ ލިޔުން ރޭ އެޖަމްއިއްޔާގެ ގޭގައި ވެލާ ސްޕޯޓްސް އާ ހަވާލުކުރީ ޗެއާމަން އަހްމަދު އަންވަރެވެ. އޭދަފުށީ ކައުންސިލުން ވެލާއަށް ދޭން ނިންމި 5000ރ ވެސް އެޖަމްއިއްޔާއާ ވަރަށްއަވަހަށް ހަވާލުކުރާނެކަމަށް ކައުންސިލުން ބުންޏެވެ.
ވެލާ ސްޕޯޓްސްގެ އިސް އޮފިޝަލެއްކަމުގައިވާ އާޒިމް އަބްދުއްސައްތާރު (ޒިންޓޭ) ބުނީ ވަފާ ޖަމްއިއްޔާގެ އެހީއަކީ މުޅި ޓީމަށްވެސް ލިބުނު ބޮޑު ހިތްވަރެއްކަމަށާ، ކައުންސިލުންވެސް ވެދިން އެހީއަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ ބުނީ ވެސްޓިން ރިސޯޓްގައި މަސައްކަތްކުރާ އޭދަފުށީ ސްޓާފުންނާއި، ބައެއް އެހެނިހެން ފަރާތްތަކުގެ އެހީވެސް ލިބެމުން އަންނަކަމަށެވެ.
“އަސްލު އަހަރެމެން އެދިގެން ދިން އެހީއެއްވެސް ނޫން އެއީ. ހަމަ ލިބުނު ސަޕްރައިޒެއް. އެހެންވީމާ ވަރަށް ޕޮޒިޓިވްކޮށް ހުރިހާ އެންމެންވެސް މިކަމުގައި ތިބިކަން އެބައެނގޭދޯ. އެއީ ވަރަށްބޮޑު ހިތްވަރަކަށް ރޭގަވީ. ދެންކައުންސިލުންވެސް އަންގާފަ އޮތީ ފަސްހާސްރުފިޔާ ދޭން ނިންމިކަން. ދެން ވެސްޓިން އޭދަފުށި ސްޓާފުންނާ، ބައެއް އެހެން ފަރާތްތަކުންވެސް އެހީތެރިވަމުންދަނީ” ފުޓްބޯޅަ ޓީމް ކަންކަމުގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަ ވެލާ ސްޕޯޓްސްގެ މެމްބަރ ޒިންޓޭ ބުންޏެވެ.
ދޮންފަނު އިންވިޓޭޝަން ކަޕްގައި މިދިޔަ އަހަރު އޭދަފުށި ވާދަކުރީ ކްލަބް އޭދަފުށީގެ ފަރާތުންނެވެ. އޭގެ ކުރީއަހަރު ކައުންސިލުން ވާދަކުރިއިރު 2016 ވަނަ އަހަރު އޭދަފުށިން މިމުބާރާތުގައި ބައިވެރިނުވެއެވެ. ވެލާ ސްޕޯޓްސް އިން މިއަހަރުގެ މުބާރާތުގައި އޭދަފުށި ތަމްސީލް ކުރަން ނިންމީ ޒުވާނުންގެ އެދުމުގެ މަތިންނެވެ.