ލަންކާގައި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރުންތަކެއް މާލީ ދަތިކަމެއްގައި!

big_ePsaem3cEIzocBtBkIxv8i8p1.jpg

ލަންކާގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންތަކެއް ލަންކާގައި ހުންނަވާ ދިވެހި ސަރުކާރުގެ ސަފީރާއެކު

ސްޓޫޑެންޓް ލޯނުގެ ދަށުން ސްރީ ލަންކާގައި ޕައިލެޓު ކަން ކިޔަވާ ދިވެހި ދަރިވަރުންތަކަކަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ އެހީއަށް އެދިއްޖެއެވެ.

ލަންކާގައި މިވަގުތު ޕައިލެޓް ކަން ކިޔަވަމުން އަންނަ ދަރިވަރަކު މީޑިއާ އާއި ވާހަކަދައްކަމުން މިއަދު ބުނީ ހަޔާ އެޑިއުކޭޝަނުން މަތީ ތައުލީމަށް ދޫކުރާ ލޯނުގެ ދަށުން މި ކޯސް އެންމެ ފުރަތަމަ ފެށީ އޭރު ހުއްދަ ދީފައިވާ އައްޑޫއަތޮޅު ގަމުގައި ހުންނަ ފްލައިން ސްކޫލުގައި ކަމަށެވެ.

ނަމަވެސް އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭރުގެ އެހެން ގައުމަކުން ކޯހުގެ ނުނިމި އޮތް ބައި ފުރިހަމަ ކުރުމުގެ ހުއްދަ މިދިޔަ އަހަރު ދިނުމުން އެތަނުގައި ކިޔަވަމުން ދިޔަ ބައެއް ދަރިވަރުން ސްރީލަންކާ އަށް ބަދަލުވި ކަމަށް އޭނާ ބުންޏެވެ. ލަންކާ އަށް އެ ދަރިވަރުން ބަދަލުވީ ފްލައިން ސްކޫލުގެ އިސްވެރިންގެ ދޯދިޔާ ކަމުން އެކި ސަބަބުތަކާއި ހުރެ ކޯސް ދިގުލައިގެންދާތީ އާއި އައްޑޫގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

އެގޮތުން 2017 އަދި 2018 ވަނަ އަހަރު ކުރީ ސަރުކާރުން ކޯހުގެ ކިޔެވުމަށް ދޫކޮށްފައިވާ ލޯނުގެ ސްޓައިޕެންޑަކީ (ހުރުމާއި ކެއުމުގެ ހަރަދު) ސްކޫލުން ކޯސް ނިމޭނެ ކަމަށް ބަޔާންކޮށްފައިވާ 18 މަސް ދުވަހުގެ މުއްދަތައް ބަލައިގެން ދޫކުރި ފައިސާ ކަމަށް އެ ދަރިވަރު ބުންޏެވެ. އެ ހަރަދަށް ކޮންމެ މަހަކު ދޫކޮށްފައިވަނީ 4500 ރުފިޔާއެވެ.

ނަމަވެސް އެއީ އައްޑޫގައި ދިރިއުޅުމުގެ ހަރަދުތަކުގެ ތެރެއިން ކުއްޔާއި ކެއިން ބުއިމާއި (މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ އާއި 4000 ރުފިޔާއާ ދެމެދު، އަދި ކެއިން ބުއިމަށް 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދު) އަދި އެ ނޫން ވެސް ޒަރޫރީ ބޭނުންތަކަށް ކުރަންޖެހުނު ހަރަދުތަކާއި ނުބައްދަލު އަދަދަކަށް ވުމުން، އަސާސީ ކަންތައްތަކަށް ކޯހުގެ ފީ އަށް ކަނޑައެޅިފައިވާ ބަޖެޓުން ހަރަދުކުރަން މަޖުބޫރުވި ކަމަށް އޭނާ ބުންޏެވެ.

“އެންމެ ކުރީއްސުރެން ފެށިގެން ވެސް މާލީ ގޮތުން ދިމާވި ދަތިތަކާއި، ތަފާތު އެކި ޑިލޭތަކާއި އަދި ކޮވިޑް-19 ގެ މި ހާލަތު އައުމުން އިތުރު ހަ މަހުގެ ޑިލޭއެއް މިވަނީ އައިސްފައި. ލަންކާގައި މިވަގުތު މިހުރީ މާލީ ބޮޑު ދަތިކަމެއްގައި. ކޯސް ހުއްޓާލާފައި އެނބުރި ރާއްޖެ ދާން ޖެހިދާނެ ފަދަ ހާލަތެއްގައި މިހުރީ. އަހަރެންނެކޭ އެއްގޮތަށް އެހެން ކުދިން ވެސް މިތިބީ ހަމަ މި ހާލުގައި” އޭނާ ބުންޏެވެ.

އޭނާ ބުނީ މާލީ ދަތިތަކުގެ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ސިޓީއެއްގެ ޒަރިއްޔާ އިން ވެސް ގެނެސްފައި ވާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް މިކަންވާނީ ގެނެސްފައިކަމަށާ ނަމަވެސް އެދެވޭ ނަތީޖާއެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ލަންކާގައި ޕައިލެޓް ތަމްރީން ހަދާ ދަރިވަރުން މާލީ ދަތިކަމެއްގައި ތިބިއިރު، ގަމުގައި ހުންނަ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ އަތުން ލައްކައިން ފައިސާ ހޭދަވިއިރު ވެސް ކޯސް ނުނިމި ދިގުލައިގެންދާތީ އެ ދަރިވަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތައް ބަޔާން ކޮށް މިދިޔަ އާދީއްތަ ދުވަހު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާއިރު ދަރިވަރުން މިހާރު އެ ތިބީ އެ ސިޓީގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top